ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓީތައް ފެކްޝަންވެ ބައިބައިވުން ވަރަށް އާންމު، ޒާތީވެ ގޮނޑި ގެއްލުވާލަން ޖާގަ ދެވިގެން ނުވާނެ: މައުރޫފް

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ޕާޓީތައް ފެކްޝަންތަކަށް ބަހާލެވި، ޒާތީ ކަންކަމަށް އިސްކަންދެވުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ގޮނޑި ގެއްލުމުގެ ހާލަތު އުފެދުމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީން ޖާގަ ދެވިގެންވާނެ ކަމެއް ނޫންކަމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

އިސްލާހުގެ ބަހުސަށް ކުރިޔަށް ގެންދިޔަ މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި މައުރޫފް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ އެތެރޭގައި ބައިބައިވެފައިވާ މަންޒަރު ވަރަށް އާންމުކަމަށެވެ. ހާއްސަކޮށް ވެރިކަމުގައި ޕާޓީ އޮންނައިރު، ޕާޓީގެ އެތެރޭގައި ވަކި ގުރޫޕްތައް އުފެދި އަނެކަކާއި މެދު ޒާތީ ގޮތުން ޖައްސާލާކަމަށް މައުރޫފް ވިދާޅުވި އެވެ.

2024 ގެ ނޮވެމްބަރު މަހުގެ ތެރޭގައި ގާނޫނުއަސާސީއަށް ގެނައި އިސްލާހަށް އިޝާރާތް ކުރައްވައި މައުރޫފް ވިދާޅުވީ، މެމްބަރަކު ސިޔާސީ ޕާޓީން ވަކިކުރާ ހާލަތުގައި މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ބަދަލު ގެނައީ އެކަމާ އެތައް ބަޔަކު ދެކޮޅު ހަދަމުން ދަނިކޮށް ކަމަށެވެ. އޭގެ އަހަރެއް ފަހުން މިހާރު ހުށަހަޅާފައިވާ އިސްލާހަކީ، މަޖިލިސް މެމްބަރަކު ޕާޓީއަކުން ވަކިކުރާ ހާލަތުގައި ގޮނޑި ގެއްލުމުގެ ބަދަލުގައި، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮސް، އެ ވޯޓުގެ ނަތީޖާއިން ގޮތް ނިންމުންކަން މައުރޫފް ފާހަގަކުރެއްވި އެވެ.

މައުރޫފް އިތުރަށް ވިދާޅުވީ، ސިޔާސީ ޕާޓީއަކީ އެއީ އަބަދުވެސް ދާއިމީކޮށް އެއްގޮތަކަށް ދެމިއޮންނާނެ ބައެއްތޯ ބަހުސް ކުރަންޖެހޭ ކަމަށެވެ. ސިޔާސީ ޕާޓީތަކަކީ ބައިބައިވުމުގެ ފުރުސަތު އޮތް މުވައްސަސާއެއްކަމަށާއި، ހިޔާލުތަފާތުވުންތައް ކޮންމެ ވަގުތެއްގައި ވެސް އުފެދިދާނެކަމަށް މައުރޫފް ވިދާޅުވު އެވެ.

ކަން ހިނގާފާނެ ގޮތުގެ މިސާލެއް ނަންގަވައި މައުރޫފް ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގައި ބޮޑު އަޣުލަބިއްޔަތެއް އޮއްވައިވެސް އެ ޕާޓީ ފެކްޝަންތަކަކަށް ބެހޭ ހާލަތުގައި ގިނަ ގުރޫޕުތައް އުފަންވާނެކަމަށެވެ. އޭގެތެރޭގައި މެމްބަރެއްގެ ފެކްޝަނެއް ނުވަތަ މަޖިލިސް ރައީސް ފެކްޝަނެއް، އަދި މަޖިލިސް ނައިބު ރައީސް ފެކްޝަނެއް ނުވަތަ ރައީސުލްޖުމްހޫރިއްޔާއަށް ވަކި ފެކްޝަނެއް އުފެދުމުން ދެން އަންނާނީ ވަރަށް ނަތީޖާއެއްކަމަށް މައުރޫފް ވިދާޅުވި އެވެ.

ހަގީގަތުގާ ސިޔާސީ ޕާޓީއަކީ އޭގެ ޒާތުގާ އަބަދު އިންސްޓިޓިއުޝަނެއްގެ ގޮތުގަ ދާއިމީކޮށް އޮވެދާނެ އެއްޗެއްތޯ ނުވަތަ ނޫންތޯ އަޅުގަނޑުމެންގެ ބަހުސް ސުވާލު އުފައްދަންޖެހޭ.. ޕާޓީއަކީ ބައިބައިވުމުގެ ފުރުސަތު އޮންނަ މުއައްސަސާއެއް… ޕާޓީ ބައިބައިވެގެން ގޮސް ޕާޓީގެ އެކި ފެކްޝަންތައް އުފެދިގެން ގޮސް ޕާޓީ ފެކްޝަންވެގެން ދާ ވަގުތެއްގަ… މިސާލަކަށް މިހާރު ޕީއެންސީގަ ބޮޑު އަގުލަބިއްޔަތެއް އޮއްވާ ޕީއެންސީ ފެކްޝަންވާ ހާލަތެއް މެދުވެރިވީ… ދިއްގަރު ދާއިރާގެ މެމްބަރާ އެދަފުށީ ދާއިރާގެ މެމްބަރު އެއް ފެކްޝަން ނަންގަވާފަ، މަޖިލިސް ރައީސް، ޕާޓީގެ ޕީޖީ ލީޑަރު އެއް ފެކްޝަން ނަންގަވާފަ، ރައްޔިތުން މަޖިލީހުގެ ރައީސްކަމަށް އަންނަން ބޭނުންފުޅުވާ މި އިނގުރައިދޫ ދާއިރާގެ މެންބަރު އެއް ފެކްޝަން ނަންގަވާފަ، ރައީސުލްޖުމްހޫރިއްޔާ އެފްއެކްޝަން ނަންގަވައިގެން އެކަހަލަ ހާލަތެއް އައިސްގެން ފިޔަވަޅު އަޅާ ކޮމިޓީގެ ބާރު އޮންނަ ފަރާތަކުން މެންބަރުންތަކެއް ކަނޑާލަނީ.

މައުރޫފް ވިދާޅުވީ، މިފަދަ ހާލަތެއްގައި ޕާޓީގެ ތެރޭގައި ފިޔަވަޅު އަޅާ ކޮމިޓީގެ ބާރު އޮންނަ ފަރާތަކުން މެމްބަރުންތަކެއް ވަކިކޮށްފި ނަމަ، އެ މެމްބަރުންގެ ގޮނޑި ގެއްލޭނެކަމަށެވެ.

ޕާޓީއަކީ ސަތޭކަ އިންސައްތަ ޔަގީންކަމާއިއެކު އަބަދުވެސް ރަނގަޅަށް އޮންނާނެ އެއްޗެއްކަމަށް ދެކުމަކީ ބޮޑު ކުށްހީއެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ. އެހެންކަމުން، ރައްޔިތުން އިންތިޚާބުކޮށްފައި ތިބި މެމްބަރުން ގޮނޑި ގެއްލޭގޮތަށް ޤާނޫނުއަސާސީއަށް ބަދަލު ގެނައުމަކީ އެހާ ރަނގަޅު ނިންމުމެއް ނޫންކަމަށް މައުރޫފް ވިދާޅުވި އެވެ.

މައުރޫފް ވިދާޅުވީ ކުރިން ޤާނޫނުއަސާސީއަށް ގެނެސްފައިވާ ގޮނޑި ގެއްލޭ އިސްލާހު ވެސް އުވާލަން ޖެހޭ ކަމަށެވެ. ނަމަވެސް ޕާޓީއެއްގެ ސަޕޯޓާއެކު އިންތިޚާބުވެގެން އައިސް، އޭނާގެ އަމިއްލަ މަސްލަހަތު އިސްކޮށް ޕާޓީން ވަކިވެއްޖެނަމަ ގޮނޑި ގެއްލުމަކީ ރައްޔިތުން ވެސް ބަލައިގަންނާނެކަމެއް ކަމަށާއި، އޭނާވެސް އެކަމަށް އެއްބަސްވާނެކަމަށް ވިދާޅުވިއެވެ.

 

އިސްލާހުގެ މަސައްކަތް ކުރިޔަށްދާއިރު މަޖިލީހުގެ ކޮމިޓީގައި މިކަންކަމަށް ރަނގަޅު ހައްލެއް ހޯދުމަށް މައުރޫފް ގޮވާލެއްވިއެވެ. އަދި، އަތޮޅު ކައުންސިލް އުވާލުމާއި، މި އިސްލާހު އެއްކޮށް އޮތުމުން ވޯޓު ދިނުމަށް ދަތިވާކަމަށް ފާހަގަކުރެއްވި އެވެ. އެހެންވެ މައުރޫފް ވަނީ އިސްލާހުތައް ވަކީން ދެ އިސްލާހެއްގެ ގޮތުގައި ހުށަހެޅުމަށް އެދިވަޑައިގެންފަ އެވެ.

މައުރޫފް ވިދާޅުވީ ޤާނޫނުއަސާސީގެ ކޮންމެ މާއްދާއަކީވެސް ވަކި މުހިއްމު މަގްސަދެއްގެ އަސާސެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: