ޖަލަކީ އަދަބުދޭ ތަނެއްގެ ބަދަލުގައި އިޞްލާހުކޮށް އަނބުރާ މުޖުތަމައުއަށް ނެރޭ ތަނަކަށް ހެދުމަކީ ސަރުކާރުގެ މުޙިއްމު ސިޔާސަތެއް ކަމަށް ހޯމް މިނިސްޓްރީއިން ބުނެފިއެވެ.
ހޯމް މިނިސްޓަރ އަބްދުﷲ އިމްރާން މިޙާރު ތުރުކީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެގައުމުގެ މިނިސްޓަރ އޮފް އިންޓީރިއާ ސުލޭމާން ޞޮއިލޫއާ ވަނީ ބައްދަލުކުރައްވާފައެވެ. މިއީ ރާއްޖޭގެ ހޯމް މިނިސްޓަރަކު ތުރުކީގެ ދާޚިލީ ވަޒީރަކާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.
މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުންގެ މަޝްވަރާތަކުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތް ތަރައްޤީކުރުމާއި، ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމުގައި އެހީތެރިކަން ދެއްވާނެކަމަށް ތުރުކީ ހޯމް މިނިސްޓަރ ވިދާޅުވިއެވެ. ފުލުހުންގެ ޚިދުމަތް ފުޅާކޮށް ތަރައްޤީކުރުމާއެކު އިތުބާރު ހޯދާ ދެމެހެއްޓުމަކީ ސަރުކާރުން އެންމެ އިސްކަންދެއްވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.
ޚާއްޞަކޮށް ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ބޮޑު އިސްކަމެއް އަންނަނީ ދެއްވަމުންނެވެ. އެގޮތުން ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމާއި، އިންސާނީ ކަރާމާތް ނުގެއްލޭފަދަ ގޮތަކަށް ޖަލުތަކުގެ ހާލަތު ބައްޓަންކޮށް، ޖަލަކީ އަދަބުދޭ ތަނެއްގެ ބަދަލުގައި އިޞްލާހުކޮށް އަނބުރާ މުޖުތަމައުއަށް ނެރޭ ތަނަކަށް ހެދުމަކީ ސަރުކާރުގެ މުޙިއްމު ސިޔާސަތެކެވެ. އެމަސައްކަތުގެ ދަށުން ބޭރުގެ ޤައުމުތަކާއި، ޖަމްއިއްޔާ ޖަމާއަތްތަކުގެ އެހީތެރިކަން ހޯދަން މިނިސްޓަރ އިމްރާން ޢަބްދުﷲ ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ.
ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ކުރައްވާ މަސައްކަތްތަކުގެ ދަށުން މާލެ ޖަލުގެ އެނެކްސް އެކެއް ވަނީ އަލުން މަރާމާތުކޮށް، ރަނގަޅު ފެންވަރަކަށް ގެނެސްފައެވެ. އަދި ދޫނިދޫ ޖަލުގެ ބައެއްވެސް އަލުން ހެދުމަށް މިހާރު ވަނީ ތަޅާލާފައެވެ. ޖަލު އޮފިސަރުން ތަމްރީނުކުރުމަށްވެސް ގިނަ ޕްރޮގްރާމްތަކެއް މިދައުރުގެ މިހާތަނަށްވެސް ވަނީ ކުރިއަށް ގެންދަވާފައެވެ.
ތުރުކީގެ އިންޓީރިއާ މިނިސްޓަރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ރަސްމީ ބައްދަލުވުންތަކުގެ އިތުރަށް މިނިސްޓަރ ޢިމްރާން ޢަބްދުﷲއާއި ސްޓޭޓް މިނިސްޓަރ އަލީ ނަޛީރުގެ ޝަރަފްގައި ތުރުކީގެ މިނިސްޓަރ މެންދުރުގެ ޚާއްޞަ ފަރިއްކޮޅެއް ދެއްވިއެވެ.
ތުރުކީގެ އިންޓީރިއަރ މިނިސްޓަރުކަމާ ސުލޭމާން ޞޮއިލޫ ހަވާލުވެވަޑައިގެންނެވީ 2016 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުއެވެ. ސުލޭމާން ޞޮއިލޫއަކީ ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީގެ ޑެޕިއުޓީ ޗެއަރމަންވެސްމެއެވެ. ޑިމޮކްރެޓިކް ޕާޓީގެ ލީޑަރުކަންވެސް ސުލޭމާން ޞޮއިލޫ ކުރެއްވިއެވެ. 1999 ން 2002 އަށް އިސްތަންބޫލް ޕްރޮވިންސްގެ ޗެއަރމަންކަންވެސް ކުރެއްވިއެވެ.

