ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ދީނީ ހަރުކަށި ފިކުރު“، ”މިނިވަން ފިކުރު“ މިއީ ކޮންވާހަކައެއް؟

ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ދޮޅު މަހެއްހާ ދުވަހު މީޑިއާ ސުރުހީތަކަށް ބަލާލީމަ، ފާޑަކަށް ”ބޮލަށް އުނދަނގޫ“ ވަނީއެވެ.

ކޮންމެ ސުރުހީއެއްގައިވެސް ފެންނަނީ ”ދީނީ ހަރުކަށި“ ފިކުރެއްގެ ވާހަކައެވެ. ނުވަތަ ”ދީނީ ހައްދު ފަހަނައެޅުމުގެ“ ވާހަކައެވެ.

މިކަމާއި އެއްޗެއް ބުނާނަމޭ ކިތަންމެ ފަހަރަކު ހިތައް އަރައިފިއެވެ. މި ވާހަކަ ދައްކާނަމޭ ހިތާ ދެތިން ފަހަރު މި ސުރުހީވެސް އަޅައިފީމެވެ. އެކަމަކު ވާހަކައިގެ ބާވަތުން މިވާހަކަ ދައްކަން އުނދަނގޫވަނީއެވެ. ހައްތަހާވެސް މިކަމާިއ މެދު ބަހެއް ނުބުނަން މިހުރީ މި ދެކެވޭ ވާހަކަ އަކީ އިސްލާމް ދީނާއި ގުޅުން ހުރި ވާހަކަތަކަށް ވެފައި ދީނުގެ ވާހަކަ ދައްކަވަމުން އެންމެ ރަނގަޅު ”ދަންނަ“ ބޭކަލުން ކަމަށް ވާތީއެވެ. އެކަމަކު މިހާރު ދެން މިއާއި މެދު އެއްޗެކޭ ނުބުނެ ހުރެވޭކަށް ނެތެވެ.

ސުރުހީތަކުން ފާހަގަކޮށްލެވުނު ބައެއް ”ލީޑްތައް“ މިހިރީއެވެ.

*ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު ފެތުރުމުގެ މައްސަލައާ ބެހޭ ރިޕޯޓުގައި ހުރި ބައެއް ނުކުތާތަކުގެ މައްޗަށް އަވަސް ނަޒަރެއް ހިންގާލުން
*އޮންލައިން ޕްލެޓްފޯމް ތަކުގައި ދީނީ ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި
*ހަރުކަށި ފިކުރުގެ ވާހަކަ ދައްކައިގެން ދީނީ އިލްމުވެރިންނަށް ފުރައްސާރަކުރާކަމުގެ ތުހުމަތުތަކެއް
*ހައްދު ފަހަނައަޅާފައިވާ ދީނީ ފިކުރުތަކާ ދެކޮޅަށް މަސައްކަތް ކުރަންޖެހޭ: ޑިފެންސް މިނިސްޓަރު

މިހެންގޮސް ލިސްޓް ކިތަންމެހާވެސް ދިގުކޮށްލެވިދާނެއެވެ. މި ސުރުހީތަކުން ފެންނަނީ ”ދީނީ ހަރުކަށި“ ފިކުރުގެ ވާހަކައެކެވެ. އަދި ”މިނިވަން ފިކުރު“ގެ ވާހަކައެވެ. ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެކެވެ.

ދީނީ ހަރުކަށި ފިކުރުގެ ނަމުގައި ދައްކަމުން ދަނީ ”އިސްލާމް ދީނުގެ“ ނަމުގައި ހިންގާ ޖަރީމާތަކުގެ ވާހަކައެވެ. ހައްގަކާއި ނުލާ ކުޑަކުދިންނާއި އަންހެނުން މަރަން އޮތް އިސްލާމް ދީނެއް އަޅުގަނޑު ދަހެއް ނުކުރަމެވެ.

އަންހެނުންނާއި ކުޑަކުދިންނަށް އޯގާތެރިވުމުގެ ނަމޫނާ “ އިސްލާމް ދީނުގައި“ ކުޑަކުދިންނާއި އަންހެނުންނަށް ޖިސްމާނީ އަނިޔާ ދިނުން ހުއްދަ ނުވާ ވާހަކަ އަޅުގަނޑު އައީ ދީނީ ވައުޟު ބުނާ މީހުންގެ ދުލުހުން އަޑު އަހަމުންނެވެ. އިސްލާމްދީނަކީ ރައްކާތެރިކަމުގެ ދީނެކެވެ. އަޅުގަނޑުމެންގެ ރަސޫލާ ސައްލައްﷲ އަލައިހި ވަސައްލަމް އަކީ ކާފިރުންނަށްވެސް އޯގާތެރިކަން ބެހެއްޓެވި، އެފަދަ ދެވަނައެއްނެތް ހިކުމަތުގެ އަމަލީގެ މަތީގައި ހުންނެވި ބޭކަލެކެވެ.

އެހެންކަމަށް ވާއިރު، ޤަވާއިދެއް ޤާނޫނެއް ނެތި މީހުން “ ކޮށާ މަށަމުން“ ދިއުމަކީ، ދީނީ ހަރުކަށި ފިކުރަށް ވާނީ ކިހިނަކުންތޯއެވެ؟ މަންމަގެ އުނގުން ފެށިގެން ކަށްވަޅަށް ދާންދޭން އުނގެނެން އިރުޝާދުދީ ، ރިވެތި އިސްލާމް ދީން އޮތްތަނެއްގައި ޅަ ކުދިން ތައުލީމް މަހްރޫމްކުރުމަކީ ”ދީނީ ކަރުކަށި“ކަމަށް ވަނީ ކިހިނެއްތޯއެވެ؟ އެ ތުއްތު މައުސޫމް ކުދިންގެ ހިތްތައް އިލްމުން އަލިކޮށްދޭންވީ ދުވަހު، އެކުދިން މައިންބަފައިންގެ ހިޔާވަހިކަމުން ދުރުކޮށް، ތަޅާފޮޅުން ދަސްކޮށްދިނުމަކީ ”ދީނީ“ ކަމެއްކަމަށް ހެދޭނީ ކިހިނަކުންތޯއެވެ؟

އަޅުގަނޑުގެ ނަޒަރުގައި ހައްގަކާއި ނުލާއި މީހުން މަރަމުން ހިނގަނީ ރަހުމް ކުޑަ ގާތިލުންނެވެ. އަންހެނުންނާއި ކުދަކުދިންނަށް ނިކަމެތިކޮށް ހިތަނީ އަނިޔާވެރިންނެވެ. މުދަލާއި ތަކެއްޗަށް ގެއްލުންދެނީ ”ޓެރަރިސްޓުންނެވެ“. އެއީ އިސްލާމް ދީނާއި ގުޅުން އޮތްކަމެއްކަމަކަށް ނުދެކެމެވެ.

ދެން ފެންނަނީ އަދި އެއަށް ވުރެ މޮޅު ވާހަކައެކެވެ. “ މިނިވަން ފިކުރު“ގެ ވާހަކައެވެ. މިއީ އަޖައިބުވެ ހައިރާންވާ ވަރުކަމެކެވެ.

އިސްލާމް ދީނުގެ ނަމުގައި ބަޔަކަށް ދޮގު މައުލޫމާތު ދީގެން ވާވެެއްދުމަކީ އެއީ “ ދީނީ ހަރުކަށި ފިކުރު“ ކަމަށްއެބަވެއެވެ. އެހެންނަމަވެސް ފާޅުގައި ރެއާއި ދުވާލު އިސްލާމް ދީނަށް ގޮންޖެހުމަކީ “ މިނިވަން ފިކުރު“ ކަމަށް ވާގޮތެއް ނުވިސްނެއެވެ. މިބުނާ މިނިވަން ފިކުރުގެ މީހުން ގޮންޖަހަނީ އިސްލާމް ދީނަށެވެ. މިވެރިންނަށް ވާގިވެރިވާ ބެފުޅުން ދިފާއު ކުރައްވަނީ އިސްލާމް ދީނާއި ޚިލާފަށް ދައްކާފައި ހުރި ވާހަކަތަކެވެ.

ސައްތައި ސައްތަ މުސްލިމް ޤައުމެއްގެ ފަޚުރުކަމުގައިވާ ”އިސްލާމް“ ދީން އޮވެގެން، ދީމޮގްރާތީ އަދި އެހެނިހެން ތަހުޒީބުތައް ނުލިބޭކަމުގެ ވާހަކަ ދެއްކުމަކީ މިނިވަން ފިކުރުހެއްޔެެވެ. ދީނީ މަހުފޫމްތަކަށް ފާޅުގައި ބަދުބަސް ބުނުމަކީ ކޮންފަދަ މިނިވަންކަމެއްތޯއެވެ؟ ކުރުކޮށްދަންނަވާނަމަ “ ލާދީނިއްޔަތަކީ“، ”މިނިވަން ފިކުރު“ ކަމަށް ބަލަންވީތޯއެވެ. މި ވާހަކަ މި ދައްކަނީ ފަހަރެއްގާ ވެސް ވަކި ޕާޓީއަކާއި ގުޅުވައިގެންނެއް ނޫނެވެ. ނޫނީ ސިޔާސީ ވަކި ފަރާތަކަށް ނިސްބަތްކޮށެއް ނޫނެވެ.

އެހެންނަމަވެސް ދީނަށް ކިޔާ މިފަދަ ފާޑުކިޔުންތަކަށް “ މިނިވަން ފިކުރު“ގެ ނަންދީ އެއީ އާއްމުކަމަކަށް ހެދުމަކީ އަޅުގަނޑުގެ ޒަމީރު ޤަބޫލުކުރާ ކަމެއް ނޫނެވެެ. އަދި އަޅުގަނޑު ޤަބޫލުކުރާ ހިތް އޮތީ ސިޔާސީ ފިކުރަކަށް، ވަތަނިއްޔަތަކަށް ބެލުމެއް ނެތި، އެބުނާ “ މިނިވަން ފިކުރާއި“ ދެކޮޅަށް ބަސްބުނާނެ ކިތަންމެ ދިވެހިންނެއް އެބަތިބި ކަމެވެ. ”މިނިވަން“ ނަން ދިނުމަށް ފަހު ދިވެހިންގެ އިސްލާމީ ވަހުދަތު ނަގާލަން މަސައްކަތް ކުރުމަކީ އާދައިގެ ކަމަކަށް ހެދުން ހެޔޮނުވާނެއެވެ.

އެހެންކަމުން “ މިނިވަން ފިކުރާއި“، ”ދީނީ ހަރުކަށި ފިކުރު“ ކިޔުން ހުއްޓާލަން ވެއްޖެއެވެ. މިހާރު މި ދެ ބައިގަނޑު މަސައްކަތް ކުރަނީ އެއްބަޔަކު އަނެއް ބައެއްގެ ނިވާފަތްގަނޑުގައެވެ. ދީނުގެ ނަމުގައި ހިންގާ ލާއިންސާނީ އަމަލުތަކުގެ ވާހަކަ ދައްކާ އިރަށް، ”ލާދީނީ“ ފިކުރުގެ ފަރާތްތަކުން ތިލަވެގަނެއެވެ. އެ ފަދަ ޖަރީމާތަކަކީ “ އިސްލާމް“ ދީންކަމަށް ދައްކަން މަސައްކަތް ކޮށް، ދީނަށް ފުރައްސާރަ ކުރުން އިތުރުކުރެއެވެ.

ހަމަ މި ބީދައިން ދީނަށް ފުރައްސާރަ ކުރާ ފަރާތްތަކުގެ ވާހަކަ ދެކެވުމުން، ދީނުގެ ނަމުގައި ޖަރީމާ ހިންގާ ފަރާތްތަކަށް ލިބެނީ ރަނުގެ ފުރުސަތެކެވެ. ދީނުގެ ނަމުގައި ލާއިންސާނިއްޔަތުކަން އިސްކޮށް މުޖުރިމުން އުފައްދަން މި މީހުން އެންމެ ބާރަށް ދައްކަނީ “ ލާދީނީ ފިކުރު“ގެ އަޑު ކަނޑުވާލުމުގެ ވާހަކައެވެ.

އެ ދެމެދުގައި ހަނާވަނީ އެ މައްސަލަ ހައްލު ކުރަން ނުކުންނަ މީހާއެވެ! އެއީ ކިހިނެއްތޯ ސުވާލު އުފެދިދާނެއެވެ. ލާދީނީ މީހުންގެ ވާހަކަ ދެއްކުމުން އެކަމުގެ މަންފާ ނަގަނީ ހަރުކަށި ފިކުގެ މީހުންނެވެ. އެ ވާހަކަ ދެއްކުމުން ސިޔާސީ ފަރާތްތަކުން ވެސް ހެޑްލައިން ހައްދަވަނީއެވެ.

ނަތީޖާއަކަށް ވަނީ އަސްލު މައްސަލައާއި ބައްދަލު ނުވުމެވެ. މިއަދުވެސް ރާއްޖޭގައި “ ލާދީނީ ފިކުރު“ ފަތުރަން މަސައްކަތް ކުރާކަން ޤަބޫލުކުރަން ބޭނުން ނުވާ ބޯހަރު ބަޔަކު އެބަތިއްބެވެ. އެ މީހުންނަށް ދީނަށް ފާޑުކިޔުމަކީ މާ ބޮޑު މައްސަލައެއް ނޫނެވެ. އެ މީހުންނަށް އެއީ އާދައިގެ ކަމަކަށް ވެދާނެއެވެ. މަސްހުނިވެފައިވާ ދީންތައް އޮތް ޤައުމުތަކުގައި އެފަދަ ކަންކަން އާދައިގެ ކަމަކަށް ވެދާނެއެވެ. އެކަމަކު މުސްލިމުންގެ މި މުޖުތަމައުގައި އެފަދަ ފަރާތްތަކަށް ޖާގައެއް ނެތެވެ.

ހަމަ އެގޮތަށް “ އިސްލާމް ދީނުގެ ނަމުގައި މީހުން މެރުން އާއްމުކުރަން“ ބަޔަކު އުޅޭކަން ޤަބޫލުކުރަން ބޭނުން ނުވާ ބަޔަކު އެބަތިއްބެވެ. ދީނުގެ ނަމުގައި ކުޑަ ކުދިންގެ އިއްފަތާއި، އަބުރާއި ރައްކާތެރިކަމަށް އަރައިގަންނަ ކަމުގެ ހިތި ހަގީގަތް އަޑު އަހަން ބޭނުން ނުވާ ބަޔަކު އެބަ ތިއްބެވެ. މި ދެކަމަކީވެސް މި މުޖުތަމައުއަށް ފޫދިފައިވާ ދެ “ އިޖްތިމާއީ“ ބަލިމަޑުކަމެކެވެ. ވަގުތު އޮއްވާ އެކުގައި މަސައްކަތް ނުކޮށްފި ނަމަ ނުރައްކަލުގެ އުނގަށް ހުށަހެޅެނީ އަޅުގަނޑުމެންގެ މުޖުތަމައުކަން ގައިމެވެ. ދިވެހިންގެ ތެރޭގައި ބައިބައި ބޮޑުވުން ކުޑަކުރަން ބޭނުން ނަމަ ދީނީ ހަރުކައްޓާއި މަޑުކައްޓާއި އެއްވަރަށް ލާދީނިއްޔަތުގެ އަހުލުވެރިންވެސް ހުއްޓުވާ ހައްޔަރުކުރަންޖެހެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

3 Responses

  1. މިނިވަން ފިކުރު ތިޔަކިޔާ މީހުންނަކީ ތަންތަން ގޮއްވާ މީހުންމަރާ ކުޑަކުދިންނާ ޖިިންސީގުޅުން ހިއްގާ ހަދާ ބައެއް ނޫން. ވީމާ މީގައި ބޮޑަށް ގައުމާއި ރައްޔިތުންގެ ހަށިތަކާއި މުދަލަށް ގެއްލުން ބޮޑި ޑޮޓުންގެ

  2. މި ގައުމުގަ ބޮޑު ހުޅުޖެހީ ސިޔާސީ މީހުން. ރައީސެއްގެ ލޯންޗް ގޮއްވާލީ ސިޔާސީ މީހުން. އިސްލާމް ދީނަށް ފުރައްސާރަ ކޮށްފައި ރިޕޯޓު ނެރުނީ ލާދީނީ މީހުން. ގައުމުގައި ބޮޑު ހުޅު ޖެހީ ސިޔާސީ-ލާދީނީ މީހުން. ލަތީފާއަށް ީީނީ ހަރުކަށި މީ ހުން ގޯހީ ކީއްވެތަ. އަޖައިބު ނުވޭތަ އަޅެ.

  3. محمد ގެފާނީ، اللَّه ގެ رسول އާއެވެ. އަދި އެކަލޭގެފާނުގެ އަރިހުގައިވާ މީހުންނީ، كافر ންގެ މައްޗަށް ގަދަފަދަވެގެންވާ ބަޔެކެވެ. އެއުރެންގެ މެދުގައި، އޯގާވެރި رحمة ތެރިބަޔެކެވެ. اللَّه ގެ حضرة ން فضل ވަންތަވެރިކަމާއި، ރުއްސެވުން އެދޭ حال، ركوع ކޮށް سجدة ކޮށްއުޅޭ ބަޔަކުކަމުގައި، ކަލޭގެފާނު އެއުރެން ދެކެވަޑައިގަންނަވާނޫއެވެ. 48:29

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: