މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި، އޭނާއާއެކު އުޅުނު ރައުދު އަހުމަދު ޒިލާލްގެ މައްޗަށް ދައުލަތުން ކުރި ދައުވާއަށް އޭނާ ކުށަށް އިއުތިރާފްވެއްޖެއެވެ. ރައުދު އިއުތިރާފްވެފައި މިވަނީ، އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ ދައުވާއަށެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭގައެވެ. ޔުމްނު ވެއްޓިފައިވަނީ ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށެވެ. ގ. އެރިއަދޫ، ރައުދު އަހުމަދު ޒިލާލްގެ މައްޗަށް ދައުލަތުން ދައުވާކުރީ، ޔުމްނު ވެއްޓުނު ވަގުތު އޭނާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިހުމާލުވުމުގެ ސަބަބުންނެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދެއްވި މައުލޫމާތުތަކަށް ބަލާއިރު، ރައުދު ވަނީ މިދިޔަ ބުދަ ދުވަހު އޮތް މައްސަލައިގެ އަޑުއެހުމުގައި ކުށަށް އިޢުތިރާފުވެފައެވެ. އޭނާ އިއުތިރާފުގެ އެއްބަސްވުމެއް ހެދުމަށް އެދުނު ނަމަވެސް، ޕީޖީން ވަނީ އެފަދަ އެއްބަސްވުމެއް ނުހެދުމަށް ނިންމާފައެވެ. މި މައްސަލައިގެ އަވަސްނިޔާގެ އަޑުއެހުން މިމަހުގެ 26 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފައެވެ.
ރައުދު އެއްބަސްވި ކުށުގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ. ނަމަވެސް ކުށަށް އިއުތިރާފްވުމުގެ ސަބަބުން އޭނާގެ އަދަބު އިތުރަށް ލުއިވާނެއެވެ. އަދި ތަހުގީގުގެ މަރުހަލާގައި އޭނާ މަހެއްހާ ދުވަހު ބަންދުގައި ހުރެފައިވާތީ، އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ ވަރަށް ކުޑަ މުއްދަތެކެވެ.
އެ ހާދިސާގައި ޔުމްނުއަށް ބޮޑެތި އަނިޔާތަކެއް ލިބިގެން ރާއްޖެއިން ބޭރަށް އިތުރު ފަރުވާއަށް ގެންދިޔައެވެ. ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ވެސް ކުރިއަށް ދިޔައެވެ. މި ހާދިސާއާ ގުޅިގެން ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް ރިޔާސީ ކޮމިޝަނެއް ވެސް އެކުލަވާލިއެވެ. ރިޔާސީ ކޮމިޝަނުން ނިންމީ ބަޔަކު ގަސްދުގައި ޔުމްނު ވައްޓާލި ކަމަށް ބެލެވޭނެ ހެއްކެއް ނެތް ނަމަވެސް، ފުލުހުންގެ ތަހުގީގުގައި އިހުމާލުތަކެއް ހުރިކަން ފާހަގަވާ ކަމަށެވެ. މިހާ ހިސާބަށް އައިއިރު ވެސް ޔުމްނުގެ ބަހެއް މިކަމުގައި ލިބިފައެއް ނުވެއެވެ.

