ސަރުކާރުގެ ”އެންމެންނަށް ބޯހިޔާވަހިކަން“ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ ”އާއިލީ ބޯހިޔާވަހިކަން“ ޕްރޮގްރާމުގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަ ކެޓަގަރީގެ ޝަރުޠުތައް އިސްލާޙުކޮށް، ފުލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މިއަދު ހުޅުވާލައިފިއެވެ.
މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި ފުރުސަތު ހުޅުވާލާފައިވަނީ 28 ސެޕްޓެމްބަރު 2025 ގައި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ ”މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު“ އަށް 26 މާރިޗު 2026 ގައި ގެނައި ފުރަތަމަ އިސްލާޙާ ގުޅިގެންނެވެ. މި އިސްލާޙުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަކިން އެޕްލިކޭޝަން ހުށަހެޅޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
މި ބަދަލާއެކު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީގެ ޝަރުޠުތަކާއި، ޕޮއިންޓު ދިނުމުގެ އުސޫލުގެ އިތުރުން ހައުސިންގ ޔުނިޓުތައް ކަނޑައަޅާނެ ގޮތްތަކަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ނިންމެވި ނިންމެވުމެކެވެ.
އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި
ފުލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 01 އެޕްރީލް 2026 (ބުދަ ދުވަސް) ހެނދުނު 11:00 އިން ފެށިގެންނެވެ. މި ފުރުސަތު ބަންދުވާނީ 30 އެޕްރީލް 2026 (ބުރާސްފަތި ދުވަސް) ރޭގަނޑު 23:59 އަށެވެ.
ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ ”ހިޔާވެހި“ ޕޯޓަލް (http://boahiyavahi.housing.gov.mv) މެދުވެރިކޮށެވެ. މި ކެޓަގަރީގެ ދަށުން ފުލެޓަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތަފްސީލު މިނިސްޓްރީގެ އިޢުލާނުގެ ޖަދުވަލުގައި ވަނީ ހިމަނާފައެވެ.
މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވަން ބޭނުންފުޅުވާ ފަރާތްތަކުން މިނިސްޓްރީގެ ހޮޓްލައިން ނަންބަރުތައް ކަމަށްވާ 4004860 އިން ފެށިގެން 4004865 އާ ދެމެދުގެ ނަންބަރުތަކަށް ގުޅުއްވުމަށް މިނިސްޓްރީން އެދެއެވެ. މީގެ އިތުރުން hotline@housing.gov.mv އަށް އީމެއިލް ކޮށްގެންވެސް މަޢުލޫމާތު ސާފުކުރެވޭނެއެވެ.

