ކުރިއަށް އޮތް އިންތިޚާބުގައި ވޯޓުލުން ކުރިއަށްދާ ދުވަހު، އާންމު ރައްޔިތުންނަށް ފަސޭހަކަމާއެކު ވޯޓުލާ މަރުކަޒުތަކަށް ދަތުރުކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށާއި މަގުމަތީގެ ތޮށްޖެހުން ކުޑަކުރުމުގެ ގޮތުން ބަރު އުޅަނދުތައް ދުއްވުން މަނާކޮށްފިއެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން މިއަދު ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މި މަހުގެ 4 ވާ ހޮނިހިރު ދުވަހު ވޯޓުލުން ފެށޭ ވަގުތުން ފެށިގެން ވޯޓު ފޮށިތައް ބަންދުކޮށް ނިމެންދެން، މުދާ އުފުލާ ބޮޑެތި ލޮރީތަކާއި، ކޮންސްޓްރަކްޝަން ސައިޓުތަކުގައި ބޭނުންކުރާ ބަރު އާލާތްތަކާއި އެކްސްކަވޭޓަރު ފަދަ އުޅަނދުފަހަރު މަގުމައްޗަށް ނެރުމަކީ މަނާކަމެއް ކަމަށެވެ.
މި ނިންމުމުގެ މައިގަނޑު ބޭނުމަކީ ވޯޓުލުމަށް ނުކުންނަ އާންމު ރައްޔިތުންނަށާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ރައްކާތެރި އަދި އަމާން މާހައުލެއް ގާއިމުކޮށްދިނުން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ. ނަމަވެސް، ޚާއްޞަ ހުއްދައެއްގެ ދަށުން ދުއްވާ އުޅަނދުތަކާއި، އެމަޖެންސީ ހާލަތްތަކުގައި ހަރަކާތްތެރިވާ އުޅަނދުތައް މި ގަވާއިދުން އިސްތިސްނާވާނެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި އެންގުމާ ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނާއި ފުލުހުން ގުޅިގެން ކުރިއަށްގެންދާ ސެކިއުރިޓީ އޮޕަރޭޝަންގެ ދަށުން، ވޯޓުލާ ދުވަހު މަގުމަތީގެ ޓްރެފިކް ބެލެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކަމާބެހޭ އިދާރާތަކުން ވަނީ ވޯޓުލާ ދުވަހަކީ ގިނަ އަދަދެއްގެ ރައްޔިތުން މަގުމައްޗަށް ނުކުންނާނެ ދުވަހަކަށް ވާތީ، ހުރިހާ ފަރާތްތަކުން ވެސް މިކަމުގައި ފުރިހަމަ އެއްބާރުލުން ދިނުމަށް އިލްތިމާސްކޮށްފައެވެ.
މި މަހުގެ 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެކުއެކީގައި ބޭއްވުމާ މެދު ރައްޔިތުންނަށް ފެންނަ ނުފެންނަ ވޯޓު ނެގުމެވެ.

