”އަޅުގަނޑުގެ ފެއިލިއާއެއް ފެނިއްޖެނަމަ އިސްތިއުފާ ދިނުމަކީ ފަސް ޖެހޭނެ ކަމެއް ވެސް ނޫން. އެހެންވިޔަސް އަޅުގަނޑުގެ މަސައްކަތުގައި އަމާޒު ހިފާފައި މި ހުރީ، އަޅުގަނޑުގެ އަމިއްލަ ނަފުސަށް އެ ޔަގީން ކަން އެބަ އޮތް އަޅުގަނޑަކީ އެ މަސައްކަތް ކުރެވޭނެ މީހާ“ މިއީ ޖެންޑާރ މިިނިސްޓަރު ޝިދާތާގެ ބަހެވެ.
މިއީ އާއްމު ރައްޔިތުން ހިތްހަމަ ޖައްސަައިދޭން ނުވަތަ ރައްޔިތުން ހަމައަކަށް އަޅުވަން ދައްކާ ވާހަކައެއް ތޯއެވެ؟ ބޮޑާކަމާއެކު، ”މިކަން ވާނީ މަށަށް“ ކަމަށް ވިދާޅުވާއިރު އިސްލާހު ކުރަންޖެހޭ ކަންތައް އޮތީ ފުންޏަކަށް ޖެހިފައެވެ. ”ކާފަ، މުނިކާފަ ކުރި ކަމަކާ މިނިސްޓަރަކާ ކޮންކަމެއް“ ހޭ ބުނާ މީހުންގެ ލަދެއް ވެސް ނެތީއެވެ. ބޮޑު މުސާރައާއި ބޮޑު މަގާމު، އަދި ބޮޑު ދިދަ ޖެހި ކާރު ދީފަ ތިބެނީ ރައްޔިތުންނަށް ހިދުމަތް ކުރުމަށެވެ. ކަންކަން ހައްލު ކުރުމަށެވެ. ވޭތުވެ ދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ޖެންޑާރ މިނިސްޓްރީއަށް ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރެވިފައިއެއް ނެތެވެ.
ލަދެއް ހުރި އިންސާނެއް ކަމާއި ބެހޭ މުވައްސަސާތަކުގެ ވެރިއެއްގޮތުގައި ހުރިނަމަ އިހުމާލު ވެވިފައިވާކަން ގަބޫލުކޮށް މިޔަދު ނިކުމެ މާފަށް އެދުނީހެވެ. ހެދިފައި ހުރި ބާގަނޑުތައް ފޫބައްދަން އުޅުނީސްއެވެ. އެ ގޯސްތައް ތަކުރާރުވާން ފެށުމުން މަގާމުން އިސްތިއުފާ ދިނީހެވެ. އެހެން ނަމަވެސް މިއަދު މި ގައުމުގެ މުވައްސަސާތައް އެ މަސައްކަތް ކުރަނީ ބޮލުންކަޓުވަައި ޒިންމާ އެހެން ބައެއްގެ ބޮލުގައި އަޅުވާ ރެކިގަތުމަށެވެ.
ރަސްމީ ސިފައޭ، މައްސަލައެއް ފާހަގަގައެއް ނުވެއޭ، އުމުރުން މާ ދޮށްޓޭ ކިޔާނެ ކަމެއް ނެތެވެ. މި ފެންނަނީ ތިމާމެންގެ ނާގާބިލް ކަމެވެ.

ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެކުއްޖާގެ މުނިކާފަގެ އެފަދަ އިތުރު މައްސަލައެއްގައި ޝަރީއަތް ހިނގަމުންދާ ކަމަށާއި ނަމަވެސް އެ މައްސަލައިގައި އޭނާ ހައްޔަރުނުކޮށް ދޫކޮށްލާފައި ބަހައްޓަން ނިންމީ އޭނާގެ އުމުރަށް ބަލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް ވިދާޅުވީ، ކުއްޖާގެ މައްސަލައިގައި ހިމެނޭ އުމުރުން 82 އަހަރުގެ މުނިކާފަ އެހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ހުށަހަޅާފައިވަނީ 2018 ވަނަ އަހަރުގެ ތެރޭގައި ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު އެ އަހަރުގެ މެއި މަހުގެ ތެރޭގައި ޕީޖީއަށް އެ މައްސަލަ ފޮނުވި ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި އޭރު މުނިކާފަ ހައްޔަރުނުކޮށް ދޫކޮށްލަން ނިންމީ އޭނާގެ އުމުރަށް ބެލުމަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ ފުކެއް ބޮޑު ވަރެވެ. ”އޭނާ ދޫވެފައި ހުރީ، އެހާ ދުވަސްވެފައި ހުރީމަ އުމުރަށް ބަލާފައޭ“ ބުނުން މިއީ މި މުޖުތަމައު ބަލަގަންނާނެ ކަމެއް ނޫނެވެ. އުމުރުން ދުވަސްވުމުން އެފަދަ ހަޑި މުޑުދާރު އަމަލު ނުހިންގާނީ އެވެ. އޭރުން އަރާމު ކުރަން ގޭގައި އޮވެވޭނެ އެވެ.
ދެން ހުންނެވީ ޖެންްޑާ މިނިސްޓަރު ޝިދާތާ ކަމަނާ އެވެ. ފަށަންވީ ކިހާ ހިސާބަކުން ކަމެއް ވެސް ނޭނގެއެވެ. 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 27 ގައި ބައެއްގެ އިހުމާލެއްގެ ސަބަބުން މި ދުނިޔެ ދޫކޮށް ދިޔަ އިބްތިހާލުގެ މަރާއި ހަމައިން ބާއެވެ؟ ނޫނީ ކުޑަކުދިންގެ ހިޔާގެ ވާހަކައިން ބާއެވެ؟ ނުވަތަ، ކުޑަކުދިންގެ ހިޔާގައި ހުއްޓާ ފިލި ފިރިހެން ކުއްޖާގެ ވާހަައިން ތޯއެވެ. ނުވަތަ ބާލިދިއަށްލާ މަރާލަން އުޅުނު ތުއްތު ކުއްޖާގެ ހަމައިން ބާވައެވެ؟ ކުޑަކުދިންގެ ހިޔާގައި އަންހެން ކުއްޖަކު ބަނޑުބޮޑުވި ހާދިސާއާއި އެކު ބާއެވެ؟ މިކަހަލަ އެތައް ވާހަކައެއް ޝިދާތާ ކަމަނާގެ ހުރި ނާގާބިލުކަން ކަށަވަރުކޮށްދޭނެއެވެ.
މިނިސްޓަރު ޝިދާތާ ކަމަނާ އެވެ. ކަމަނާ ކަމަނާގެ ފްރައިޑޭ ސެލަބްރޭޓް ކުރާނެ ކަމެއް ނެތެވެ. ކުރަން ނުވެސް ޖެހެއެވެ. ކަމަނާގެ އިހުމާލުތައް ހުރީ އިންތިހާގައެވެ. އުމުރުން 14 އަހަރުގެ ކުއްޖަކު ގެއްލުނު ކަމުގެ އަޑު އިވިގެންދިޔައީ މިދިޔަ ޖޫން މަހުގެ 18 ވަނަ ދުވަހުއެވެ. އަދި އޭގެ ދެ ދުވަސް ފަހުން އެ ކުއްޖާ ހޯދަން އާންމުކޮށް އިއުލާނުކުރި އިރު، އޭރު އެކުއްޖާ ގެއްލުނުކަން ފިޔަވާ އެއްވެސް އެހެން މައުލޫމާތެއް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ވެސް ހާމަކޮށްފައި ނުވެއެވެ. ވެބްސައިޓުގައި އާއްމު ކުރީ ކުއްޖާގެ އެންމެ ޅަ އިރުގެ ފޮޓޯއެކެވެ. ފުލުހުންގެ ފަރާތުން އޭރު ލިބުނު މައުލޫމާތަކީ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން ދާ ކަމެވެ. ކޯޓު އަމުރެއް ސޯޝަލް މީޑިއާގައި އާއްމުވެ އެކުއްޖާއަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެއް ކަމަށް އަޑުތައް ފެތުރެން ފެށުމާއެކު ޖެންޑަރ މިނިސްޓްރީން އޭރު އެކަން ދޮގުކުރިއެވެ. އެކުއްޖާ ގެއްލުމުގައި މިނިސްޓްރީގެ އިހުމާލު ބޮޑެވެ. އެންމެފަހު ވަގުތާއި ހަމައަށް ވެސް އެކަން ދޮގުކުރިއެވެ. އެ ދޮގު މައުލޫމާތު ދިނީ ޝިދާތާ ކަމަނާއާއި އެ ކަމަނާގެ އައުވާނުންނެވެ.

އެރޭ ދަން ވަންދެން ނޫސްވެރިން ކުރަމުން ދިޔަ ސުވާލުތަކަށް މިނިސްޓްރީއިން ދިނީ ބީރު ކަންފަތެކެވެ. އޭގެ ޖެހިގެން އައި ދުވަހު މީޑިއާތަކުން ކުރިމަތިކުރުވި ޕްރެޝަަރަށް ކެތް ނުކުރެއްވިގެން އެއީ ދައުލަތުގެ ބެލުމުގެ ދަށުގައި އިން ކުއްޖެއްކަން އެއްބަސްވިއެވެ. އެންމެފަހުން ޕްރެސްއެއް ބާއްވާ ކުއްޖާގެ ވަނަވަރު ހާމަކޮށް ދޭން ނުޖެހޭ އެތައް މައުލޫމާތުތަކެއް ހާމަކުރިއެވެ. އެއީ ކުށުގެ ވެށިން ދައުލަތުގެ ބެލުމުގެ ދަށަށް ގެނައި ކުއްޖެއް ކަމަށް ވިދާޅުވެ، ކުއްޖާގެ ކުށްތައް ކަމަށް ބުނެ ހުރިހާ މައުލޫމާތެއް ހާމަކުރިއެެވެ. އެ ކުއްޖާ ހިޔާގައި ގެންގުޅުނީ، އެކަހެރިކޮށްގެން ނެވެ. އެންމެފަހުން ކުއްޖާ ފިލުމުން ކުށްވެރިވީ ”ބެޑްޝީޓް“ އެވެ. ތިޔަ އިއްޒަތްތެރި މިނިސްޓަރު ކަމަނާ ޝިދާތާވާ ހަމަ ސާބަހެވެ. ކަމަނާގެ ތިޔަ ދެރަވަރު ދެރަފެންވަރުގެ އަމަލުތަކަށް ކަމަނާ ފަހުރުވެރިވިޔަސް އަޅުގަނޑު ގަންނަނީ ލަދެވެ.
މިއީ މިނިސްޓަރު ޝިދާތާ ކަމަނާގެ އެންމެ ބޮޑު އެއް ފެއިލިއާގެ ވާހަކައެވެ. ޝިދާތާ ކަމަނާ ދެކެ ހިތްހަމަނުޖެހެނީ ހަމައެކަނި ރައްޔުތުން އެކަޏެއް ނޫނެވެ. މީޑިއާތައް ވެސް މެއެވެ. 2 އަހަރުގެ ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ޖެންޑާ މިނިސްޓްރީގެ ވަޓްސް އަޕް ގްރޫޕުގައި އެތައް ސުވާލުތަކެއް ކުރީމެވެ. ޖަވާބެއް ނުދެއެވެ. އެކަން ހާމަ ކުރީ ފުލުހުންނެވެ. އެއަށްފަހު ވެސް މިނިސްޓްރީގެ ބަހެއް ނުލިބިގެން އެތަށް ނޫސްވެރިންނެއް އުޅުނެވެ. ހަމަ އެރޭ ދަންވަރު އެންމެފަހުން ވަޓްސް އަޕް ގްރޫޕުގައި ސުވާލުތައް ކުރަން ފެށުމުން ތަނުގެ މީޑިއާ އޮފިޝަލް ވިދާޅިވީ ”ބަޔާން ނެެރުމަށް މިދަނީ ތައްޔާރުވަމުން“ މިހެންނެވެ. އެއާއި އެކު އޭގެ ގަޑިއެއް ހާއިރު ފަހުން ނެރުނު ބަޔާނުގައި އޮތީ މައްސަލަ ހުށަހެޅި ތާރީހު ބަޔާންކޮށް، މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށެވެ.
އަޖައިބު ވާނެތެވެ. ކުޑަމިނުން ޖެންޑާ މިނިސްޓަރު ޝިދާތާ ކަމަނާ މި ވީހާ ދުވަސްވީއިރު މި މައްސަލައިގައި ބާ ޓްވީޓުގަނޑެއް ކޮށެއް ނުލެވުނެވެ. ލަދުވެއްޗެވެ.

ކަނޑުހުޅުދޫ ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލައިގެ ފުނަށް ދިއުމަށް ކުރާ ކޮންމެ މަސައްކަތުން ފެންނާން އޮތީ އިހުމާލުކަމަށްވާއިރު، ގއ. އަތޮޅުގައި ހުންނަ ޖެންޑާ މިނިސްޓްރީގެ ސެންޓަރުގައި މުވައްޒަފަކު ނެތްތާ އަަހަރަކާއި ގާތް ވަނީއެވެ. މިއީ އަޅުގަނޑު ބުނާ ވާހަކައެއް ނޫނެވެ. ޝިދާތާ ކަމަނާގެ އިއުތިރާފެވެ. ދެން ފާއިތިވީ އެއް އަހަރު ދުވަހުގެ ކާމިޔާބީ ހޯދީމޭ ކިޔައިގެން ވާހަކަ ދައްކަވަން ހަދާނެ ކަމެއް ނެތެވެ.
ޖެންޑާ މިނިސްޓްރީގައި ބަޖެޓާއި ވަސީލަތާއި މުވައްޒަފުންނެއް ނެތްކަމުގެ ޝަކުވާ ޝިދާތާ ކަމަނާ ކުރެއްވީ މީގެ ދެ ދުވަސް ކުރީންނެވެ. އަތޮޅުތަކުގައި ހުރި އެ މިނިސްޓްރީގެ ސެންޓަރުތައް ހުރީ އެކަށީގެންވާ ހާލަތަކު ނޫން ކަމަށް ވެސް ވިދާޅުވިއެވެ. ހިނިފުޅުވަޑުވައި ހުންވައިގެން ތިމާމެންގެ ހުރި ވަރިހަމަކަން ކިޔައިދެއްވަމުން ދިޔައިރު، އަޅުގަނޑުގ ފޯނަށް އިރު އިރުކޮޅާމެސެޖު އަންނަމުން ދިޔައެވެ. މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭ މީހަކު ކޮމިޓީގައި ބަހައްޓައިގެން މެމްބަރުން އެ ކުރަނީ ކޮން ސުވާލެއްތޯ ބުނެއެވެ.
މި ވާހަކައަށް އެންމެ ފުރިހަމަ ޖަވާބުދެއްވީ ހިއުމަން ރައިޓްސް ކޮމިޓީގެ މުގައްރިރު ޖީހާން މަހުމޫދެވެ. ޖީހާންއަށް އަޅުގަނޑު ސާބަސްދެމެވެ. ޖިހާން ވިދާޅުވި ފަދައިން މިނިސްޓަރު ޝިދާތާ ކަމަނާއަށް ބަޖެޓާއި މެދު ވާހަކަ ދެއްކޭނެ ޖާގައެއް ނެތެވެ. ބަޖެޓު ކަނޑައަޅާ ކޮންމެ އިދާރާއަކަށް ވަކިވަކީން ސިޓީ ފޮނުވިއެވެ. މިނިސްޓަރު ޝިދާތާ ކަމަނާގެ މިނިސްޓްރީން އެއްވެސް ޖަވާބެއް ނުދެއްވައެވެ. އަޅުގަނޑު ދަންނަވާނީ މަޖިލީޙުގެ ސިޓީއަށް މިނިސްޓަރު ޝިދާތާ ކަމަނާ ޖަވާބެއް ނުދެއްވީ، މިނިސްޓަރު ނަހުލާ ވިދާޅުވި ފަދައދިން މިނިސްޓަރު ޝިދާތާ ކަމަނާގެ ދެރަވަރު ދެރަފެންވަރުގެ ސަބަބުންނެވެ.

ޝިދާތާ ކަމަނާއަށް ޒިންމާ ނުނެގެއެވެ. ނުވެސް ނެގޭނެއެވެ. ބޮޑުތަނުން ފެއިލް ވެއްޖެއެވެ. ޝިދާތާކަމަނާ ހިތުން އެ ދައްކަވަނީ ސިޔާސީ މޮޅު ވާހަކަތަކެވެ. އެހެން ހަގީގަތުގައި ސިޔާސީ ގޮތުން ޝިދާތާކަމަނާއަށް ސިޔާސީ ގޮތުން މާ މޮޅު ވާހަކައެއް ވެސް ނުދެކެވެއެެވެ. މިވީ އެއް އަހަރު ދުވަސްތެރޭ ތިމަންނާމެން ކާމިޔާބީތަށް ހޯދައިފީމޭ ވިދާޅުވީމަ އަޅުގަނޑަށް ވަނީ ޖޯކަކަށެވެ. ޝިދާތާ ކަމަނާ މަގާމުން ދުރަށް ޖެހިވަޑައި ގަންނަވާށެވެ. ތިމާގެ ނަފްސަށް އިތުބާރު އޮތް ކަމަށް ވިދާޅުވިޔަސް، ރައްޔިތުންނަށް ކަމަނާގެ މައްޗަށް އިތުބާރެއް ނެތެވެ. ރައްޔިތުންގެ ނުރުހުން އިތުރުވުމަށްވުރެ އެންމެ ރަނގަޅީ އަމިއްލައިން މަގާމުން ދުރަށްޖެހި ވަޑައިގެން ޒިންމާތައް ނެގޭނެ މީހަކާއި ހަވާލު ކުރުމެވެ.
ނިންމާލަމުން އަޅުގަނޑު ކަމަނާއަށް ދަންނަވަން އޮތީ ޓްރާންސްޕޯޓު މިނިސްޓަރު ނަހުލާ އެތަނުގެ މުވައްޒަފުންގެ މަސައްކަތާއި ގުޅޭގޮތުން ދެންނެވި ވާހަކަފުޅެވެ. ކަމަނާ މަސައްކަތް ކުރަނީ، ވަރަށް ދެރަވަރު، ދެރަ ފެންވަރުކޮށެވެ. މިއީ އަޅުގަނޑު ދައްކާ ވާހަކައެއް ނޫނެވެ. މިއީ ރައްޔިތުންގެ ބަހެވެ.


2 Responses
ވަރަށް ސަޅި އާޓިކަލްއެއް.
މާހަތު ނޫސްވެރިކަން ކޮށްކޮށް އެއްޗެއް ރޯފިލާފަ ހުރިހެނެއް ހިއެއްނުވޭ ! ޖެންޑަތ މިނިސްޓަރަށް 100 މީހުން ލިޔަސް މި މައްސަލަތަކެއް ހައްލެއް ނުވާނެ. މީ ޖެންޑާ މިނިސްޓްރީގެ ކަމެއްނޫން. މީ އަހަރުމެންގެ ޖަސްޓިސް ސިސްޓަމްގެ މައްސަލައެއް. ޖެންޑަރ މިނިސްޓްރީގެ މެންޑޭޓް އެނގިހުރެ ނޫސްވެރިން ތިދަނީ ރއްޔިތުން ލޮލުގައި އަނދުން އަޅުވަމުން. ތިޔަ އުޅެނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރަންހެނެއް ހިއެއްނުވޭ.