ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ ”ގޯތިގެދޮރު“ ޕްރޮގްރާމުގެ ”ބިންވެރިޔާ“ ޚާއްސަ ސްކީމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުވާލައިފިއެވެ.
މިއީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްތަކުގެ ތެރެއިން އެޅުނު ފާހަގަކޮށްލެވޭ ފިޔަވަޅެކެވެ.
މި ޚާއްސަ ފުރުސަތުގެ ދަށުން ފޯމު ހުށަހެޅުމުގެ ފުރުސަތު ދެވިފައިވަނީ މައިގަނޑު ދެ ކެޓަގަރީއެއްގެ ބޭފުޅުންނަށެވެ. ފުރަތަމަ ކެޓަގަރީއަކީ ކުރިން ”ބިންވެރިޔާ“ ސްކީމުގެ ދަށުން ޖޮއިންޓް އެޕްލިކޭޝަންގައި ބައިވެރިވެ ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން، އެ ގޯތި ދޫކޮށްލުމަށްފަހު ވަކިން ގޯތި ހޯދަން ބޭނުންވާ ފަރާތްތަކެވެ. މީގެ ސަބަބުން ގިނަ ބަޔަކު ގުޅިގެން ގޯތި ލިބިފައިވުމުން ކުރިމަތިވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެއެވެ.
ދެވަނަ ކެޓަގަރީގައި ހިމެނެނީ މީގެ ކުރިން ސަރުކާރުގެ އެކި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ފްލެޓް ލިބިފައިވުމުގެ ސަބަބުން ”ބިންވެރިޔާ“ ސްކީމަށް ކުރިމަތިނުލެވުނު ފަރާތްތަކެވެ. މިއީ ކުރިން މި ފުރުސަތުން މަހުރޫމްވެފައިވާ ފަރާތްތަކަށް ސަރުކާރުން ހުޅުވާލައިދިން އުންމީދީ ދޮރެކެވެ.
ރަސްމާލެއިން ގޯތި ދޫކުރުން
މި ސްކީމުގެ ދަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ އަލަށް ހިއްކާ ރަސްމާލެއިންނެވެ. ރަސްމާލެއަކީ ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކުރެވޭ ސިޓީއަކަށް ވާއިރު، މި ސްކީމުގެ ދަށުން ޝަރުތު ހަމަވާ ކޮންމެ ފަރާތަކަށްވެސް 1,250 އަކަފޫޓުގެ ގޯއްޗެއް ލިބޭނެ ކަމަށް ސަރުކާރުން ވަނީ ކަށަވަރުކޮށްދީފައެވެ. މިއީ އާއިލާއެއް ދިރިއުޅުމަށް އެކަށީގެންވާ ބޮޑުމިނުގެ ބިމެކެވެ.
ފޯމު ހުށަހެޅުމުގެ އިޖުރާއަތްތައް
މި ސްކީމަށް ފޯމު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވަނީ ހައުސިންގ ޕޯޓަލް boahiyaavahikan.housing.gov.mv މެދުވެރިކޮށެވެ. މިއީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު، ގޭގައި ތިބެގެންވެސް ފޯމު ހުށަހެޅޭނެ އިންތިޒާމެކެވެ. މި ސްކީމަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ 30 އެޕްރީލް 2026 ގެ ރޭގަނޑު 11:59 އެވެ. އެހެންކަމުން، ޝަރުތު ހަމަވާ ފަރާތްތަކަށް ފޯމު ހުށަހެޅުމަށް އެކަށީގެންވާ ވަގުތު ސަރުކާރުން ވަނީ ދީފައެވެ.
ގޯތީގެ ބަދަލުގައި ފްލެޓް ހޯދުމުގެ ފުރުސަތު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެ އިތުރުންވެސް މުހިންމު އިޢުލާނެއް ކުރައްވާފައެވެ. އެއީ ”ބިންވެރިޔާ“ ސްކީމުން މިހާރު ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން، އެ ގޯތި ދޫކޮށްލުމަށްފަހު ސަރުކާރުން އަޅާ ފްލެޓްތަކަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ކުރިއަށް އޮތް ދެ ހަފުތާއެއްގެ ތެރޭގައި ހުޅުވާލާނެ ކަމެވެ. މިއީ އަމިއްލައަށް ގެދޮރު އެޅުމުގެ މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.
މި މަޝްރޫޢަކީ ރައީސް މުޢިއްޒުގެ ސަރުކާރުން ދިވެހި ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ކުރަމުންދާ ވަށާޖެހޭ މަސައްކަތުގެ މުހިންމު ބައެކެވެ. މިފަދަ ޚާއްސަ ކެޓަގަރީތަކަށް ފުރުސަތު ހުޅުވާލުމުން، ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައިވާ ގިނަ އާއިލާތަކަކަށް އުންމީދީ މުސްތަގުބަލެއް ފެނިގެންދާނެއެވެ.

