ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ ކަންނެއް މީހެއް ނޫން، ހިދުމަތުގެ މައިދާނުގައި އަބަދުވެސް ކުރިޔަށް ދާނަން: މޫސާ އަލީ ޖަލީލް

ޕީއެންސީގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލު/ ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ މި ސަރަހައްދަށް އިޖްތިމާއީ އެތައް މައްސަލައެއް ދިމާވެފައިވާއިރު، އަމާޒަކީ އެކަންކަން ހައްލުކޮށް ރައްޔިތުން ބޭނުންވާ ބަދަލު އަލުން ރައްޔިތުންނާއި ހަމައަށް ގެނެސްދިނުންކަމަށް ޕީއެންސީގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލު ވިދާޅުވެއްޖެ އެވެ.

މޫސަ މިހެން ވިދާޅުވީ އިންތިހާބު ގާތްވެފައި ވަނިކޮށް، ޕީއެންސީން މިރޭ ޕާޓީގެ ހަރުގޭގައި ކުރިޔަށް ގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މިރޭގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި، އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލްގެ ވާހަކަފުޅުގައި އެންމެ ފުރަތަމަ ވެސް ފާހަގަކުރެއްވީ ރައީސް މުއިއްޒުގެ މޭޔަރުކަމުގައި ސިޓީއަށް ގެނައި ތަރައްގީއާއި ބަދަލުތަކެވެ.

މޫސަ ވަނީ ރައްޔިތުން ބޭނުންވި ގޮތަށް، ގާތުން މަސައްކަތް ކުރައްވައި ރައީސް މުއިއްޒު އެތައް ހިދުމަތެއް ގާއިމުކުރެއްވިކަން ފާހަގަކުރައްވާފައެވެ. ނަމަވެސް އޭގެ ދެ އަހަރު ފަހުން މިއަދު އެމަނިކުފާނު ތަންފީޒު ކުރެއްވި އެތައްކަމެއް، ފަނޑުވެގެން ގޮސް އެ ކަންކަން ނެތިގެން ގޮސްފައިވާކަމަށް މޫސަ ވިދާޅުވި އެވެ.

އެހެންކަމުން އެމަނިކުފާނުގެ މަސައްކަތް ނަމޫނާއަކަށް ބައްލަވައި، މޭޔަރުކަމަށް ވާދަކުރައްވާއިރު މޫސަ ވަނީ މާލޭގެ ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި ސަރުކާރާއެކު މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މޫސަ ވިދާޅުވި ގޮތުގައި، ”ގްރޭޓަރ މާލެ“ ތަސައްވުރުގެ ދަށުން މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅީފަޅު، ގިރާވަރުފަޅު އަދި ރަސްމާލެ ހިމެނޭހެން އެކުލަވާލާފައިވާ މާސްޓަރ ޕްލޭނަކީ ރާއްޖެ ދުވަހަކު ނުދެކޭފަދަ ބޮޑު އުމްރާނީ ތަރައްގީއެއް ގެނުވާނެ މަޝްރޫއެކެވެ.

މީގެ ސަބަބުން މުޅި މާލެ ސަރަހައްދުގެ ޖިއޯގްރަފީއާއި، ދަތުރުފަތުރާއި، ވިޔަފާރީގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަކަން ފާހަގަކުރައްވައި، މޫސަ ވިދާޅުވީ ރައީސް މުއިއްޒު މޭޔަރަކަށް ހުންނެވިއިރު އެކުލަވާލެއްވި ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ އިސްކަން ދެވިފައިވާ އެއް އަމާޒަކީވެސް ބޯހިޔާވަހިކަން ކަމަށެވެ. ނަމަވެސް ފާއިތުވި ތިން އަހަރު ސިޓީ ކައުންސިލުން ސަރުކާރަށް އެއްބާރުލުން ނުދިނުމުގެ ސަބަބުން އެކަންކަމަށް ހުރަސް އެޅުނުއިރު، މަގާމަށް އިންތިހާބުވެއްޖެ ނަމަ އަޒުމަކީ ސަރުކާރާ ގުޅިގެން ރަސްމާލެ ފަދަ މަޝްރޫއުތައް މެދުވެރިކޮށް ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުންކަމަށް މޫސަ ވިދާޅުވި އެވެ.

މާލޭގެ މަގުތަކުގެ މައްސަލައާއި ޕާކިންގެ ދަތިތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވަމުން މޫސަ ވިދާޅުވީ، މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި މަގާމާ ހަވާލުވެވަޑައިގަންނަވާ ފުރަތަމަ ހަފްތާއިން ފެށިގެން ސަރުކާރާއެކު ރޭވުންތެރި މަސައްކަތްތަކެއް ފަށްޓަވާނެ ކަމަށެވެ.

މީގެ އިތުރުން، ވީރާނާވަމުންދާ ޕާކުތައް އާބާދުކޮށް، މާލެއަކީ ފެހި، ހިތްފަސޭހަ އަދި އަމާން މާހައުލެއް އޮތް ތަނަކަށް ހެދުމަކީ އޭނާގެ މުހިންމު އަމާޒެއްކަމަށް ވިދާޅުވި އެވެ. އިޖުތިމާއީ ގުޅުންތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން، މާލެއަކީ ކުރީގައި އޮތް ފަދަ ގުޅުންތެރި މުޖުތަމައެއް އޮތް ތަނަކަށް ހަދަންޖެހޭކަމަށް މޫސަ ވިދާޅުވިއެވެ. ކުޑަކުދިންނާއި، ޒުވާނުންނާއި، އިސްރަށްވެހިންނަށް ހާއްސަ ހަރަކާތްތައް ހިންގައި، ނަފްސާނީ ދުޅަހެޔޮކަމާއި އެކުވެރިކަން އާލާކުރުމަށް ރައީސް މުއިއްޒު ފެއްޓެވި މަސައްކަތްތައް ކުރިއަށް ގެންދަވާނެކަމުގެ ޔަގީނަކަން މޫސަ ވަނީ ދެއްވާފަ އެވެ.

މާލެ ސިޓީއަކީ އެކުވެރިކަމުގެ ރޫހު ވަރުގަދަ، ގުޅުންތެރި އަދި ރައްޔިތުންގެ ވޭނާއި އިހުސާސްތައް ދަންނަ އޯގާތެރި ކައުންސިލެއް އޮތް ތަނަކަށް ހެއްދެވުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދެއްވުމަށް މޫސަ އެދިވަޑައިގަތެވެ. އަދި ވިދާޅުވީ ބޭނުންނާ ގޮތަށް ކަންކަން ތަންފީޒު ކުރެވޭނީ ކައުންސިލެއްގެ މެޖޯރިޓީ ލިބިގެން ކަމަށެވެ.

މޫސަ ފާހަގަކުރެއްވި ގޮތުގައި މާލެ އާއި، ހުޅުލެ އާއި ވިލިނގިލީގެ އިތުރުން މާލެ ކައިރީގައިވާ ރަށްތަކަކީ އޭނާގެ ކުޑައިރުގެ ހަނދާންތަކާ ގުޅިފައިވާ، އޭނާގެ ހިތުގެ އެންމެ ފުންމިނުން ލޯބިވާ ފަސްގަނޑެވެ.

މިރޭގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި މޫސަ ވަނީ 1980 ގެ އަހަރުތަކުން ފެށިގެން މިއަދާ ހަމައަށްވެސް މާލެއަށާއި ރައްޔިތުންނަށް ދިމާވި ކޮންމެ ބޮޑު ކަމެއްގައި އަމަލީ ގޮތުން ބައިވެރިވެފައިވާނެކަން ހަނދާނަށް ގެންނަވާފަ އެވެ.

މީގެ އިތުރުން މާލެއަށް ބޮޑުރާޅު އަރައި ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ވަގުތުވެސް، ރައްޔިތުންގެ ދަތިތައް ފިލުވައިދިނުމުގައި ކުރީ ސަފުގައި ހުންނެވިކަމަށް ވިދާޅުވި އެވެ. އަދި ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގެ ވަގުތުގައި، ދިވެހިންގެ މިނިވަންކަމާއި ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި އަމިއްލަ މޭ އައްޑަނައަކަށް ދިއްކޮށްލި ހިތްވަރުގަދަ ދަރިއެއްގެ ގޮތުގައި އޭނާގެ ހިދުމަތްތައް މިއަދުވެސް ރައްޔިތުން ހަނދުމަފުޅު ހުންނާނެކަން މޫސަ ފާހަގަކުރެއްވިއެވެ.

މޫސަ ވިދާޅުވީ ކެމްޕެއިނުގެ މައިގަނޑު މެސެޖަކީ އޭނާއަކީ އެއްވެސް އިރެއްގައި ހިދުމަތުގެ ހަވާސާގައި ހުރި މީހެއް ނޫން ކަމެވެ

އަޅުގަނޑުގެ މިޒާޖަކީ މުރާލިކަން، ގައުމާ ރައްޔިތުން އިސްކުރުން. ފަހަރެއްގައިވެސް އަޅުގަނޑަކީ ކަންނެތް، މީހެއް ނޫން. އޭގެ ބަދަލުގަ އަބަދުވެސް އަޅުގަނޑަކީ ދިވެހި ގައުމާ ދިވެހި ރައްޔިތުންގެ އަމާންކަމާ ސަލާމަތަށްޓަކައި ހިދުމަތުގެ މައިދާނުގަ ކުރިއަށްދިޔަ އަމަލީ ހިދުމަތްތެރިއެއް

މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވަނީ ކުރެހުންތައް ހަގީގަތަކަށް ބަދަލުކޮށް، ނަތީޖާ ނެރެދިނުމުގެ އަޒުމުގައިކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން، ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގައި ވޯޓު ދެއްވުމަށް މާލޭގެ ހުރިހާ ރައްޔިތުންގެ ކިބައިން ވަނީ އެދިވަޑައިގެންފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: