ސަސްޕެންޝަންގައި ހުންނެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީހައިލަމް އެ މަޤާމަށް އައީ ރައީސް ޔާމީންގެ ބާރުވެރިކަމުގައި ކަމަށާ، ހައިލަމް އަށް މަޤާމު ލިބުނު ގޮތުން ވެސް އޭނާ އިންސާފުވެރި ނުވާނެކަން އެނގޭ ކަމަށް ޕީޕިއެމްގެ އިންތިގާލީ ނައިބު ރައީސާ ނާދިރާ ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ޚަބަރަށް ފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނާދިރާ ވިދާޅުވީ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް ހައިލަމް ވަޑައިގަތީ ރައީސް ޔާމީންގެ ސަރުކާރުގައި ނުފޫޒުގެ ތެރެއިން ކަމަށެވެ. ހައިލަމްއަށް އެ މަޤާމު ލިބިވަޑައިގަތީ ސިޔާސީ ފަރާތްތަކަށް ރައީސް ޔާމީންގެ ސަރުކާރުގައި ނުހައްގުން ކުރި ޝަރީއަތްތަކުގެ ތެރެއިންކަމަށް އޭނާ ވިދާޅުވިއެވެ.
“ ހައިލަމް އަށް އެ މަޤާމު ލިބުނީ ކިހިނެތްތޯ ބަލާލުން ރަނގަޅު ހައިލަމްއަށް އެ މަޤާމު ލިބުނީ ކްރިމިނަލް ކޯޓުގައި ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ މައްސަލަ ބައްލަވަން ހުރެފައި ބްރޭކަށް ގޮސްފައި އައި އިރު އެއީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ. އެހިސާބުން ވެސް އެނގޭ މިނިވަން ނުވާނެކަން. އަޅުގަނޑުމެން ހައިލަމްގެ މިނިވަން ކަމާއި މެދު ސުވާލު އުފައްދަނީކީ އިއްޔެއަކު މިއަދަކު ނޫން.“
ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރި މަނީ ލޯންޑަރ ކުރުމުގެ ދައުވާގެ ޝަރީއަތް ކުރިއަށް ގެންދިޔައީ ހައިލަމް ކަމަށް ވާއިރު އެ ޝަރީއަތް އިންސާފުވެރިވެދާނެ ކަމަށް ޤަބޫލުކުރަންތޯ ސުވާލު ކުރުމުން ނާދިރާ ވިދާޅުވީ އެ މައްސަލައިގައި ގޮތް ނިންމީ ހައިލަމް ނޫން ކަމަށެވެ. އަދި މައްސަލަ ކުރިއަށް ގެންދިޔައީ ދެ ފަރާތުން ދައްކާ ވާހަކަ އަޑު އަހައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޝަރުޢީ ދާއިރާ އިސްލާހު ކުރުމުގެ ވާހަކަ ދައްކާއިރު، ކައިރި ކައިރީގައި ފަނޑިޔާރުން ވަކި ކުރުމާއި ސިޔާސީ ބައެއް ފަރާތްތައް ސުޕްރީމް ކޯޓަށް އައްޔަން ކުރުމާއި މެދު ކަންބޮޑުވޭތޯ ސަންގުން ވަނީ ނާދިރާއާއި ސުވާލުކޮށްފައެވެ. ޖަވާބުގައި ނާދިރާ ވިދާޅުވީ އެ ބާރު އޮތީ މަޖިލީހުގައި ކަމަށެވެ.
“ މަޖިލީހަށް ދެއްތޯ އެ ބާރު އޮތީ. ޖޭއެސްސީން ނިންމައިގެން އެ މައްސަލަތައް ބަލަނީ. ކުރިން ކަންކުރިހެން ފުރާޅުން ޓިނު ނަގައިގެންނެއް ނޫން ފަނޑިޔާރުން ވަކި ކުރަނީކީ“
މީގެ އިތުރުން ސުޕްރީމް ކޯޓަށް އައްޔަން ކުރި ހުސްނުއް ސުޢޫދަކީ ސިޔާސީ މީހެއްކަމަށް ބުނާ ވާހަކައަށް ނާދިރާ ރައްދުދެއްވާފައިވެއެވެ. ނާދިރާ ވިދާޅުވީ ހުސްނުއް ސުއޫދު ސިޔާސީ ވާހަކަތައް ދެއްކެވީ ޤާނޫނީ ފަންނުގެ ތެރެއިންކަމަށެވެ. އެ ވާހަކަތައް ދައްކާފައި ވަނީ އެ ދާއިރާ ރަނގަޅު ކުރުމަށް ކަމަށް ނާދިރާ ވިދާޅުވިއެވެ. ނާދިރާ ވަނީ ހުސްނުއް ސުއޫދަކީ ޤާބިލް ބޭފުޅެއްކަމަށާ، ސުޕްރީމްކޯޓުގެ ފަނޑިޔާރު ކަމަށް އެމަނިކުފާނުގެ ޤާބިލް ކަމާއި މެދު ސުވާލު ނު އުފެއްދޭނެ ކަމަށް ވިދާޅުވެފައެވެ.

