ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އަލަށް ތައާރަފުކުރި ”ބިންވެރިޔާ“ ހާއްސަ ސްކީމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.
މި ސްކީމުގެ މައިގަނޑު މަގުސަދަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމާއި، މާލެ ސަރަހައްދުގައި ހުރި ބިމުގެ ވަސީލަތްތައް ހަމަހަމަކަމާއެކު ރައްޔިތުންނަށް ބަހާލުމެވެ. މީގެ އިތުރުން، ކުރިން އަމަލުކުރަމުންދިޔަ ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައިގެން ގޯތި ލިބިފައިވާ ފަރާތްތަކަށް، ވަކިން ގޯތި ދޫކުރުމުގެ މިންގަނޑުތައް ކަނޑައެޅުންވެސް މި އުސޫލުގެ ތެރޭގައި ހިމެނެއެވެ.
ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، މި ސްކީމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ރޭ 11:59 އާ ހަމައަށް ހުޅުވާލެވިފައިވާ ކަމަށެވެ.
މި ސްކީމަށް އެޕްލިކޭޝަން ހުށަހަޅަންޖެހެނީ ހާއްސަ ޕޯޓަލް މެދުވެރިކޮށެވެ.
މި ސްކީމަކީ މައިގަނޑު ދެ ކެޓަގަރީއަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
ފުރަތަމަ ކެޓަގަރީގައި ހިމެނެނީ ކުރީގެ ”ބިންވެރިޔާ“ ސްކީމްގެ ދަށުން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައިގެން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން، އެ ގޯތި ދޫކޮށްލުމަށްފަހު ވަކިވަކިން ގޯތި ހޯދަން ބޭނުންވާ ފަރާތްތަކެވެ. ދެވަނަ ކެޓަގަރީގައި ހިމެނެނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމަކުން މީގެ ކުރިން ފްލެޓެއް ލިބިފައިވުމުގެ ސަބަބުން، ބިންވެރިޔާ ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ގެއްލުނު ފަރާތްތަކެވެ.
ހައުސިން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި ހާއްސަ ސްކީމްގެ ދަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ އަލަށް ތަރައްގީކުރާ ރަސްމާލެއިންނެވެ.
މިގޮތުން ކޮންމެ ފަރާތަކަށްވެސް 1,250 އަކަފޫޓުގެ ގޯއްޗެއް ދޫކުރުމަށް ވަނީ ނިންމާފައެވެ.
މި ސްކީމަށް އެދި ހުށަހަޅާއިރު، ކަނޑައެޅިފައިވާ އުސޫލުގައި ބަޔާންކުރާ ހުރިހާ ލިޔެކިޔުންތަކެއް ފުރިހަމަކޮށް ހުށަހެޅުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
މިނިސްޓްރީން ބުނީ ފޯމު ހުށަހެޅުމުން ކޮންމެ އެޕްލިކޭޝަނަކަށް ވަކި ރިފަރެންސް ނަންބަރެއް ދެވޭނެ ކަމަށެވެ. އަދި ހުށަހަޅާ ލިޔެކިޔުންތައް ކްރޮސް ވެރިފިކޭޝަން ހެދުމަށްފަހު، ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ޕޮއިންޓް ދީ، އެކަން ޕޯޓަލް މެދުވެރިކޮށް އަންގާނެކަމަށް ވަނީ ބުނެފަ އެވެ.
މި ސްކީމަށް ފޯމު ހުށަހަޅާއިރު އެއްވެސް މަރުހަލާއެއްގައި ސައްހަ ނޫން މައުލޫމާތެއް ނުވަތަ ލިޔުމެއް ހުށަހަޅައިފިނަމަ، އިތުރު ފުރުސަތެއް ދިނުމަކާ ނުލައި އެ އެޕްލިކޭޝަނެއް ބާތިލުކުރެވޭނެކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި ގޯތި ހަވާލުކުރުމަށްފަހު ވެސް މައުލޫމާތެއް ނުބައިކަން އެނގިއްޖެ ނަމަ، ގޯތި ވަކިކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެ އެވެ.
މީގެ އިތުރުން ހުށަހަޅާ ލިޔުންތަކާ ގުޅިގެން ކުށެއް ކޮށްފައިވާކަމަށް ޝައްކު ކުރެވޭނަމަ، އެކަން ތަހުގީގުކުރަން ކަމާބެހޭ އިދާރާތަކަށް ހުށަހަޅާނެކަމަށް އުސޫލުގައި ވެއެވެ.

