ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުކޫކަށް ދައްކަންޖެހޭ 525 މިލިއަން ޑޮލަރުގެ ދަރަނި ދައްކައި ޚަލާސްކޮށްފި

ރައީސް ޑރ މުހައްމަދު މުއިއްޒު އަދި ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

2021 ވަނަ އަހަރު ދޫކުރި ސުކޫކަށް ދައްކަންޖެހޭ ޖުމްލަ 524.68 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ ދިވެހި ފައިސާއިން ބަލާއިރު 8 ބިލިއަން ދިވެހި ރުފިޔާ ސަރުކާރުން ދައްކައިފި އެވެ.

މީގެ ތެރޭގައި ސުކޫކުގެ އަސްލު އަގު ކަމަށްވާ 500 މިލިއަން ޑޮލަރާއި، އިންޓްރަސްޓްގެ ގޮތުގައި ދައްކަންޖެހޭ 24.68 މިލިއަން ޑޮލަރު ހިމެނެއެވެ.

މި ދަރަނި ސަރުކާރުން އަދާކޮށްފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އާއި ދައުލަތުގެ ރިޒާވް ބޭނުންކޮށްގެންނެވެ.

މިނިސްޓްރީން ފާހަގަކުރި ގޮތުގައި، މި ދަރަނި އަދާކުރުމާއެކު އުފެއްދުންތެރިކަމުގެ ނިސްބަތުން ދައުލަތުގެ ދަރަނި ހުރި މިންވަރު ދަށްވެ، ކުރިއަށް އޮތް މެދު ރާސްތާގައި ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ވަރުގަދަވެގެންދާނެއެވެ.

މިނިސްޓްރީން ބުނި ގޮތުގައި މި ސުކޫކަކީ 2021 ވަނަ އަހަރު މުއްދަތު ހަމަވި 250 މިލިއަން ޑޮލަރުގެ ”ސަނީ ސައިޑް“ ބޮންޑު ދެއްކުމަށްޓަކައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނަގާފައިވާ ދަރަންޏެކެވެ. އަދި މި ސުކޫކަކީ ދުނިޔޭގެ އިގްތިސާދީ ހާލަތު ނާޒުކު ދަނޑިވަޅެއްގައި، ދަރަނި އަދާކުރާނެ އެކަށީގެންވާ ސިޔާސަތެއް ނެތި، ބޮޑު އިންޓްރެސްޓެއްގައި ނަގާފައިވާ ދަރަންޏެއްކަން ވެސް ފިނޭންސް މިނިސްޓްރީން ފާހަގަކުރިއެވެ.

2023 ވަނަ އަހަރު ވެރިކަމާ ހަވާލުވި މިހާރުގެ ސަރުކާރުން ވަނީ ދައުލަތުގެ މާލިއްޔަތަށާއި އިޤްތިޞާދަށް ނޭދެވޭ އަސަރެއް ނުކުރާނޭހެން ދަރަނި އަދާކުރުމަށް ޚާއްޞަ އިސްކަމެއް ދީފައެވެ.

މިގޮތުން އެޅި އެންމެ މުހިންމު ފިޔަވަޅަކީ ދަރަނި އަދާކުރުމަށްޓަކައި އުފައްދާފައިވާ އެސް.ޑީ.އެފް ފަންޑަށް ބޭރު ފައިސާ ޖަމާކުރަން ފެށުމެވެ. މީގެ އިތުރުން، 2024 ވަނަ އަހަރު ސަރުކާރުން ވަނީ އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ރޭޓުތަކަށް ބަދަލު ގެނެސް، ފަންޑަށް ވަންނަ ފައިސާ އިތުރުކޮށްފައެވެ. މި ބަދަލު ގެނެސްފައިވަނީ އެއާޕޯޓުން ދަތުރުކުރާ ދިވެހިންނަށް އެއްވެސް ބުރައަކަށް ނުވާނޭ ގޮތުގެ މަތިންނެވެ.

މި ފިޔަވަޅުތަކާއެކު އެސް.ޑީ.އެފް ފަންޑުގައި ހުރި ބޭރު ފައިސާގެ އަދަދު ފުރަތަމަ ފަހަރަށް 350 މިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާފައިވާ ކަމަށް މާލީ ފިނޭންސް މިނިސްޓްރީން ބުންޏެވެ. އަދި ދައުލަތުގެ ރަސްމީ ރިޒާވް މި އހަރުގެ މާރިޗު މަސް ނިމުނުއިރު، މިހާރު 1.3 ބިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާފައިވާއިރު، މިއީ ރާއްޖޭގެ ތާރީޚުގައިވެސް ރިޒާވް އެންމެ މަތިވި ފަހަރެވެ.

މި ސުކޫކް ދައްކާ ނިމުމާއެކުވެސް، ރައްޔިތުންނަށް ބޭނުންވާ ތެލާއި، އަސާސީ ޚިދުމަތްތަކާއި، މުދާ މެދުނުކެނޑި ފޯރުކޮށްދިނުމަށާއި، އިޤްތިޞާދީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް މާލީ ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން، ބައިނަލްއަޤްވާމީ މާލީ އިދާރާތަކާ ގުޅިގެން މާލީ އެހީތެރިކަން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މާލީ ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ. އެގޮތުން، އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓުން ނަގާފައިވާ 100 މިލިއަން ޑޮލަރުގެ ބޮންޑު ދެއްކުން ފަސްކުރުމުގެ މަޝްވަރާތައް ކާމިޔާބުކަމާއެކު ނިމިފައިވާ ކަމަށް މާލީ ވުޒާރާއިން ބުނެފައިވެއެވެ.

ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ މާލީ އަދި އިޤްތިޞާދީ ހަމަޖެހުން ދަމަހައްޓައި، ދައުލަތުގެ ދަރަނި ދަށްކުރެވެނިވި މަގަކަށް ރުޖޫޢަކުރުން ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބަޔާނުގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: