ތައުލީމީގޮތުން ނަތީޖާދަށް ދަރިވަރުންނަށް ޚާއްސަކޮށްގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި ދަސްވާރު ޕްރޮގްރާމް ހުއްޓާލަން ނިންމާ އެކަން ސްކޫލުތަކަށް އަންގައިފި އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއިކުރައްވައި ސްކޫލުތަކަށް ފޮނުއްވި ސާކިއުލާގައި ބުނީ ގައުމީ މަންހަޖުގައި ސާނަވީ މަރުހަލާގައި ކިޔަވާ މުހިއްމު މާއްދާތައް ދޫކޮށްލުމުން މަތީ މަރުހަލާތަކުގައި ދަރިވަރުން އިތުރަށް ކިޔެވުމާއި ވަޒީފާގެ ފުރުސަތުތައް ހަނިވެގެންދާ ކަމަށެވެ. އަދި ތައުލީމީ މަންހަޖުގެ ތެރެއިން ހާސިލްކުރުމަށް ކަނޑައެޅިފައިވާ އަސާސީ ބައިތައް ދަރިވަރުންނަށް ފޯރުކޮށްދިނުމަށް ވެސް ހުރަސް އެޅިގެންދާ ކަމަށް ބުނެފައިވެ އެވެ.
އެހެންވެ ދަސްވާރު ޕްރޮގްރާމް ހިންގުން ހުއްޓާލަން ނިންމީކަމަށް މިދިޔަ ބުދަ ދުވަހު ސްކޫލުތަކަށް ފޮނުވި ސާކިއުލާގައިވެ އެވެ.
އޭގައި ބުނެފައިވަނީ ގައުމީ މަންހަޖުގައިވާ ގޮތަށް ކީ ސްޓޭޖް ހަަތަރެއް (ގްރޭޑު 9،10) ގައި ކިޔަވާ ހުރިހާ ދަރިވަރުން ވެސް އެ ގްރޭޑަކަށް ކަނޑައަޅާފައިވާ މިންވަރަށް މާއްދާތައް ފުރިހަމަކުރަންވާނެ ކަމަށެވެ. ސާކިއުލާގައިވާ ގޮތުން ގްރޭޑު 10 ނިންމައި ސާނަވީ އިމްތިހާނު ހަދާ ކޮންމެ ދަރިވަރަކު ވެސް މަދުވެގެން ފަސް މާއްދާއިން އިމްތިހާނު ހަދަންޖެހޭނެ އެވެ.

