ބޭންކް އޮފް މޯލްޑިވްސް އިން މިރޭ 6 ބްރާންޗްގެ ޚިދުމަތް އިފްތިތާހުކޮށްފިއެވެ.
ބީއެމްއެލް އިން މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ޚިދުމަތްތައް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުއިއްޒެވެ.
މި ރަސްމިއްޔާތުގައި ބޭންކުގެ ޗެއާޕާސަން އަޙްމަދު ޢަލީ ޙަބީބް އާއި ބޭންކުގެ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރގެ އިތުރުން ބޭންކުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
އާ ބްރާންޗްތައް ހުޅުވާފައިވާ ރަށްތަކަކީ
1. ހދ. ހަނިމާދޫ
2. އއ. ތޮއްޑޫ
3. ތ. ވިލުފުށި
4. އައްޑޫ ހުޅުދޫ
5. އައްޑޫ ސިޓީ ހިތަދޫ
6. ހދ. ކުޅުދުއްފުށި
މި ބްރާންޗްތަކުގެ ތެރެއިން ކުޅުދުއްފުށީގައި ހުޅުވި ބްރާންޗަކީ ވިޔަފާރިތަކަށް ޚިދުމަތް ފޯރުކޮށްދިނުމަށް ހާއްސަކޮށްފައިވާ ބިޒްނަސް ސެންޓަރެކެވެ. އަދި މާދަމާއިން ފެށިގެން މި ބްރާންޗްތަކުން ޚިދުމަތް ލިބޭނެކަމަށް އެކުންފުނިން ވަނީ މައުލޫމާތުދީފައެވެ.
“ އެމުވައްޒަފުންގެ ރޯލަކީ ގޭގެއަށްވެސް އަދި ވިޔަފާރިތަކަށްވެސް ޒިޔާރަތް ކުރުން. ބްރާންޗް ގާއިމްކުރާ ރަށާއި ކައިރި އެހެން ރަށްތަކަށް ދަތުރުވެސް ކުރުން. ބޭންކުގެ ޕްރޮޑަކްޓްތަކާއި ހިދުމަތްތަކުގެ މައުލޫމާތު ދިނުން. އަދި ފައިނޭންޝަލް ލިޓެރަސީ ކުރިއެރުވުމާއި ސްކޭމް ތަކުން ރައްކާތެރިވުމަށް ހޭލުންތެރިކަން އިތުރު ކުރުން. ބޭންކުގެ ޚިދުމަތްތައް ޑިޖިޓަލް ވަމުންދިޔަކަމުގައި ވިޔަސް އަޅުގަނޑުމެން މިތިބީ ކަސްޓަމަރުންނާ ވަރަށް ގާތުން ޚިދުމަތް ދިނުމަށް ތައްޔާރުވެގެން“ ޝަރީފް ވިދާޅުވި.
މީގެ ކުރިންވެސް ބޭންކުން އިޢުލާންކޮށްފައިވާ ގޮތަށް، މި ބްރާންޗްތައް މަސައްކަތް ކުރާނީ ކަސްޓަމަރުންނާ ގާތުން، ކަސްޓަމަރުން ތިބި ތަނަކުން ޚިދުމަތް ފޯރުކޮށްދިނުމަށެވެ.
މި ވާހަކަ ތަކުރާރުކުރައްވައި މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ބޭންކުގެ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވީ ހުރިހާކަމެއް ޑިޖިޓަލްވެގެން ދާ ޒަމާނެއްގައި، ކަސްޓަމަރުންނާ އޮންނަ ގާތްގުޅުން ދުރުވެގެން ދިއުމަކީ ބޭންކުން އެއްވެސް ވަރަކަށް ބޭނުންވާ ކަމެއް ނޫންކަމަށެވެ. އެހެންކަމުން މި ބްރާންޗްތަކުގެ މުވައްޒަފުންނަކީ އަބަދު ބްރާންޗްތަކުގެ ތިބޭނެ މުވައްޒަފުންނަށް ނުވާނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

