ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހުގައި އަންހެނުންނަށް 33 އިންސައްތަ ދިނުމަށް ފާސްކުރުމަކީ، ސިޔާސީ މައިދާނުގައި އަންހެހުން ބާރުވެރިކުރުވުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ ކުރިއެރުމެއްކަމަށް މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރުއެމް) އިން ބުނެފިއެވެ.
މި ސަރުކާރުން އަންހެނުން ބާރުވެރިކުރުވުމަށް ކުރަމުންދާ މަސައްކަތްތަކަށް ތައުރީފްކޮށް އެމްއާރުއެމްއިން ބުނެފައިވަނީ ކައުންސިލްތަކުގައި އަންހެނުންނަށް ވަކި އިންސައްތައެއް ކަނޑައެޅުމަށް އެމްއާރުއެމްއިން އަބަދުވެސް ތާއީދުކުރަމުން އައި ކަމަށެވެ.
އެގޮތުން މިއީ، ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ އަންހެނުންނަށް ގައުމު އާރާސްތު ކުރުމުގައި ބަސް ބުނުމަށް ލިބިފެން ދިޔަ ފުރުސަތެއްކަމަށް އެމްއާރުއެމްއިން ވަނީ ބުނެފައެވެ. އަދި އެމަސައްކަތް ކޮށްދެއްވި މަޖިލީހުގެ މެމްބަރުންނަށް އެ ޕާޓީގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ޕާޓީގެ އުންމީދަކީ، ރާއްޖޭގެ ސިޔާސީ މައިދާނުގައި ގިނަ އަންހެނުންގެ ބައިވެރިވުމާއި އަދި މުހިންމު ކަންކަން ނިންމުމުގައި، އަންހެނުން ކުރީސަފުގައި ފެނިގެން ދިއުންކަން އެމްއާރުއެމްއިން ވަނީ ފާހަގަކޮށްފައެވެ.
އެ ޕާޓީން ވަނީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ގިނަ އަންހެން ބޭފުޅުން ވާދަ ކުރެއްވުމަށް ވެސް ގޮވާލާފައެވެ. އަދި އެމްއާރްއެމުން އަބަދުވެސް ސިޔާސީ މައިދާނުގައި އަންހެނުން ހަރަކާތްތެރި ވުމަށް ފުރުސަތު ހޯދައި ދިނުމަށް މަސައްކަތް ކުރާނެ ކަމަށް ބަޔާނުގައި ވެއެވެ.
ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހުގައި އަންހެނުންނަށް 33 އިންސައްތަ ދިނުމަށް ފާސްކުރި ކުރުމާއި ގުޅިގެން އެމްއާރްއެމުން މަރުހަބާ ކިޔާ ބަޔާނެއް ނެރުނުއިރު އެ ޕާޓީގެ އަސާސީ ގަވައިދުގައި ވާގޮތުން އެމްއާރުއެމްގެ ހުރިހާ ކޮމެޓީތަކުގައި 50 އިންސައްތަ އަންހެނުން ތިބެން ޖެހޭނެއެވެ.

