މި އިހަކަށް ދުވަހު ދިވެހިން ފާހަގަކުރީ ބައިނަލްއަޤުވާމީ އިންސާނީ ހައްގުތަކުގެ ދުވަހެވެ. އެ ދުވަހަކީ ރާއްޖޭގެ އެޗްއާރްސީއެމްއަށް 16 އަހަރު ފުރުނު ދުވަސްވެސްމެއެވެ. 16 އަހަރަކީ މީހެއްގެ އުމުރުން ބަލައިފިކަމަށް ވާނަމަވެސް ލައްކަ ދުވަހެވެ. އެއީ އިންސާނެއްގެ އުމުރު ނަމަ ފުރާވަރުގެ ދުވަސްވަރަށް އެޅުނީއެވެ.
16 އަހަރު ހިއުމަން ރައިޓްސް ކޮމިޝަން ވުޖޫދުގައި އޮތް އިރު އެކަމުން ހާސިލް ކުރަން ބޭނުންވި މަގުސަދު ހާސިލްވޭތޯ މިއީ ކޮށްލަން ޖެހޭ ސުވާލެކެވެ. މިހާތަނަށް އައި އިރު އެޗްއާރްސީއެމްއަކީ މަދު މުވައްޒަފުންތަކަކާއި އެކު ބުރަ މަސްޢޫލިއްޔަތެއް އަދާކުރަން ޖެހިފައިވާ ބައެކެވެ. އެކަމާއި މެދު ދެބަސްވެވޭކަށް ނެތެވެ. އެޗްއާރްސީއެމް ވެގެން ދާނީ ކޮންމެ ސަރުކާރެއް އޮތަސް އެ މުޢައްސަސާއަކަށް ނުފޫޒުގެ އަތް ފޯރުވަން މަސައްކަތް ކުރާ މުޢައްސަސާއަކަށެވެ. އެޗްއާރްސީއެމް ވެގެންދަނީ ކޮންމެ ސަރުކާރެއްގައި ވެސް ފިއްތާ ބާރުކޮށްލަން ބޭނުންވާ މުޢައްސަސާއަކަށެވެ.
ޒިންމާ އަދާކުރެވެ މިންވަރާއި މެދު ސުވާލުކުރުމުގެ ކުރިން ޒިންމާ އަދާ ކުރަން ކުރަހައިދިން މަގަށް ވެސް ބަލާލާނަމެވެ. އެއްވެސް ސަރުކާރަކަށް މިހާތަނަށް އެޗްއާރްސީއެމްއަށް ބޭނުންވާ ފުރިހަމަ މިނިވަން ކަމާއި ބާރުވެރިކަމެއް ދީފައެއް ނުވެއެވެ. ވެރިކަމުގެ ފުރަތަމަ ކޮޅު ތަންކޮޅެއް ސަހަލުކޮށް ކަންކަން ދާހެން ހީވިއަސް، ވެރިކަމުގެ ފަހުކޮޅަށް އަޅާލީމަ އެޗްއާރްސީއެމް އޮންނަނީ ނޭވާ ހޮޅިއަށް އެޅިފައެވެ. ސިޔާސީ މީހުން ހައްޔަރުކޮށް ގަނަ ތަޅުވާ އިރު އެކަމާއި ޝަކުވާ ކުރަން ދާން ޖެހެނީ އެޗްއާރްސީއެމްއަށެެވެ. ނަމުގައި މިނިވަން މުޢައްސަސާއަކަށް އެތަންވީ ނަމަވެސް، އެތަނުގައި ތިބޭ ފަރާތްތަކުން ކިރިޔާ ނުރުހޭ ގޮތަކަށް ބަހެއް ބުނެލިއަސް އޭރެއްގައި އޮންނަ ސަރުކާރެއްގެ ހަމަ ނިދި ގެއްލެއެވެ. މަޖިލީހުގެ މެޖޯރިޓީ އެ ބަޔަކަށް އޮތޮއްޔާ އަދި ވަކިން ކަންތައް ގޯހެވެ. ދެން އެ މުޢައްސަސާގައި ތިބި މީހުން މަޤާމުން ވަކި ނުކޮށް ފަރުޖައްސާލެވޭ ކަމަކަށް ނުވެއެވެ.
އެޗްއާރްސީއެމްގެ ޒިންމާގެ ބޮޑު ކަމާއި އެކު އެއީ، ވަރަށް ގިނަ ބާރުވެރި އެހެން މުޢައްސަސާތަކުގެ މައްސަލަވެސް ބަލަން ޖެހޭ ތަނެކެވެ.
އެޗްއާރްސީއެމްއަށް އެންމެ ގިނައިން ހުށަހެޅޭ އެއް މައްސަލަ އަކީ ގައިދީންގެ މައްސަލައެވެ. އެހެންކަމަށް ވާއިރު އެޗްއާރްސީއެމްއަށް ފުލުހުންގެ މައްޗަށް ކުރާ ތުހުމަތު ވެސް ބަލަން ޖެެހެނީ ފުލުހުން މެދުވެރިކޮށެވެ. މިއީ މައްސަލަ ބެލުމަށް އޮތް ބޮޑު ހުރަހަކަށް މެނުވީ ނުވާނެކަން ޔަޤީނެވެ.
އެޗްއާރްސީއެމްގެ އޮފީހަކީ އެތަނުން ކުރާ މަސައްކަތާއި އަޅާ ބަލާއިރު އެއްގޮތަކަށް ވެސް ކަތާވަރުގެ ތަނެއް ނޫނެވެ. އެންމެ ކުޑަ މިނުން ސާމްޕަލް ކޮޅެއް ރައްކާކޮށްލާނެ މިންވަރުވެސް އެ މުޢައްސަސާއަށް ހަމަޖައްސާދެވިފައެއް ނެތެވެ. އެހެންވީމާ ހިއުމަން ރައިޓްސް އަށް ލައްކަ އަހައްމިޔަތުކަން ދެވިއްޖެތާއޭ ހިތަށް އަރައެވެ.
އެޗްއާރްސީއެމްއަށް ހުށަހަޅާ މައްސަލަތައް ބަލަން އެ ކޮމިޝަނުން އެއްވެސް މަސައްކަތެއް ނުކުރެވެއެކޭ ނުދަންނަވާނަމެވެ. އެ ކޮމިޝަނުން އިސް ނަގައިގެންވެސް ގިނަ މަސައްކަތްތަކެއް ކޮށްފައި އެބަހުއްޓެވެ. އެހެންނަމަވެސް ކޮމިޝަންގެ މަސައްކަތްތައް ދާ ދުވެއްޔާއި މެދު ހިތްހަމަޖެހެއޭ ބުނެވޭކަށް ނެތެވެ. އަޅުގަނޑުގެ ޚިޔާލުގައި ކޮމިޝަންގެ މަސައްކަތްތައް ކުރުމުގައި ވަސީލަތުގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުންވެސް އެތައް ދަތިތަކެއް އެބަހުއްޓެވެ.
އެހެންނަމަވެސް، މޫނަށް ކަނދުރާއަށް ނުބަލާ ބަސް ބުނަން ކެރިގެން ނޫންގޮތަކަށް މި ގައުމުގައި އެއްވެސް ބަޔަކަށް ހައްގުތަކެއް ހޯދައެއް ނުދެވޭނެއެވެ. އެކަން ކުރަން ކެރޭ މެމްބަރުންތަކެއް މިހާތަނަށް އެޗްއާރްސީއެމްއަށް އައިސްފައެއް ނުވެއެވެ. މިދިޔަ ސަރުކާރަށް އެކަނި ބަލާލިޔަސް، ޖަލުގައި ހިނގި އެތައް އަނިޔާއެއްގެ ވާހަކަ ރިޕޯޓްކޮށްފައިވެއެވެ.
ރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނަށް ފެތޭ އެންމެ ޖަލެއްވެސް ނެތެވެ. ދީނުގެ ނަމުގައި ކުޑަ އަންހެން ކުދިންނަށް ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލަތައް ފަދަ ބިރުވެރި ކަންކަން ފެންމަތިވެއްޖެއެވެ. މީގެ ތެރެއިން ބައެއް ކަންކަމުގައި ރަނގަޅު މަސައްކަތްތަކެއް ކުރެވުނު ނަމަވެސް ރައްޔިތުންގެ އުންމީދުތަކާއި ގާތަށް ވެސް އެޗްއާރްސީއެމްއަށް މަސައްކަތެއް ނުކުރެވެއެވެ. ތަފާސް ހިސާބުތައް ބަރާބަރަށް އާއްމު ކުރުން ފިޔަވާ ”ބަރާބަރު“ އެއް ކަމެއްވެސް ނެތެވެ. ސިޔާސީ ގޮތުން ލިބޭ ހައްގުތައް ގެއްލުނީމަވެސް މިބޭފުޅުން ގިނައިން ތިއްބަވަނީ ހަނެވެ. އެ ނޫން ގޮތަކަށް ބުނާ ނަމަ ”ހިހޫނ ތަނުން ކައިގެން “ ތިއްބަވަނީއެވެ. ކިތަންމެ ބަޔަކު ހިތްހަމަ ނުޖެހުނަސް އެޗްއާރްސީއެމް އަށް 16 އަހަރުވީ އިރުވެސް އަދިވެސް އެޗްއާރްސީއެމް ފިރުކެނީއެވެ.

