އަންނަ އޭޕްރިލް މަހު ބޭއްވުމަށް ތާވަލްކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި، ރަށު ކައުންސިލާއި ސިޓީ ކައުންސިލް ހިމެނޭ ގޮތަށް، އަންހެނުންނަށް 384 ގޮނޑި ހިމަނަން ނިންމައިފިއެވެ.
އެކަން ހާމަ ކުރައްވާ އިލެކްޝަން ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުގައިވާ ގޮތުން، އަންނަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރަށު ކައުންސިލަރުންގެ ގޮތުގައި 923 މީހުން އިންތިހާބުކުރާނެއެވެ. އަދި ސިޓީ ކައުންސިލަރުންގެ ގޮތުގައި 39 މީހުން އިންތިހާބު ކުރާނެއެވެ. މީގެ އިތުރުން ރަށު ކައުންސިލަށް އިންތިޚާބު ކުރާ ޖުމްލަ އަންހެނުންގެ އަދަދަކީ 372 ކަމަށް ކަނޑައަޅާފައިވެއެވެ. ހަމައެހެންމެ ސިޓީ ކައުންސިލްތަކަށް 12 އަންހެނުން އައްޔަން ކުރަން ނިންމާފައިވެއެވެ.
ކައުންސިލްތަކުގައި އަންހެނުން މިހާ ގިނަ އަދަދަކަށް ހިމެނެނީ، ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަކޮށް، މިމަހުގެ ފަސް ވަނަ ދުވަހު އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއި ގުޅިގެންނެވެ. މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، 3000 މީހުންނަށް ވުރެ އާބާދީ ކުޑަ ކަމުގައި ވީ ނަމަވެސް، އެ ރަށަކުން، ރަށު ކައުންސިލަށް 5 މީހުން އިންތިޚާބު ކުރާނެއެވެ. އަދި 3000 ށް ވުރެ މަތީގެ އާބާދީ ހިމެނޭ ރަށްރަށުން 7 މީހުން ކައުންސިލްތަކަށް އިންތިޚާބު ކުރާނެއެވެ.
ހަމަ އެއާއި އެކު، މި ބިލް ތަސްދީގު ކުރެއްވުމާއެކު ކައުންސިލުތަކުގެ ދައުރު ފަސް އަހަރަށް އިތުރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

