ކުރިޔަށް އޮތް ލޯކަލް ކައުންސިން އިންތިހާބަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމެރީގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އަލީ އާޒިމްގެ ފަރާތުން އިންތިހާބާއި ގުޅޭ ކަންބޮޑުވުންތަކެއް ޕާޓީއަށް ހުށަހަޅުއްވައިފި އެވެ.
އަންނަ އަހަރުގެ ޖެނުއަރީ 16 ގައި ބާއްވާ މި އިންތިހާބުގައި އެމްޑީޕީގެ ޓިކެޓު ހޯދުމަށް، 129 ކެންޑިޑޭޓުން ވާދަކުރައްވަ އެވެ.
ޕްރައިމެރީގެ އެންމެ ބޮޑު ވާދަވެރިކަމެއް އުފެދިފައިވާ މޭޔަރުކަމުގެ އިންތިހާބަށް އެއް ކެންޑިޑޭޓު އަނެއް ކެންޑިޑޭޓުންގެ ޓީމުގެ ފަރާތުން ބަހުގެ ހަމަލާތައް ދަނީ އަމާޒުވަމުންނެވެ. އެގޮތުން ދެވަނަ ދައުރަކަށް ވާދަކުރައްވާ އާދަމް އާޒިމްއާއި ގުޅުވައި ދެކެވޭ ވާހަކަތައް ވެސް ގިނަ އެވެ.
އިންތިހާބީ ޝަކުވާއެއްގެ ގޮތުގައި އަލީ އާޒިމްގެ ފަރާތުން ހުށަހަޅުއްވާފައި ވަނީ، ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ރައީސް އަހުމަދު އަބްދުﷲ އަފީފަށެވެ. އެ ސިޓީގައި ބުނެފައި ވަނީ ޕާޓީގެ ސެކްރެޓޭރިއޭޓުން ކުރަންޖެހޭ މަސައްކަތްތައް ސާފުކޮށް ބަޔާންކޮށްފައި އޮއްވައި އޭގެއިން މަސައްކަތެއް ޕާޓީގެ ގުނަވަނަކަށް ހަވާލު ނުކުރެވޭނެ ކަމަށެވެ.
އެމްޑީޕީގެ އިންތިހާބުތަކާއި ބެހޭ ގަވައިދުގައި ބަޔާންކުރާ ގޮތަށް ޕްރައިމެރީގައި ވޯޓު ލެވޭނީ މި މަހުގެ 11 ގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ރެޖިސްޓްރީކޮށްފައިވާ މެމްބަރުންނަށްކަމަށް ކަނޑައަޅައިދިނުމަށެވެ.
ދެން އަލީ އާޒިމް ހުށަހެޅީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކާއި ބެހޭ ގަވައިދަކީ، ހައިކޯޓުގެ ކުރީގެ ގަޒިއްޔާއަކުން ވެސް ބަލައިގެންފައިވާ، އަދި ޕާޓީގެ ވެބްސައިޓުގައި ވެސް އާންމުކޮށްފައިވާ ގަވައިދުކަމަށް ކަނޑައަޅައިދިނުމަށެވެ.
އަލީ އާޒިމްގެ ސިޓީގައި އެދިފައި ވަނީ އިންތިހާބުގެ ކަންކަން ކުރިޔަށް ގެންދަނީ ގަވައިދުގެ ތެރެއިންކަމަށް ކަށަވަރުކޮށް، ޕްރައިމެރީގެ ކަންކަން އިންސާފުވެރިކަމާއި އެކު ކުރިޔަށް ގެންދިއުމަށް އަންގައިދޭން އެދޭ ކަމަށެވެ.
އަލީ އާޒިމް ތުހުމަތު ކުރައްވާ ގޮތުގައި ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ޕްރައިމެރީގެ އިންތިޒާމުތައް ހަމަޖައްސައި، އިންތިހާބުތަކާއި ބެހޭ ގަވައިދަށް ވަނީ ބަދަލު ގެނެސްފަ އެވެ. މި ބަދަލުތައް ގެނެސްފައި ވަނީ ގައުމީ މަޖިލިސް ބައްދަލުވުމަކަށް ވެސް ނުގޮސްކަމަށް އަލީ އާޒިމް ވިދާޅުވެފައި ވެއެވެ.
މިއާއި އެކު އިންތިހާބުގެ އެކި މަސައްކަތްތައް ޕާޓީގެ ސެކްރެޓޭރިއޭޓުން ކުރަން ޖެހުނު ނަމަވެސް، އެކަމާއި ހަވާލުވެފައި ވަނީ އިންތިހާބު ކޮމިޓީންކަމަށްވުމުން އެއީ ގަވައިދާ ހިލާފުކަމެއްގެ ގޮތުގައި އަލީ އާޒިމް ވިދާޅުވި އެވެ. އަލީ އާޒިމް ވިދާޅުވެފައި ވަނީ ކެންޑިޑޭޓުން ފޯމު ހުށަހެޅުމުން އެ ބަލައިގަނެ ލިޔެކިއުންތައް ފުރިހަމަ ކުރުމަކީ އިދާރީ މަސައްކަތެއްކަމަށާއި، އެއީ އިންތިހާބާއި ބެހޭ ކޮމިޓީން ކުރަންޖެހޭ މަސައްކަތެއް ނޫން ކަމަށެވެ.
އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އަލީ އާޒިމް ހުށަހެޅުއްވީ، އިންތިހާބާއި ބެހޭ ކޮމިޓީގައި ތިއްބެވި ބައެއް ބޭފުޅުންގެ މަސްލަހަތު ފުށު އެރުމެވެ. ކޮމިޓީގެ މުގައްރިރު މުހައްމަދު ފަލާހުއާއި، ނައިބު މުގައްރިރު އިބްރާހިމް މުއިއްޒު ދެބޭފުޅުންނަކީ ވެސް އާދަމް އާޒިމަށް ފާޅުގައި ކެމްޕެއިން ކުރައްވަމުންކަމަށް އާޒިމް ވިދާޅުވި އެވެ. އެހެންވެ މިއީ އިންތިހާބުގެ ކަންކަން އިންސާފުވެރިކަމާއި އެކު ކުރިޔަށްދާކަން ކަށަވަރު ނުކުރެވި، އެއާއި މެދު ސުވާލު އުފެދިދާނެކަމެއްގެ ގޮތުގައި އަލީ އާޒިމް ފާހަގަކުރެއްވި އެވެ.
މުއިއްޒަކީ އަލީ އާޒިމް ވިދާޅުވެފައިވާ ގޮތުގައި އާދަމް އާޒިމް މޭޔަރަކަށް އިންތިހާބުވުމަށް ފަހު ކައުންސިލްގެ ސުޕަވައިޒަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވައިވާ ބޭފުޅެކެވެ. އަދި އޭނާގެ ސޯޝަލް މީޑިއާގައި އާދަމް އާޒިމަށް ކެމްޕެއިންކޮށް ޕޯސްޓު ކުރައްވާފައިވާކަމަށް ވިދާޅުވި އެވެ. އެހެންކަމުން އާޒިމަށް ވަޒީފާއަށް ރިޕޯޓު ކުރަންޖެހޭ މީހެއްގެ ދަށުން އިންތިހާބެއް ކުރިޔަށްދާއިރު އޭނާ ވަކިފަރާތަކަށް ބުރަނުވެ އެއްވެސްކަމެއް ކުރައްވަފާނެކަމަށް ދެކުމަކީ ބުއްދީގެ ހަމަތަކުން ބަލާއިރު ވެސް ގަބޫލު ކުރެވޭކަމެއް ނޫންކަމަށް އާޒިމް ވިދާޅުވި އެވެ.
އެމްޑީޕީގެ އެތެރޭގެ މައްސަލަތައް ވެސް، މި ޕްރައިމެރީއާއި ގުޅިފައިވާއިރު އަލީ އާޒިމް އިންތިހާބުގައި ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދުގަ އެވެ. އަދި ރައީސް ސޯލިހާއި އެކު މީގެ ކުރިން ތިއްބެވި ބައެއް ބޭފުޅުން ވެސް ކެމްޕެއިން ކުރައްވަމުން ގެންދަވަނީ އަލީ އާޒިމަށެވެ.
އިންތިހާބުގެ ފޯކަސް އެއްކޮށް މާލޭގެ މޭޔަރުކަމުގެ ވޯޓަށް ހުއްޓިފައިވާއިރު، ކެމްޕެއިން ޓީމުތަކުން ކޮރަޕްޝަނާއި، ހިޔާނާތުގެ ތުހުމަތުތައް ވެސް ކުރެ އެވެ. އެގޮތުން އަލީ އާޒިމަށް ތާއީދު ކުރައްވާ ބޭފުޅުން ގަބޫލު ކުރައްވާ ގޮތުގައި މާލޭގެ މޭޔަރަކަށް ހުންނަވައިގެން އާދަމް އާޒިމަށް ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެއްވެސް މަސައްކަތެއް ކުރެވިފައި ނެތެވެ.

