އަންނަ އަހަރު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއަށް ކަނޑައަޅާފައިވާ ބަޖެޓުގެ 90 އިންސައްތަ ޚަރަދުކުރާނީ ލޯނު ސްކީމްތަކަށް ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ހަސަން ވިދާޅުވީ އަންނަ އަހަރު ސްޓޫޑެންޓް ލޯނަށް 750 މިލިއަން ރުފިޔާ ބަޖެޓް ކޮށްފައިވާ ކަމަށާއި ލޯނު ސްކީމަށް އަންނަ އަހަރުގެ ކުރީ ކޮޅު އިއުލާނު ކުރާނެ ކަމަށެވެ.
އެގޮތުން ބަޖެޓުގެ 90 އިންސައްތަ ލޯނުގެ އިތުރުން ސްކޮލަޝިޕް އަދި ފެލޯޝިޕްއަށް ޚަރަދުކުރުމަށް ވަނީ ނިންމާފައެވެ. ނަމަވެސް ލޯނު ދޫކުރަން ހަމަޖެހިފައިވަނީ ކިހާ އަދަދެއްގެ ކުދިންނަށް ކަން އަދި ކަނޑަނާޅާ ކަމަށް ވިދާޅުވިއެވެ. ލޯނު ސްކީމަށް އިއުލާނު ކުރާނީ ބަޖެޓުކުރުމަށްފަހު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެހެން އަހަރުތަކާއި ޚިލާފަ އަންނަ އަހަރު ލޯނު ސްކީމް އިއުލާނު ކުރާއިރު މައިގަނޑު ދެ ބަދަލެއް ގެނައުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން ލޯނު ދޫކުރާއިރު މާލީ ގޮތުން ތަނަވަސް ކުދިންނަށް އިސްކަންދޭނެ ކަމަށެވެ. އަދި ރާއްޖެ ރީޖަނަލް ސަރަޙައްދުތަކަށް ބަހާލައިގެން ކޮންމެ އަތޮޅަކުންވެސް އެއް ކުއްޖަކަށް ފުރަސަތު ދޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ބައެއް އަތޮޅުތަކުގައި ސަރުޚާރުން ދޫކުރުާ ލޯނު ނުލިބޭ ކުދިންވެސް އެބަތިބި ކަމަށެވެ. އަދި ބައެއް ދާއިރާތަކުން ކިޔަވާ ކުދިންނަށްވެސް ލޯނު ނުލިބި އެބަތިބި ކަމަށެވެ. އެހެން ކަމުން އެކަމަށް ހައްލު ހޯދުމަށް ރީޖަން ތަކަށް ބަހާލައިގެން ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށެވެ.
ރައިސް ޔާމިންގެ ޒައާމަތުގައި 2018 ވަނަ އަހަރު ލޯނު ދޫކޮށްފައިވަނީ އެންމެ 52 ދެކުދިންނަށްކަމަށާއި އޭގެ ސަބަބުން ލޯނަށް ބޭނުންވެފައި ތިބި އެތަށް ކުދިންނަކަށް ލޯނު ނުލިބި އެބަތިބި ކަމަށް ވިދާޅުވިއެވެ. މި ސަރުކާރުގައި މިއަހަރު މިހާތަނަށް 567 ލޯނު ދޫކޮށްފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިއަހަރު ލޯނު ސްކީމަށް 54 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ.
އެންމެ ފަހުން ލޯނަށް އެދި ހުޅުވާލި ފުރުސަތުގައި 900 އެއްހާ ދަރިވަރުން ވަނީ ކުރިމަތިލާފައެވެ. ސްޑޫޑެންޓް ލޯނު ލިބޭ ކުދިން އެ ލޯނު އަނބުރާ ދެއްކުމަށް އެއްވެސް ވަރެއްގެ ލުޔެއް ދިނުމަށް ވިސްނަންޔޯ ނޫސްވެރިން ސުވާލުކުރުމުން މިނިސްޓާރ ވިދާޅުވީ އެފަދަ ވިސްނުމެއް އަދި ނުގެންގުޅޭ ކަމަށެވެ.

