ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤާނޫނުއަސާސީ އިސްލާހު ކުރުމުގައި ކަނޑައެޅިފައިވާ އިމާއި، އަސާސީ ހައްޤުތަކުގެ ރައްކާތެރިކަން

ގާނޫނުއަސާސީ---- ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ޤާނޫނުއަސާސީއަކީ ދައުލަތުގެ އެންމެ މަތީ ޤާނޫނެވެ. އެއީ ދައުލަތުގެ ބާރުތައް ބެހިގެންވާ ގޮތާއި، ރައްޔިތުންގެ އަސާސީ ޙައްޤުތަކާއި މިނިވަންކަން ކަށަވަރުކޮށްދޭ އެންމެ އިސް ވަސީލަތެވެ.

ވެރިކަމުގެ ބާރުގައި ތިބޭ ފަރާތްތަކަށް ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ އިޚުތިޔާރު ލިބިގެންވާއިރު، އެ ބާރު ބޭނުންކުރުމުގައި ވަކި ޙުދޫދެއް ނުވަތަ އިމެއް އޮވޭތޯ މިއީ ދުސްތޫރީ ނިޒާމެއްގައި އުފެދޭ އެންމެ އަސާސީ އެއް ސުވާލެވެ.

ރާއްޖޭގެ ޤާނޫނުއަސާސީގައި އެއްވެސް ހާލެއްގައި ބަދަލު ނުކުރެވޭނެ ފަދަ މާއްދާތަކެއް ސާފުކޮށް ބަޔާންކޮށްފައި ނުވުމަކީ، ރާއްޖޭގެ ދިމިޤްރާޠީ ނިޒާމު ދެމެހެއްޓުމާ ސީދާ ގުޅިފައިވާ މުހިންމު ބަހުސެކެވެ.

”ބަދަލުނުކުރެވޭނެ މާއްދާ“ ނުވަތަ ”Eternity clause“ އަކީ ދައުލަތުގެ އެންމެ އަސާސީ ސިފަތަކާއި އުޞޫލުތައް ޙިމާޔަތްކުރުމަށްޓަކައި، އެއްވެސް އިޞްލާޙަކުން ބަދަލުނުކުރެވޭނެ ގޮތަށް ކަނޑައަޅާފައިވާ މާއްދާތަކެވެ. މި މަފްހޫމް ބައިނަލްއަޤުވާމީ ފެންވަރުގައި މަޝްހޫރުވެގެން ދިޔައީ އިންޑިއާގެ ސުޕްރީމް ކޯޓުން ނިންމި ”ކޭސަވަނަންދާ ބާރްތީ ވ. ސްޓޭޓް އޮފް ކެރެލާ“ މައްސަލައިންނެވެ. އެ މައްސަލައިގައި ކަނޑައެޅީ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބާރު ޤާނޫނު ހަދާ މަޖިލީހަށް އޮތް ނަމަވެސް، ޤާނޫނުއަސާސީގެ ”އަސާސީ އޮނިގަނޑު“ (Basic Structure) ރޫޅާލުމުގެ ބާރު ލިބިގެން ނުވާ ކަމަށެވެ.

މި އުޞޫލުގެ ދަށުން، ދައުލަތުގެ ޖުމްހޫރީ ސިފަ، ބާރުތައް ވަކިވެފައި އޮތުން، އަދި އަސާސީ ޙައްޤުތަކުގެ ޖައުހަރު ފަދަ ކަންކަމަކީ އެއްވެސް ސިޔާސީ އަޣުލަބިއްޔަތަކުން ބަދަލުނުކުރެވޭނެ ކަންކަމެވެ. މިއީ ޤާނޫނުއަސާސީގެ ރޫޙު ދެމެހެއްޓުމަށްޓަކައި ކަނޑައެޅިފައިވާ ދުސްތޫރީ އިންތަކެކެވެ.

ރާއްޖޭގެ ނިޒާމަށް ބަލާއިރު، ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ އެންމެ ފަހު ބާރު އޮންނަނީ ރައްޔިތުންގެ މަޖިލީހަށެވެ. ރާއްޖޭގައި ބާރުތައް ވަކިވެފައިވާ އުޞޫލުގެ މައްޗަށް ބިނާކޮށް، މަޖިލީހުން ގެންނަ އިޞްލާޙުތައް ބާޠިލްކުރުމުގެ ބާރު ކޯޓުތަކަށް އޮންނަ މިންވަރާ މެދު ސުވާލު އުފެދެއެވެ. ރާއްޖޭގެ ޤާނޫނުއަސާސީގައި ”ބޭސިކް ސްޓްރަކްޗަރ“ އެއް ސާފުކޮށް ބަޔާންކޮށްފައި ނެތުމާއި، ބަދަލުނުކުރެވޭނެ މާއްދާތަކެއް ނެތުމަކީ ދުސްތޫރީ ހުސްކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ދެކެއެވެ.

މި ހާލަތުގައި، ވެރިކަމުގެ ބާރުގައި ތިބޭ ފަރާތްތަކުން ޤާނޫނުއަސާސީގެ އަސާސީ ސިފަތަކަށް ބަދަލު އަންނަ ފަދަ އިޞްލާޙުތަކެއް ގެނައުމަށް މަސައްކަތްކޮށްފި ނަމަ، އެކަން ހުއްޓުވޭނެ ޤާނޫނީ ނިޒާމެއް އޮތުމަކީ މުހިންމު ކަމެކެވެ. އެއްބާރުން އަނެއް ބާރުގެ މައްޗަށް ބަސްބުނުމުގެ އިންތަކަކީ ދިމިޤްރާޠީ ނިޒާމެއްގެ ދެމިއޮތުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.

ޤާނޫނުއަސާސީގެ 262 ވަނަ މާއްދާއަކީ ޤާނޫނުއަސާސީ އިޞްލާޙުކުރުމުގައި ރައްޔިތުންގެ ސީދާ ބައިވެރިވުން ކަށަވަރުކޮށްދޭ މާއްދާއެކެވެ. އަސާސީ ޙައްޤުތަކުގެ ބާބަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ދައުރަށް ބަދަލު އަންނަ ފަދަ އިޞްލާޙެއްނަމަ، ރައްޔިތުންގެ ފެންނަނުފެންނަ ވޯޓަކަށް ދާންޖެހެއެވެ. ނަމަވެސް، ހަމައެކަނި ރައްޔިތުންގެ ވޯޓަކަށް ބަރޯސާވުމަކީ އަސާސީ ޙައްޤުތައް ފުރިހަމައަށް ރައްކާތެރިކުރުމަށް ފުދޭވަރުގެ ކަމަކަށް ނުވެދާނެއެވެ.

”ޔައުޤޫބް އިބްރާޙިމް ވ. ދައުލަތް“ މައްސަލައިގައިވެސް އަސާސީ ޙައްޤުތައް ރައްކާތެރިކުރުމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ. އަސާސީ ޙައްޤުތަކަކީ ހަމައެކަނި އަޣުލަބިއްޔަތުން ނިންމާ ނިންމުމަކުން އުނިކުރެވޭނެ އެއްޗަކަށް ވެގެން ނުވާނެއެވެ. އެއީ ކޮންމެ އިންސާނަކަށް އުފަންވުމުން ލިބިދޭ، އަދި ދައުލަތުން އިޙްތިރާމްކުރަންޖެހޭ މުޤައްދަސް ޙައްޤުތަކެކެވެ.

ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ ބާރަކީ ހުދޫދެއް ނެތް ބާރެއް ނޫން ކަމެވެ. ރާއްޖޭގެ ޤާނޫނުއަސާސީގައި ސާފުކޮށް ބަދަލުނުކުރެވޭނެ މާއްދާތަކެއް ބަޔާންކޮށްފައި ނެތް ނަމަވެސް، ދުސްތޫރީ ޢަދުލުގެ އުޞޫލުތަކުން އެނގެނީ ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑާއި ރޫޙަށް އުނިކަން އަންނަ ފަދަ ބަދަލެއް ނުގެނެވޭނެ ކަމެވެ. އަސާސީ ޙައްޤުތަކާއި ދިމިޤްރާޠީ އުޞޫލުތައް ހިމާޔަތްކުރުމަށްޓަކައި، ޤާނޫނު ހަދާ މަޖިލީހުގެ ބާރުތަކަށް ކަނޑައެޅިފައިވާ ދުސްތޫރީ އިމުގެ ތެރޭގައި މަސައްކަތްކުރުމަކީ ދައުލަތުގެ ހަމަޖެހުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: