އަންނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް (އެސްއެމްއީ) ކުނި އުކައިދޭ އަގަށް ލުއި ބަދަލުތަކެއް ގެނައުމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ނިންމައިފިއެވެ.
ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވެމްކޯއިން ނަގާ ފީ މިހާރަށްވުރެ ކުޑަކުރުމަށް ވަނީ ނިންމާފައިވާ ކަމަށެވެ. އެގޮތުން، އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި ލުއިތައް ދޭން ފަށާނެ ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތު ދެއެވެ.
އާ ބްރޭންޑްތަކެއް ތައާރަފްކުރުމުގެ މަޝްވަރާ
ވެމްކޯއިން އިތުރަށް ބުނެފައިވަނީ، އެސްއެމްއީތަކުން ނަގާ ފީ ކުޑަކުރުމުގެ ގޮތުން ވަކި ބްރޭންޑްތަކެއް ތައާރަފްކުރުމަށް މިހާރު މަޝްވަރާކުރަމުންދާ ކަމަށެވެ. މި މަޝްވަރާތަކަށްފަހު ކަނޑައެޅޭ ބްރޭންޑްތަކުގެ ތަފްސީލު ކުރިއަށް އޮތް ދުވަސްތަކުގައި އާންމުކުރާނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ވެމްކޯއިން ކުނި ނަގައިދޭ ފީތައް ކުޑަކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އެ ބައްދަލުވުމުގައި ގިނަ ވިޔަފާރިވެރިން ވަނީ ވެމްކޯއަށް ދައްކަންޖެހޭ ފީ ބޮޑުވުމުގެ ސަބަބުން ކުރިމަތިވާ ދަތިތައް ހިއްސާކޮށްފައެވެ.
މި ނިންމުމަކީ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ މާލީ ބުރަ ކުޑަކޮށް، އިގްތިސާދީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ނިންމި ނިންމުމެއް ކަމަށް ވެމްކޯއިން ފާހަގަކުރެއެވެ.

