މަސްވެރިކަން ކުރުމަށް އެން ހޯދަން ޑައިވް ކުރާ މަސްވެރިން ޑީކޯވުން އިތުރުވަމުން އަންނާތީ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.
ކުލއްި މައްސަލަ ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވީ ރާއްޖޭގައި ގިނަމީހުންނަކީ މިހާރުވެސް މަސްވެރިކަމުގައި ހަރަކާތްތެރިވާ ބައެއް ކަމަށާއި އަދި ދިވެހިންގެ އާމްދަނީއާއި ގުޅިފައިވާ މަސްވެރިކަމުގެ މަސައްކަތުގަިއ ހަރަކާތްތެރިވާ މަސްދޯނިފަހަރައް ބޭނުންވާ މިންވަރާ ގާތައްވެސް އެން ނުލިބޭތީ ޑަިއވްކޮށްގެން އެންހިފުމަށް ދިވެހި މަސްވެރިންނައް މަޖުބޫރުވެފައިވާ ކަމަށެވެ.
އެންހިފުމަށް ޑައިވް ކުރާ ފަރާތްތައް ޑީކޯވުމަކީ މިހާރަކަށްއައިސް އާންމުކޮށް ކުރިމަތިވާ ނުރައްކާތެރި މައްސަލައެއްކަން ޖާބިރު ފާހަގަކުރެއްވިއެވެ. ޖާބިރު ވިދާޅުވީ ޑީކޯވާ މީހާއަށް ފަރުވާދޭނެ އެއްވެސް ވަސީލަތެއް މަސްވެރި އަތޮޅުތަކުގައި ޤާއިމްވެފައި ނެތުމުން އެތަށް މަސްވެރިއެއްގެ ފުރާނަގެއްލި، އެތައް ބަޔަކު ނުކުޅެދޭ ޙާލަތުގައި އުޅެންޖެހިފައިވާކަމަށެވެ.
“ މަސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކުން އަޅާންޖެހޭ ހަރުދަނާ ފިޔަވަޅުތައް ނާޅުއްވާ ތިބުމުގެ ނަތީޖާއެއްގޮތުން އިއްޔެ، 18 ނޮވެންބަރު 2019 ވަނަ ދުވަހު ޑައިވް ކުރި ހުވަދު އަތޮޅު މަސްވެރިއަކަށް ދޭންޖެހޭ ފަރުވާ ތިނަދޫ ރީޖަނަލް ހޮސްޕިޓަލުންވެސް ލިބެން ނެތުމުގެ ސަބަބުން އޭނާގެ ހަށިގަނޑުގެ އެއްފަޅި ވާގިނެތިފައިވާތީ، ދިވެހި މަސްވެރިންނަށް ދިމާވެފައިވާ މި ނުރައްކާތެރި ހިތްދަތި މައްސަލާގައި ރައްޔިތުންގެ މަންދޫބުންގެ މެދުގައި ފުޅާ ދާއިރާއެއްގައި ބަހުސްކޮށް މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށަހަޅަން ބޭނުންވި. ޚުލާސާގައި ބަޔާންކޮށްފައިވާ މައްސަލާގައި އިތުރު މީހެއްގެ ފުރާނަ ކުއްލި ގެއްލިފައިވާތީ ފުޅާ ދާއިރާއެއްގައި ބަހުސްކޮށް، ރައްޔިތުންގެ މަންދޫބުންގެ ހިޔާލާއި ކަންބޮޑުވުން ހުރިގޮތް ދިވެހި ސަރުކާރަށް އަންގައިދިނުން“
ކުއްލި މައްސަލަ ހުށަހެޅުއްވުމަށްފަހު ޖާބިރު ވަނީ މި މައްސަލަ ބަލައިގަތުމަށް އެދި ރައްޔިތުންގެ މަޖިލީހުންގެ މެންބަރުންގެ އަރުހުން އާދޭހާއި ދަންނަވާފައެވެ.
ޑައިވް ކުރާ މީހުން ޑީކޯވުން އިތުރުވާތީ ރައްޔިތުންގެ މަޖިލީހަށް ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުގެ އަޣްލަބިއްޔަތުން ވަނީ ބަލައިގެންފަ އެވެ.

