މި ކުޑަކުޑަ ދިވެހިރާއްޖެއަކީ ދުނިޔެމަތީގެ ސުވަރުގޭގެ ނަމުން މަޝްހޫރުތަނެކެވެ. އަމާންކަމާއި ސުލްހަވެރިކަމުގެ ސުވަރުގެއެވެ. ހަމަހިމޭންކަމާއި، ހިތްހަމަޖެހުމުގެ ސުވަރުގެއެވެ.
އެހެންނަމަވެސް މި ފާއިތުވި މަހެއްހާ ދުވަހަށް އެކަނި ބަލާލުމުންވެސް ފަލަ ސުރުހީތައް ފަވާލީ ހިތްދަތި ވާހަކަތަކުންނެވެ. ތޭރައަހަރުގެ ކުއްޖަކު ބަލިވެ އިނދެވިހޭ ވާހަކައެވެ. އޭނާ ކޯޓުން ބޭރުން، ތިން ކައިވެނި ކުރި ވާހަކައެވެ. އިންސާނެއްގެ ގަޔަށް އެތައް ފަހަރަކު ވަޅި ހެރުމަށްފަހު، ނަގާ ކަނޑަށް އެއްލާލިވާހަކައެވެ. އެހެންނަމަވެސް މީގެއިންކޮންމެ މައްސަލައަކީވެސް ފެންނަން އޮތް ސުރުހީއަށްވުރެ މާ ފުނަށް މޫލާފައިވާކަންކަމެވެ. ކުޑަކުދިންނަށް ކުރާ ގޯނާއާއި، ގެވެށި އަނިޔާއާއި އެހެނިހެން ކަންކަން ކަމަށްވީނަމަވެސް މިއިން ކޮންމެ ކަމެއްގެ ވާހަކަވެސް ދެކެވެނީ ސީރިއަސް ކަމެއް ދިމާވުމުންނެވެ. ކަމެއް ދިމާވުމުން އެވާހަކައަކުން މުޅި މީސްމީޑިއާ ކަކުވާލައެވެ. ސިޔާސީ ޕޯޑިއަމްތަކުގައި އެ ވާހަކައެއް ތިންދަމު ދައްކައެވެ. އަދި ކަމާއި ބެހޭ މުޢައްސަސާތަކުންވެސް ވަރަށް ބާރުލާފައި އެވާހަކަތައް ދައްކައެވެ. އެެހެންނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން އެ ވާހަކަ އޮބިގެންދެއެވެ. އަނެއްކާވެސް ކޮންމެވެސް އެހެންއާ ވާހަކައެއް މީޑިއާގައި ވައިގައި ހިފާ ހިސާބުން ކުރިން ހިނގިކަމަކީ ކިތަންމެ ބޮޑު މައްސަލައަކަށް ވިޔަސް އެކަން ހަނދާނެއް ނުހުރެއެވެ.
ސުވާލަކީ މި ގައުމުގައި ހިނގާ ސީރިއަސް ކޮންމެ ކަމަކަށް އިޖާބަދޭން ޖެހެނީ މީހެއްގެ ފުރާނަ ދާ ހިސާބުންތޯއެވެ. ކުޑަކުދިންނަށް ކުރާ ގެވެށި އަނިޔާގެ ވާހަކަ ދިވެހި މީޑިއާތައް ފުރާލި ދުވަސްކޮޅެއް ދިޔައެވެ. އެއީ 2015 ވަނަ އަހަރުގެ ތުއްތު އިބްތިހާލް އޭނާގެ އަމިއްލަ މަންމަ ދިން އަނިޔާތަކުގެ ސަބަބުން މަރުވި ވާހަކައާއި އެކުގައެވެ. އެހެންނަމަވެސް އެ މައުސޫމްގެ މަރަށް ހަތަރު އަހަރުވާން ކައިރިވާއިރު،ލިބުނު އިންސާފެއް ނެތެވެ. ގެވެށި މާހައުލުގައި ހިންގާ އަނިޔާތަކުގެ ވާހަކަ އަނެއްކާވެސް ހިލިގެންދިޔައީ އެފަދަ ކަންތައްތަކެއް ދިމާވެ ނިޔާވި ޒިޔާދާގެ މަރާއިއެކުގައެވެ. އެހެންނަމަވެސް އެވާހަކަވެސް ދެމިގެންދިޔައީ ޖަސްޓިސްފޯ ޒިޔާދާގެ ނަމުގައި ކުރިއަށްގެންދިޔަ ހޭޝްޓެގްތަކުގެ އާކަން ކެނޑެންދެންނެވެ.
މިފަދަ ކޮންމެ ހައްސާސް ވާހަކައެއްވެސް ދެކެވިގެންދަނީ ދުވަސްކޮޅަކުއެވެ. އެއީ ހަމައެކަނި ގެވެށި އަނިޔާގެ މައްސަލަތަކަކު ނޫނެވެ. މާލެއާއި ހުޅުމާލެއާއި ދެމެދު ކުރާ ދަތުރުތައް ހެލްމެޓް އަޅައިގެން ދުއްވާ ގޮތަށް ހަމަޖެހުނީ ސީރިއަސް އެކްސިޑެންޓްތައް ކައިރިކައިރީގައި ހިނގާ އެތައް ހާނިއްކައެއްވުމުންނެވެ. ކެމިކަލް ގުދަންތައް މީހުން ދިރިއުޅޭ ތަންތަން ކައިރީގައި ހުރިނަމަވެސް އެކަމަށް ހައްލެއް ހޯދަން މަސައްކަތް ކުރީ، އެފަަދަ ގުދަނެއްގައި ހިތާމަވެރި ހާދިސާއެއް ހިނގާ އިއއާދަ ނުކުރެވޭ ވަރުގެ ގެއްލުންވީ ފަހުންނެވެ. އިމާރާތްކުރުމުގެ ދާއިރާގައި ހުރި އިހްމާލްތަކުގެ ޥާހަކަދައްކަން މަޖުބޫރުވީ މާލޭގެ މަގުމަތިން ހިނގާފަދިޔަ ތުއްތު ރައުޝަން ޖިއާންގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި، ލިބުނު ގެއްލުންތަކުގައި މި ދުނިޔެއާއި އަލްވަދާއު ކިޔުމުންނެވެ.
މިހެންގޮސް މި ލިސްޓް ކިތަންމެހާވެސް ދިގުކޮށް، ކީދާނެއެވެ.
އެހެންނަމަވެސް ރާއްޖޭގައި ހިނގާ ކޮންމެ ސީރިއަސްކަމެއްހެން ސަމާލުކަމަށް އަންނަނީ ހިތާމަވެރި ހާދިސާއަކަށްފަހުއެވެ. ގިނަ ފަހަރު ކޮންމެވެސް މީހެއްގެ ފުރާނަ މި ދުނިޔެއާއި އަލްވަދާއު ކިޔާފަހުންނެވެ. މިއީ ވިސްނާލަން ވެއްޖެ، ސީރިއަސްކަމެކެވެ. ކަމާއި ބެހޭ ފަރާތްތަކާއި އިދާރާތައް ހޭލައްވާލަން، ކޮންމެ ފަހަރަކު މިފަދަ ދެރަ ކަންކަން މެދުވެރިވާން ޖެހޭކަމީ ދެރަވަރުކަމެކެވެ. ދައުލަތުގެ ފާރަވެރި މޫޢައްސަސާތައް މިއަށް ވުރެ ރަނގަޅަށް ހިނގަން ޖެހެއެވެ.

