ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަލަސްތީންގެ ”ޓްރެންޑް“ ނިމުނީ އަނިޔާވެރިކަން ނިމުމުންތަ؟

Image: Mohamed Salaam
ޝެއާރކޮށްލާ ކަހަލަދޯ؟

7 އޮކްޓޫބަރު 2023 ގައި މުޅި ދުނިޔެ ސިހިގެންދިޔައީ ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔަ ހިތްދަތި ތަސްވީރުތަކަކާ ގުޅިގެންނެވެ. ލޭގެ ކޯރުތަކާއި، ސުންނާފަތިވެފައިވާ ގެދޮރާއި، މައިންގެ ގިސްލުމުގެ އަޑެވެ. ކުޑަކުދިން ޔަތީމުވެ، މުޅި ޣައްޒާ ހިރަފުހާ އެކުވެފައިވާ މަންޒަރެވެ.

އިންސާނިއްޔަތުގެ ޒައްރެއްގެ މިންވަރު ހުރި ކޮންމެ މީހަކު އެކަން ކުށްވެރިކުރިއެވެ. އެހެން ނަމަވެސް، ބައެއް މީހުން އެ މަންޒަރުތަކަށް ފުރަގަސްދީ މޫނު އަނބުރާލިއެވެ. ދެން ފެނިގެންދިޔައީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މަގުތައް ފަލަސްތީނުގެ ރަތް، ފެހި، ހުދު އަދި ކަޅު ކުލައިގެ ދިދަތަކުން ފުރިގެންދިޔަ މަންޒަރެވެ.

މި މަންޒަރު މުޅި ދުނިޔެ ބެލި ނަމަވެސް، މަދު ގައުމަކުން ނޫނީ އެ އަޑެއް ނޭހިއެވެ. ހިތާމަޔަކީ، މިކަމަށް އެންމެ ފުރަތަމަ ބީރު ކަންފަތެއް ދިނީ އަރަބި އިސްލާމީ ގައުމުތަކުން ކަމެވެ. ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް އެ ހަޅޭކުގެ އަޑު މަޑުމަޑުން ފަނޑުވެ، ”ފްރީ ޕަލެސްޓައިން“ އަކީ އައުޓްޑޭޓްވެފައިވާ ”ޓްރެންޑް“ އަކަށް ގިނަ ބަޔަކަށް ވެގެންދިޔައެވެ.

ހަގީގަތުގައި މި ހަނގުރާމައަކީ ”ޓްރެންޑް“ އެއް ނޫނެވެ. އަދި މިކަމަކީ އޮކްޓޫބަރު 7 ގައި ފެށުނު ކަމެއް ވެސް ނޫނެވެ. މި ޓްރެންޑްގެ ނިމުމަކީ ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކުގެ ނިމުމެއް ވެސް ނޫނެވެ. މިކަމުގެ ހަގީގީ ސޫރަ ބެލުމަށްޓަކައި، ފަލަސްތީނުގައި އަނިޔާވެރިކަން ފެށިގެން އައީ ކޮން އިރަކުތޯ ސުވާލު އުފައްދަންޖެހެއެވެ.

މި ސުވާލުގެ ޖަވާބު އޮތީ ތާރީޚީ ފޮތްތަކުގައެވެ. 1939 ގައި ދެވަނަ ބޮޑު ހަނގުރާމަ ފެށިގެން އައިއިރު، ޖަރުމަނުވިލާތުން ދިޔައީ ޔޫރަޕުގެ ޔަހޫދީންނަށް ބޮޑެތި އަނިޔާތަކެއް ދީ، ގަތުލުއާންމު ހިންގަމުންނެވެ.

މި ހޮލޮކޯސްޓްގައި 6 މިލިއަން ޔަހޫދީން މަރާލިއެވެ. އެއީ އޭރު ޔޫރަޕުގައި ތިބި ޔަހޫދީންގެ ތިންބައިކުޅަ ދެބައެވެ. ހަނގުރާމަ ނިމުމުން، ޔޫރަޕުގެ ޔަހޫދީން ވަޒަންވެރިވާނެ ތަނަކާ މެދު ދުނިޔޭގެ ބާރުތަކުން މަޝްވަރާކުރިއެވެ. އިނގިރޭސިވިލާތުގެ ”ހައްލަކަށް“ ވީ އެމީހުން ފަލަސްތީނުގެ ބިމަށް ފޮނުވާލުމެވެ. މި ކަމަށް އެއްބަސްވުމެއް ހަދާ އޭރުގެ އިނގިރޭސި ލޯރޑް ޕްރެސިޑެންޓް އޮފް ދަ ކައުންސިލް އާރތާރ ބަލްފޫރްގެ ނަން ”ބަލްފޫރް ޑިކްލަރޭޝަން“ގެ ނަމުން ނަންދެވުނެވެ.

ފޮޓޯ: ގޫގުލް

އޭރު ފަލަސްތީނަކީ މުސްލިމުންނާއި ނަސާރާދީނުގެ މީހުން އަމާންކަމާއެކު ދިރިއުޅެމުން ދިޔަ ބިމެކެވެ. ފަލަސްތީނުގެ ރައްޔިތުން ޔަހޫދީން ބަލައިގަތީ މެހެމާންދާރީގެ އަތްތަކުންނެވެ. ނަމަވެސް، މާ ގިނަ ދުވަސްތަކެއް ނުވެ ސުހްޔޫނީ ފިކުރު ފެތުރި، ޔަހޫދީން މުސްލިމުންގެ ގެތަކަށް އަރައިގަނެ، އެއީ އެމީހުންގެ ދީނީ ބިމެއް ކަމަށް ބުނެ ފަސާދަ އުފައްދަން ފެށިއެވެ.

މީގެ އެންމެ ބޮޑު ލޮޅުން ދުނިޔެއަށް އިހުސާސްވީ 15 މޭ 1948 ގައެވެ. ފަލަސްތީނުގެ ރައްޔިތުން މި ދުވަހަށް ނަންދިނީ ”ނަކްބާ“ ނުވަތަ ”ބޮޑު ކާރިސާ“ ގެ ނަމުންނެވެ. އެ ދުވަހު 750,000 އަށް ވުރެ ގިނަ މީހުން ގެދޮރުން ނެރެލައި، 15,000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލިއެވެ.

ނަކްބާއަށް ފަހު، ފަލަސްތީނުގެ ބިމުގެ 78 އިންސައްތަ ސުހްޔޫނީން އަތުލިއެވެ. އަމިއްލަ ބިމުގައި މުހާޖިރުންގެ ގޮތުގައި އުޅެން ޖެހި، ދުނިޔެއަށް އަޑުނީވި އެތައް އަހަރެއްގެ އަނިޔާވެރިކަން އެ ރައްޔިތުން ތަހައްމަލުކުރިއެވެ.

އަނިޔާވެރިކަމަށް ”ނޫނެކޭ“ ބުނެ، އަމިއްލަ ދިފާއުގައި ފަލަސްތީނުގެ މުޖާހިދުން 7 އޮކްޓޫބަރުގައި ނުކުތުމުން، އިސްރާއީލުން ދޭން ފެށި ރަހުމުކުޑަ ހަމަލާތަކުގައި މިއަދާ ހަމައަށް 75,000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްފައެވެ. އެހީ ވައްދާ ދޮރުތައް ބަންދުކޮށް، މުޅި ޣައްޒާ ވަނީ ބޮޑު ޖަލަކަށް ހަދާފައެވެ.

މިއަދުވެސް ފަލަސްތީނުގެ ގަތުލުއާންމު ހިނގަމުންދާއިރު، ދުނިޔޭގެ ސަމާލުކަން ވަނީ ފަނޑުވެފައެވެ. އިސްރާއީލުން ދަނީ ހަގީގަތް ފޮރުވުމަށްޓަކައި ރިޕޯޓަރުން ޝަހީދުކުރަމުންނެވެ. ޝިރީން އަބޫ އަކްލޭހް އިން ފެށިގެން އަނަސް އައް ޝަރީފް އާ ހަމައަށް 270 އަށް ވުރެ ގިނަ ނޫސްވެރިން ވަނީ މަރާލާފައެވެ.

އެހެން ނަމަވެސް، އަހަރެމެން އެމީހުންގެ މަތިން ހަނދާން ނައްތާލައިގެން ނުވާނެއެވެ. ފަލަސްތީނަކީ ސޯޝަލް މީޑިއާގެ ”ޓްރެންޑް“ އެއް ނޫނެވެ. އެއީ އީމާންތެރިކަމާއި، އިންސާނިއްޔަތާއި، އަދުލުވެރިކަމުގެ ގޮވުމެކެވެ. ޓްރެންޑް ނިމުނަސް، ފަލަސްތީނުގެ ހައްގު ވާހަކަ ދެއްކުމަކީ އަހަރެމެންގެ މައްޗަށް އޮތް ވާޖިބެކެވެ. ފަލަސްތީނުގެ އަޑަކީ ދުނިޔެއިން ފޮހެލެވޭނެ އަޑެއް ނޫނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: