ރައްޔިތުންގެ ޓެކްސް ފައިސާ ސަރުކާރުން ހަރަދުކޮށް ހުސްކުރާއިރު، މި ސަރުކާރުން ފަށައިގެން ކުރިޔަށް ގެންދާ ބޮޑު އެއްވެސް މަޝްރޫއުއެއް ނެތްކަމަށް މަރަދޫ ދާއިރާގެ މެމްބަރު ދީދީ ވިދާޅުވެއްޖެ އެވެ.
ދީދީ މިހެން ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި ގުޅޭ ކޮމިޓީ ރިޕޯޓަށް ބަހުސް ކުރައްވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ މަރުހަލާގައި މިނިވަން މުއައްސަސާތައް ހާޒިރުކުރެވުނުއިރު، ޕީއެސްއައިޕީ ޕްރޮޖެކްޓްތަކުގެ ތަފްސީލު އެނގެންޖެހޭކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހުށަހަޅާފައިވާކަން ދީދީ ފާހަގަކުރެއްވިއެވެ. ނަމަވެސް އެ ތަފްސީލުތައް ނެތުމުގެ ސަބަބުން، އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ވެސް އެ ކަންކަމާ ގުޅޭގޮތުން ވާހަކަ ދައްކަން ނޭނގޭކަމަށް ކޮމިޓީގައި ބުނެފައިވާކަމަށް ދީދީ ވިދާޅުވިއެވެ. އަދި އެ އޮފީހަށް އޮތް ހަމައެކަނި ގޮތަކީ މަސައްކަތް ނިމުމުން އޮޑިޓުކުރުން ކަމަށް ވެސް ދީދީ ފާހަގަކުރެއްވިއެވެ.
ތާރީހުގައި ހުށަހެޅުނު އެންމެ ބޮޑު ބަޖެޓަކީ މިއީކަމަށްވާއިރު، މިދިޔަ ދެ އަހަރު ދައުލަތަށް ލިބުނު 110 ބިލިއަން ރުފިޔާއިން ލޮލަށް ފެންނަފަދަ ތަރައްގީގެ އެއްވެސް މަސައްކަތެއް ކުރެވިފައިނުވާކަމަށް ދީދީ ވިދާޅުވިއެވެ. އަދި ވިދާޅުވީ މި ސަރުކާރުގެ ދެ އަހަރުގެ ތެރޭގައި، ބިޔަ މެގަ ޕްރޮޖެކްޓްތަކުގެ ގޮތުގައި ފެންނަމުން ދަނީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ރަށްރަށުގައި ބަހައްޓަމުންދާ އޭޓީއެމް މެޝިން އެކަނިކަމަށެވެ.
މިދިޔަ ދެ އަހަރު އަޅުގަނޑުމެން 110 ބިލިއަން ރުފިޔާ މި ސަރުކާރަށް ހަވާލުކޮށްފީމު… އެހެންނަމަވެސް އަޅުގަނޑުމެން ރައްޔިތުންނަށް ލޮލަށް ފެންނަ ތަރައްގީގެ އެއްވެސް ކަމެއް ކުރެވުމުން ދާތަނެއް ނުފެނޭ… ރައްޔިތުންގެ ސުވާލަކީ ކޮބާހޭ މި 110 ބިލިއަން ރުފިޔާ ކީއްހޭ ކުރީ؟ މި ފައިސާއަށް… ފެންނަމުންދަނީ ބޮޑެތި ޕްރޮޖެކްޓްތަކުގެ ގޮތުގަ މިދިޔަ ދެ އަހަރު ނިމިގެން މި ސަރުކާރު ތިން އަހަރަށް ވެގެން ދާއިރު، ބިޔަ މެގަ ޕްރޮޖެކްޓްތަކުގެ ގޮތުގަ ރައްޔިތުންނަށް ފެނިފަ މިއީނީ ރަށްރަށުގަ އަޅަމުން ގެންދާ އޭޓީއެމް މެޝިން އެކަނި.
ރައީސް ދާދިފަހުން ރާއްޖޭގެ ހުރިހާ ރަށްތަކަށް ދަތުރުފުޅު ކުރައްވާފައިވާކަމަށް އިއުލާނު ކުރެއްވިއިރު، އެންމެ ފަހުން ވަޑައިގަތީ އައްޑޫއަށްކަން ފާހަގަކުރައްވައި ދީދީ ވިދާޅުވީ، އެ ދަތުރުފުޅުގައި ފެނިގެންދިޔައީ 2024 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވައުދުތައް ތަކުރާރުކުރައްވާ މަންޒަރުކަމަށެވެ. އެ ޖަލްސާގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުތަކަކީ، މަޖިލިސް އިންތިހާބުގައި ރައްޔިތުންނަށް ވީ ވައުދުތައްކަމަށްވުމާއި އެކު، މިއީ އަމަލީ މަސައްކަތްތަކެއް ފެށިދާނެ މަޝްރޫއުތަކެއްތޯ ރައްޔިތުން ސުވާލު އުފައްދާކަމަށް ދީދީ ވިދާޅުވި އެވެ.
އައްޑޫގެ ފެނާއި ކަރަންޓުގެ މައްސަލައަށް ހައްލެއް ނުލިބި ދެ އަހަރު ވެގެންދިޔައިރު، ރައީސްގެ ރިޔާސީ ބަޔާނުގައި އެ މައްސަލަ ހައްލުވާނެކަމަށް އެކި ތާރީހުތައް ދެއްވާފައިވާކަން ދީދީ ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނު ދެން އަންނަ ރޯދަ މަހަކަށް ކަރަންޓުގެ މައްސަލަ ހައްލުވާނެކަމަށް ތަކުރާރުކުރައްވާއިރު، އަނެއްކާވެސް އައްޑޫގެ ރައްޔިތުންނަށް ދެއްކެވީ އެ ހުވަފެންކަމަށް ދީދީ ވިދާޅުވިއެވެ.
ދީދީ ވިދާޅުވި ގޮތުގައި ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، މަޝްރޫއުތައް ހުއްޓިފައި ކުރިއަށް ނުދިއުމެވެ. ބައެއް މަޝްރޫއުތައް އަހަރު ފަހުން އިތުރު ކުންފުންޏަކާ ހަވާލުކުރެވުނު ނަމަވެސް، އެ މަސައްކަތްތަކަށް ވާނުވާއެއް ނޭނގޭކަމަށް ދީދީ ފާހަގަކުރެއްވިއެވެ. ރައްޔިތުން މިހާރު އެންމެ ބޮޑަށް ބޭނުންވެފައިވަނީ ފެނާއި ނަރުދަމާގެ މައްސަލަ ހައްލުވެ، ކަރަންޓުގެ މައްސަލައަށް ދާދި އަވަހަށް ހައްލެއް އައުން ކަމަށް ވެސް ދީދީ ވިދާޅުވިއެވެ.
ރައްޔިތުންގެ ޓެކްސް ފައިސާ ވާނުވާއެއް ނޭނގޭ ގޮތަށް ހަރަދުކުރާއިރު، ބަޖެޓު ހަރަދުކުރާ ގޮތުގެ އެއްވެސް ތަފްސީލެއް ނެތްކަމަށް ދީދީ ވިދާޅުވި އެވެ.

