މިއަދަކީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޑަބްލިޔު.އެސް.ސީ) ގެ ފަޚުރުވެރި 31 ވަނަ އަހަރީ ދުވަހެވެ.
1995 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 1 ވަނަ ދުވަހު މި ކުންފުނި އުފެދިގެން އައީ، އޭރު މާލޭގެ އާބާދީ އިތުރުވަމުން ދިޔުމާ ގުޅިގެން ކުރިމަތިވި ފެނާއި ނަރުދަމާގެ ބޮޑެތި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މުހިންމު މަޤްޞަދުގައެވެ. މިވީ 31 އަހަރުގެ ތެރޭގައި އެމް.ޑަބްލިޔު.އެސް.ސީ ވެފައިވަނީ ދިވެހިންގެ ދިރިއުޅުމުގެ އެންމެ އަސާސީ އެއް ބައިވެރިޔާއަށެވެ.
ކުންފުނީގެ ފެށުން އައީ އެންމެ 60 މުވައްޒަފުންނާއެކު 60،000 މީހުންގެ އާބާދީއަކަށް ޚިދުމަތް ދިނުމަށެވެ. ނަމަވެސް، 31 އަހަރުގެ ދިގު ރަސްތާއަށްފަހު، މިއަދު އެމް.ޑަބްލިޔު.އެސް.ސީ އަކީ 1000 އަށްވުރެ ގިނަ މުވައްޒަފުންނާއެކު ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 50 އިންސައްތަ ނުވަތަ 2 ލައްކައަށްވުރެ ގިނަ މީހުންނަށް ޚިދުމަތް ފޯރުކޮށްދޭ ކާމިޔާބު ކުންފުންޏެކެވެ. މިއަދު މި ކުންފުންޏަކީ %100 ދިވެހި މެނޭޖްމެންޓެއްގެ ދަށުން ހިންގާ، ދިވެހިންގެ މަސައްކަތްތެރިކަން ދައްކުވައިދޭ ނަމޫނާ މުއައްސަސާއެކެވެ.
މާލޭގެ އިތުރުން ވިލިމާލެ، ހުޅުމާލެ، ގުޅިފަޅު، ތިލަފުށި، ކ. މާފުށި، ރ. ދުވާފަރު އަދި ހދ. ކުޅުދުއްފުށީގައި މި ކުންފުނިން ޚިދުމަތް ދެމުންގެންދެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ދުވާފަރުގައި ފެނާއި ނަރުދަމާގެ އިތުރުން ކަރަންޓާއި ކުނި މެނޭޖްކުރުމުގެ ޚިދުމަތްވެސް އެމް.ޑަބްލިޔު.އެސް.ސީ އިން ދަނީ ފޯރުކޮށްދެމުންނެވެ. މިއީ ކުންފުނީގެ ޤާބިލުކަން ހަމައެކަނި ފެނުގެ ދާއިރާއަށްވުރެ ފުޅާވެ، މަލްޓި-ޔޫޓިލިޓީ ޚިދުމަތްތަކަށް ފުޅާވެފައިވާ މިންވަރު ހާމަކޮށްދޭ ކަމެކެވެ.
ކުންފުނި ފެށުނުއިރު ދުވާލަކު 900 ކޮޑި މީޓަރުގެ ފެން އުފެއްދުމުގެ ޤާބިލްކަން ހުރި ނަމަވެސް، މިހާރު މާލެ ސަރަހައްދުގައި ފެން އުފައްދާ މިންވަރު 49،900 ޓަނަށް ވަނީ އިތުރުކޮށްފައެވެ. އަދި މުޅި ގްރޭޓަރ މާލެ ސަރަހައްދުގައި ފެން ރައްކާކުރެވޭ މިންވަރު 50,445 ޓަނަށް އިތުރުކުރެވި، 25 އިންސައްތައިގެ ކުރިއެރުމެއް ވަނީ ހޯދާފައެވެ. ސިނަމާލެ ބްރިޖް މެދުވެރިކޮށް މާލެ އާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅާލުމަކީ ފެނުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.
”ދިވެހިރާއްޖެ 2.0“ ގެ ދަށުން ކަސްޓަމަރުންނަށް ލުއިފަސޭހަކޮށްދިނުމަށް އެމް.ޑަބްލިޔު.އެސް.ސީގެ މޯބައިލް އެޕްލިކޭޝަނާއި އީ-ޕޯޓަލަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މީގެ ސަބަބުން ބިލް ދެއްކުމާއި، ޚިދުމަތަށް އެދުމާއި، ފެން ބޭނުންކުރާ މިންވަރު ބަލާލުން ފަދަ ކަންކަން ފަސޭހައިން ކުރެވޭނެއެވެ. މީގެ އިތުރުން، ކުރިމަގުގައި ޕްރިޕެއިޑް އަދި ސްމާރޓް މީޓަރުގެ ޚިދުމަތް ތަޢާރަފުކުރުމަށް ކުރެވޭ މަސައްކަތަކީ ޒަމާނީ ޓެކްނޮލޮޖީއަށް ކުންފުނި އަހުލުވެރިވަމުންދާ މިންވަރު ދައްކައިދޭ ކަމެކެވެ.
މިއަދު އެމް.ޑަބްލިޔު.އެސް.ސީ އަކީ ހަމައެކަނި ޔޫޓިލިޓީ ކުންފުންޏެއް ނޫނެވެ. އެއީ އިންޖީނިއަރިންގ، ޓްރޭޑިންގ، އަދި އުފެއްދުންތެރިކަމުގެ ދާއިރާގައިވެސް ނަމޫނާ ކުންފުންޏެކެވެ. 31 އަހަރުގެ މި ކާމިޔާބު ދަތުރަކީ ރައްޔިތުންގެ އިތުބާރާއި މުވައްޒަފުންގެ ބުރަ މަސައްކަތުގެ ނަތީޖާއެވެ. ކުރިމަގުގައިވެސް މި ކުންފުނީގެ އަމާޒަކީ ދިވެހި ރައްޔިތުންނަށް އެންމެ ފެންވަރު ރަނގަޅު، އިތުބާރު ހުރި ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގައި ދެމިއޮތުމެވެ.

