އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަވަހާރަވެފައިވާ ކަމަށް ނުވަތަ ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ބުނެ އީރާނުގެ ދައުލަތުގެ މީޑިއާތަކުންނާއި ސޯޝަލް މީޑިއާގައި ފަތުރަމުންދިޔަ އަޑުތަކާ ގުޅިގެން، އޭނާ ހެޔޮހާލުގައި ހުރިކަން ހާމަކުރުމުގެ ގޮތުން ވީޑިއޯއެއް އާންމުކޮށްފިއެވެ.
އާދީއްތަ ދުވަހު އާންމުކުރި މި ވީޑިއޯއިން ފެންނަނީ ނަތަންޔާހޫ އޭނާގެ އެހީތެރިއަކާއެކު ކޮފީއެއް ބޯން އިނދެ ވާހަކަދައްކާ މަންޒަރެވެ.
ގުދުސްގެ ބޭރު ސަރަހައްދެއްގައި ހުރި ކެފޭއެއްގައި ނަގާފައިވާ މި ވީޑިއޯ ނަތަންޔާހޫގެ ޓެލެގްރާމް އެކައުންޓުގައި ވަނީ ހިއްސާކޮށްފައެވެ. އެ ވީޑިއޯގައި އޭނާގެ އެހީތެރިޔާ ވަނީ އޭނާ މަރުވެފައިވާ ކަމަށް ފެތުރެމުންދާ އަޑުތަކާ ގުޅޭގޮތުން ސުވާލުކޮށްފައެވެ. ކޮފީ ތަށީގައި ހިފަމުން ނަތަންޔާހޫ ވަނީ ހީބްރޫ ބަހުގެ ލަފުޒެއް ބޭނުންކޮށް، އެ އަޑުތަކަށް މަލާމާތްކޮށް ރައްދު ދީފައެވެ. އޭނާ ބުނެފައިވަނީ، ”އަހަރެން ކޮފީއަށް މަރުދެން. އަދި އެނގޭތަ؟ އަހަރެން އަހަރެންގެ ރައްޔިތުންދެކެ ވެސް އިންތިހާއަށް ލޯބިވޭ (މަރުދެން)،“ މިފަދައިންނެވެ.
ރޮއިޓާސްއިން ވަނީ އެ ވީޑިއޯ ނަގާފައިވާ ކެފޭގެ އެތެރޭގެ މަންޒަރުތައް އަޅާކިޔައި، އެއީ ސައްހަ ވީޑިއޯއެއްކަން ކަށަވަރުކޮށްފައެވެ. އަދި އެ ކެފޭއިން އާދީއްތަ ދުވަހު އާންމުކޮށްފައިވާ އެހެނިހެން ފޮޓޯތަކާއި ވީޑިއޯތަކުން ވެސް ނަތަންޔާހޫ އެތަނަށް ޒިޔާރަތްކުރިކަން ވަނީ ޔަގީން ކުރެވިފައެވެ. ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނަށް ދޭން ފެށި ހަމަލާތަކަށްފަހު، ނަތަންޔާހޫ ވަނީ އީރާނުގެ މިސައިލް ހަމަލާތައް އަމާޒުވި ބައެއް ރަށްތަކަށާއި، ހޮސްޕިޓަލްތަކަށާއި، ބަނދަރުތަކުގެ އިތުރުން އަސްކަރީ މަރުކަޒުތަކަށް ޒިޔާރަތްކޮށްފައެވެ.
ނަމަވެސް އެ ދަތުރުތަކުގެ މައުލޫމާތު މީޑިއާއަށް ހާމަކޮށްފައިވަނީ ވަރަށް ކުޑަކޮށެވެ. އަދި އެ ދަތުރުތަކާ ގުޅޭ ވީޑިއޯތައް އާންމުކޮށްފައިވަނީ ސީދާ އޭނާގެ އޮފީހުންނެވެ. އިސްރާއީލުގެ މީޑިއާތަކަށް އިންޓަވިއު ދިނުމާއި ނޫސްވެރިންގެ ބައްދަލުވުންތައް ބޭއްވުމަކީ ނަތަންޔާހޫ ވަރަށް މަދުން ނޫނީ ކުރައްވާ ކަމަކަށް ނުވާއިރު، ހަނގުރާމަ ފެށުނު ފަހުން އޭނާ ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން ބާއްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ވީޑިއޯ ލިންކެއް މެދުވެރިކޮށެވެ.
ހަނގުރާމަ ފެށުނު ފަހުން އިސްރާއީލުގައި އިއުލާނުކޮށްފައިވާ ކުއްލި ހާލަތުގެ ސަލާމަތީ ފިޔަވަޅުތަކުގެ ދަށުން، މީހުން އެއްވެ އުޅުން ވަނީ މަނާކޮށްފައެވެ. މިކަމުގެ ސަބަބުން ގިނަ ބަޔަކު ތިބެނީ ގޭގައާއި ރައްކާތެރި ހިޔާވަހިކަން ހޯދޭނެ ތަންތަނާ ކައިރީގައެވެ. އަދި މިހާރު މުޅި ގައުމުގެ ގިނަ ސްކޫލްތައް ވެސް ވަނީ ބަންދުކޮށްފައެވެ. މިއީ މީގެ ކުރިން ޖޫން މަހު އިސްރާއީލާއި އީރާނާ ދެމެދު 12 ދުވަހަށް ކުރިއަށްދިޔަ ހަނގުރާމައިގައި ވެސް އޭނާ މައުލޫމާތު ހިއްސާކުރުމަށް ބޭނުންކުރި ގޮތެވެ.

