ސަރުކާރުން ރައްޔިތުންނަށް ކޮށްދޭ ކަންކަމުގެ ނަތީޖާ ފެންނަނީ ސިވިލް ސަރވިސްގެ މުވައްޒަފުން ކުރާ މަސައްކަތުން ކަމަށް ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ސަރުކާރުގެ ހުރިހާ މިނިސްޓްރީތަކަށް ޒިޔާރަތްކުރެއްވުމުގެ ޕްރޮގްރާމްގެ ތެރެއިން އެޑިއުކޭޝަން މިނިސްޓްރީއަށް ވަޑައިގެން މުވަޒަފުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ.
މި ޕްރޮގްރާމް ފެއްޓުމުގެ ގޮތުން ރައީސް އެންމެ ފުރަތަމަ ޒިޔާރަތްކުރައްވާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީއަށެވެ. މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ އެޑިއުކޭޝަން މިނިސްޓްރީގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ސަރުކާރުގެ ވަޢުދުތައް ތަންފީޒުކުރެއްވުމުގައި އެންމެ މުހިންމު އެއް ދައުރެއް އަދާކުރަނީ ސިވިލް ސަރވިސްގެ މުވައްޒަފުންކަމުގައި ވިދާޅުވެ ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.
އަދި އެޑިއުކޭޝަން މިނިސްޓްރީއިން ފާއިތުވި އަހަރު ރަނގަޅު ނަތީޖާއެއް ނެރުނު ކަން ފާހަގަކުރައްވާ ކުރިޔަށް އޮތް އަހަރު ވަރަށް ގިނަ މަސައްކަތްކުރަން ހުރި ކަމަށާއި، މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަނެ އެކަންކަން ޙައްލުކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައަށް އެދެވޭ ބަދަލު ތަކެއް ގެނައުމަށް ސަރުކާރުން ކުރެވޭނީ ކޮންކަހަލަ މަސައްކަތްތަކެއްތޯ ބައްލަވަމުން އަންނަކަމުގައިވެސް ވިދާޅުވިއެވެ.
ސަރުކާރުގެ ހުރިހާ މިނިސްޓްރީތަކަށް ޒިޔާރަތްކުރެއްވުމުގެ ޕްރޮގްރާމެއް ރައީސް ފަށްޓަވާފައިވާ މި ޕްރޮގްރާމްއަކީ ސަރުކާރަށް އެއް އަހަރު ފުރުމާއި ގުޅިގެން ސަރުކާރުގެ ވުޒާރާތަކުގެ މަސައްކަތް ކުރިޔަށްދާ މިންވަރު ބައްލަވައިލެއްވުމަށާއި، މުވައްޒަފުންނާ ބައްދަލުކޮށްލެއްވުމުގެ މަޤްޞަދުގައި ކުރިޔަށް ގެންދެވުމަށް ރާއްވަވާފައިވާ ޕްރޮގްރާމްއެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

