އިންޑިއާ ރާއްޖޭގައި އޮޕަރޭޓްވަނީ ކުރިން ވޯރާ ވިޔަފާރިވެރިން އުޅުނުހެންކަމަށާ، އެކަމާއި ސަމާލުވާން ޖެހޭ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު މިފަދައިން ވިދާޅުވީ، 2020ގެ ބަޖެޓަށް ބަހުސްކުރައްވަމުންނެވެ. ބަޖެޓެއް ތައްޔާރުކުރުމުގެ ތަމްރީން ފާއިތުވި ތިރީސް އަހަރުވެސް ކަމާއި ބެހޭ ފަރާތްތަކަށް ލިބިފައި ނުވާކަމަށާ، ދެކޮޅު ނުޖެހޭ ބަޖެޓަކަށް ވޯޓު ނުދެއްވާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ ސަރުކާރު ހިންގާ އެމްޑީޕީގެ މެޖޯރިޓީއެއް މަޖިލީހުގައި އޮތުމުން، ބޭނުންހާގޮތެއް ހެދިދާނެ ކަމަށާ، އިދިކޮޅު ލީޑަރެއްގެ ހައިސިއްޔަތުން އެ ބަޖެޓަށް ވޯޓް ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ބަޖެޓަކުން ހާސިލްވާން ޖެހޭ ކަންތައްތަކެއް ހުންނަ ކަމަށްވާއިރު އެެއިން އެއްވެސް ކަމެއް ހާސިލްނުވާކަމަށް އޭނާ ވިދާޅުވިއެވެ.
”އިންޑިއާ އޮޕަރޭޓްވަނީ ރާއްޖޭގައި ކުރިން ވޯރާ ވިޔަފާރިވެރިން އުޅުނުހެން. އިންޑިއާއިން ކޯޗެއްތޯ އަޅުގަނޑުމެންނަށް ދިނީ. މަލިކަށްވީގޮތް އަޅުގަނޑުމެން ހަނދާން ކުރަން ޖެހޭ.“
ޖާބިރު ވިދާޅުވީ ރާއްޖެ އޮތީ އަލުން ޕްލޭން ކުރަން ޖެހިފައިކަމަށެވެ.
އަންނަ އަހަރުގެ ބަޖެޓާއި މެދު އިތުރަށް ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ، އެ ބަޖެޓްގެ ރިކަރަންޓް ޚަރަދު ބޮޑުވުމުން ކަންބޮޑުވާކަމަށެވެ.
މީގެ އިތުރުން ޖާބިރުވަނީ މަޖިލީހުގައިވެސް ރިޝްވަތު ނަގާ ފަރާތްތައް ތިބިކަމަށް ވިދާޅުވެފައެވެ. އެ ފަރާތްތައް މަޖިލީހުން ބޭރުކުރަން ޖެހޭ ކަމަށާ، ހިޔާނާތްތެރިވާ އެއްވެސް ފަރާތަކަށް ވަޒީފާ ދީގެންނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

