ލޯނު ޕްރޮގްރާމްތަކާއި އެހެނިހެން އެހީތަކުގެ ފައިސާ ދޫކުރުމުގެ މަސައްކަތް، މުއްދަތު ހަމަވުމުގެ ދެ މަސްދުވަސް ކުރިން މިނިސްޓްރީން ފަށާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢަލީ ހައިދަރު ވާހަކަފުޅުދައްކަވައިފިއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ތައްޔާރުކޮށް ގެނެސްދޭ ތަރުޖަމާނު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ، ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންނަށް ލިބެންޖެހޭ ފައިސާ ދޫކުރުމުގައި ލަސްތަކެއް އުޅޭކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ. ނަމަވެސް، ވޭތުވެދިޔަ ހަތަރު އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ގާތްގަނޑަކަށް 75 އިންސައްތައަށްވުރެ ގިނަ ފައިސާ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދޫކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ.
ނަމަވެސް ބައެއް ހާލަތްތަކުގައި ފައިސާ ދޫކުރުން އަށް ހަފުތާއަށްވުރެ ބޮޑަށް ލަސްވާ ފަހަރު އަންނަކަމަށާއި، މިފަދަ މައްސަލަތައް ދިމާވަނީ ހުށަހަޅަންޖެހޭ މުހިންމު ލިޔެކިޔުންތައް ފުރިހަމަވެފައި ނުވުމުގެ ސަބަބުންކަމަށް ހައިދަރު ވިދާޅުވި އެވެ.
ދަރިވަރުންނަށް ފައިސާ ދޫކުރުމުގެ މަރުހަލާގައި މައިގަނޑު ދެ ކަމަކަށް ބަލާކަމަށް ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ އެއީ ދަރިވަރު ކިޔަވަމުންދާ ތައުލީމީ މަރުކަޒުގައި ހާޒިރީ ދަމަހައްޓާތޯ ބެލުމާއި، ދަރިވަރު ހުށަހަޅާ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުން ކަމަށެވެ. މި ދެ ކަންތައް ޔަގީންކުރުމުގެ މަރުހަލާގައި އެއްވެސް މައްސަލައެއް ދިމާވެއްޖެ ނަމަ، ވަގުތަށް ފައިސާ ފޮނުވުމުގައި ދަތިތަކާ ކުރިމަތިވާކަމަށް ހައިދަރު ވިދާޅުވި އެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، ލޯނު ޕްރޮގްރާމްތަކާއި އެހެނިހެން އެހީތަކުގެ ފައިސާ ދޫކުރުމުގެ މަސައްކަތް، މުއްދަތު ހަމަވުމުގެ ދެ މަސްދުވަސް ކުރިން މިނިސްޓްރީން ފަށާ ކަމަށެވެ.
ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް، ކޮންމެ ސެމިސްޓަރ އެއް ނިމުމުން މައުލޫމާތުތައް ޔަގީންކުރަން ޖެހޭއިރު، އެ މައުލޫމާތުތަކަކީ ދަރިވަރުން އަމިއްލައަށް ފުރިހަމަކޮށް ހުށަހަޅަންޖެހޭ ތަކެތިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންނަށް ވަގުތުން ވަގުތަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އެ ކުދިންގެ ކިޔެވުން މެދުނުކެނޑޭނެހެން ކަންކަން ހަމަޖައްސައިދިނުމަކީ މި ސަރުކާރުގެ ސިޔާސަތެކެވެ.

