ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމަށް މުޢުތަޞިމް އަދުނާން އަދި ފަނޑިޔާރުކަމަށް ހުސްނުއްސުޢޫދު އައްޔަންކުރައްވައިފިއެވެ.
އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ޢައްޔަނުކުރުމަށް މަޝްވަރާއަށް އެދި ރައީސް ޞާލިހު ފޮނުވާފައިވާ މ.ގުލްފާމްގެ އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން އައްޔަންކުރެއްވީ 68މެމްބަރުންގެ ވޯޓާއި އެކުަގައެވެ. އޭނާ މަޤާމަށް ހޮވަން ނުފެންނަކަމަށް މެމްބަރަކު ވޯޓުދެއްވާފައެއް ނުވެއވެެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ މެމްބަރަކުނެތެވެ.
އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ސ.މީދޫ، ހަސަންކާރީގެ އަލްއުސްތާޛު ހުސްނުއްސުޢޫދު އައްޔަންކުރީ 64 މެމްބަރުންގެ ވޯޓާއި އެކުގައެވެ. އޭނާ މަޤާމަށް ހޮވަން ނުފެންނަކަމަށް ވޯޓުދެއްވީ އެންމެ މެމްބަރެކެވެ. އެއީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲއެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ މެމްބަރަކުނެތެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި އެކަމަށް ކުރިމަތިއްލައްވާފައިވާ ފަރާތްތަކާއި، ރައީސުލްޖުމްހޫރިއްޔާ ފޮނުވާފައިވާ ނަންތަކާއެކު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޝަރުތު ފުރިހަމަވެ، ޝޯޓްލިސްޓް ކުރެވުނު ބޭފުޅުންނާއި އިންޓަރވިއު ކުރުމަށް އެކުލަވާލި ކޮމިޓީން ތައްޔާރުކޮށްފައިވާ ރިޕޯޓް ކޮމިޝަނަށް ބަލައިގަތުމަށާއި، އަދި އެ ރިޕޯޓްގެ އަލީގައި ކޮމިޝަނުން ރައީސަށް މަޝްވަރާ ދިނުމަށް ނިންމީ މަމަހުގެ ދެވަނަ ދުވަހުއެވެ.
ރައީސް ޞާލިހު ފޮނުވާފައިވާ ނަންތަކުގެ ތެރެއިން އެ ބޭފުޅެއްގެ ނަން ކޮމިޝަނުން ވަނީ ގޮތެއް ނުނިންމާ މަޑުޖައްސާލާފައެވެ. އެއީ މއ.ވޭސައިޑު 410 އަލްއުސްތާޛު ޢަބްދުއްރަޢޫފް އިބްރާހިމް ގެ ނަންފުޅެވެ. ރަޢޫފާއި ގުޅޭގޮތުން، ކޮމިޝަނަށް ތިން ޝަކުވާއެއް ހުށަހަޅުއްވާފައިވާތީވެ، އެ ޝަކުވާތަކާމެދު ބަލަން ޖެހޭ ބެލުންތައް ބެލުމަށްފަހު އެ ނަންފުޅާއިމެދު ރައީސް ޞާލިހަށް މަޝްވަރާދިނުމަށް ކޮމިޝަނުން ނިންމާފައިވާކަންވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރަކަށް ހުންނެވި ޑރ.އަޙްމަދު ޢަބްދުﷲ ދީދީއާއި، ފަނޑިޔާރު އާދަމް މުޙައްމަދު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުންވަނީ ފާސްކޮށްފައެވެ. އަދި ފަނޑިޔާރު ޢަބްދުﷲ އަރީފު ވަނީ އަމިއްލަފުޅަށް ރިޓަޔަރވެ ވަޑައިގެންފައެވެ. އުއްތަމަ ފަނޑިޔާރާއި ހުސްނުއްސުޢޫދު މަޤާމަށް އައްޔަންކުރުމާއި ހަމައަށް ސުޕްރީމް ކޯޓުގައި ތިއްބެވީ 3 ފަނޑިޔާރުންނެވެ. އެއީ ވަގުތީ ގޮތުން ކޯޓު ހިންގެވިމާއި ހަވާލުވެ ހުންނެވި އަޒްމިރަލްޑާއާއި، ފަނޑިޔާރު ޝުޖޫންގެ އިތުރުން، ފަނޑިޔާރު މަހާޒުއެވެ.

