ހިނގާ މަގުތަކަށް ވެސް ހައްގުތަކެއް ކަނޑައެޅިފައިވާ ކަމަށާ އެ ހައްގުތައް އަދާކޮށްދޭން ޖެހޭ ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.
ހުތުބާގައި ވަނީ މަގުމަތީގެ އަދަބުތަކާއި ބެހޭ ގޮތުން ވާހަކަދައްކަވާފައެވެ. އެގޮތުން މަގުމަތީގައި އުޅޭ އިރު އަނެކާއަށް އުނދަނގޫ ނުވާނެހެން އުޅެން ޖެހޭ ކަމަށާއި އަނެކުންނަށް އިހުތިރާމް ކުރަން ޖެހޭ ކަން ހުތުބާގައި ފާހަގަކުރައްވާފައިވެއެވެ. މަގުމަތީގެ އަދަބުތަކަށް ރައްކާތެރިވުމަކީ މީސްތަކުންގެ މެދުގައި އެކުވެރިކަމައި، އެއްބައިވަންތަކަން އާލާވާނޭކަމެއްކަމަށް ހުތުބާގައި ފާހަގަކޮށްފައިވެއެވެ. ރަސޫލާ ސައްލައްﷲ އަލައިހިވަސައްލަމްގެ ހަދީސްފުޅުން މަގުމަތީގައި ތިބޭ އިރު އެއްވެސް މީހަކަށް ތުރާލެއް ކުރުން ހުއްދަވެގެން ނުވާކަން އެނގޭ ކަމަށް ހުތުބާގައިވެއެވެ.
“ ރަސޫލުﷲ ސައްލައްﷲ އަލައިހިވަސައްލަމްގެ ބަސްފުޅެއްގެ މާނައިގައި ވެއެވެ. “ ތިޔަބައިމީހުން މަތީގައި އިށީނދެ ތިބުމާއި ދުރުހެލިވާށެވެ.!“ ސަހާބީން ދެންނެވިއެވެ. ”އޭ ﷲގެ ރަސޫލާއެގެ! އެ ނޫން ގޮތެއް އަޅުގަނޑުމެންނަކަށް ނޯވެއެވެ. އަޅުގަނޑުމެން މަގުމަތީގައި މި ތިބެނީ އެކަކު އަނެކަކައި ބައްދަލުވެ ވާހަކަދައްކާށެވެ“ ހަދީސްކުރެއްވިއެވެ “ އެހެންވިއްޔާ މަގަށް އޭގެ ހައްގު ދޭށެވެ.“ ސަހާބީން ދެންނެވިއެވެ “ މަގުމަތީގެ ހައްގަކީ ކޮބާތޯއެވެ؟“ ހަދީޘް ކުރެެއްވިއެވެ. “ އެއީ ބެލުންތައ ްތިރިކުރުމާއި، މީސްތަކުންނަށް އުނދަނގޫ ނުކުރުމާއި، ސަލާމަށް ޖަވާބު ދިނުމާއި، ހެޔޮކަންތައް އަމުރުކުރުމާއި، މުންކަރާތަށް ނަހީކުރުމެވެ.!

ހަމައެހެންމެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން މީސް މީހުންގެ ގޭތެރޭގައި ހުރީ ކޯޗެއްތޯއާއި ތިބީ ކޮންބައެއްތޯ ބެލުމަކީ އަހުލާގީ ގޮތުން ދަށު ފެންވަރުގެ އަމަލެއްކަން ހުތުބާގައި ފާހަގަކުރައްވާފައިވެއެވެ. ހުތުބާގައި ވަނި ބެލުން ތިރި ކުރުމުގެ މުހިއްމުކަމަށްވެސް އަލިއަޅުވާލައްވާފައެވެ. މަގުމަތީގެ ހައްގުތަކުގެ ތެރޭގައި މީހަކަށް ގެއްލުން ލިބިދާނެ ހުރިހާ ކަމަކުން އެކަހެރިވާން ޖެހޭ ކަމަށާ، އޭގެ ތެރޭގައި ވިއްސާރަ ދުވަސް ދުވަހު އަނެކާ ގަޔަށް ފެން ހިނގައިދާނެ ފަދަ ގޮތަކަށް އަމަލްކުރުން ފަދަ ކަންކަން ވެސް ހިމެނޭ ކަމަށް ހުތުބާގައިވެއެވެ.
“ މުސްލިމް އަހުންނޭވެ! މަގުމަތީގެ ހައްގުތަކުގެ ތެރޭގއި މީހަކަށް ގެއްލުމެއް ލިބިދާނެ އެންމެހާ ކަންތައްތަކުން ދުރުހެލިވުން ހިމެނެއެވެ. އެއީ ބުނާ ބަހަކުން ކަމުގައި ވިޔަސް، ކުރާ އަމަލަކުން ކަމުގައި ވިޔަސް، ކުރާ އިޝާރާތަކުން ކަމުގައި ވިޔަސް، ބަލާބެލުމަކުން ކަމުގައި ވިޔަސް މެއެވެ. މަގުމަތީގެ ހައްގު އަދާކުރުމުގެ ތެރޭގައި ހިނގާފައިދާ މީހުންގެ ފަރާތުން އެހެން މީހުންނަށް ކުރާ ގޯނާ ހުއްޓުވުމައި، މާރާމާރީ ހިންގާ މީހުންގެ އަމަލްތައް ހުއްޓުވުން ހިމެނެއެވެ.“
މަގުމަތީގެ ހައްގުތަކުގެ ތެރޭގައި މަގުމަތި ސާފުތާހިރުކޮށް ބޭއްވުމާއި، ގޯތިގެދޮރުން އުފެދޭ ކުނި މަގުމައްޗަށް އުކާނުލުން ހިމެނޭކަން ހުތުބާގައި ފާހަގަކުރިއެވެ. ހަމައެހެންމެ ތިމާވެއްޓަށް ގެއްލުން ލިބޭކަންކަން ކުރުމަކީވެސް ކޮށްގެން ނުވާނެކަމެއްކަން ހުތުބާގައި ބަޔާންކޮށްފައިވެއެވެ.

