ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުން ރަނގަޅު ކުރަން ޖެހޭ އެންމެހައި މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ކުރައްވާނެކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
އިއްޔެ އޮތް ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އަދި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރުން ކުރިމަތިލާން ޖެހުނީ ބޮޑު ނާކާމިޔާބީއަކާއި އެެވެ. އަދި ވެރިކަން ކުރާ މައި ޕާޓީއަށް ފަސް ސިޓީގެ މޭޔަރުކަމާއި، ޑަބްލިއުޑީސީގެ ރައީސްގެ ގޮނޑި ވެސް ވަނީ ނާކާމިޔާބުވެފަ އެވެ.
އިންތިހާބުގެ ނާކާމިޔާބީއާއި ގުޅޭގޮތުން ކުރެއްވި ޕޯސްޓެއްގައި ޝިޔާމް ވިދާޅުވީ، ސިޔާސީ ޕާޓީއެއްގެ އެންމެ މުހިއްމު އެއް މަގްސަދަކީ އިންތިހަބުތަކުގައި ބައިވެރިވެ، އެ އިންތިހާބުތައް ކާމިޔާބުކުރުން ކަމަށެވެ. އަދި އިންތިހާބުތަކުން ލިބޭ ނަތީޖާއަކީ ކަންކަމާ މެދު ފުންކޮށް ވިސްނައި، އިސްލާހުކުރަންޖެހޭ ކަންކަން ދެނެގަތުމަށް ލިބޭ ވަރަށް ފަހި ފުރުސަތެއްގެ ގޮތުގައި ވިދާޅުވި އެވެ.
އަޅުގަނޑުމެންނަކީ އަބަދުވެސް ކުރިޔަށް ވިސްނާ ބައެއް. މިއީ ކުރަންވީ ކަމަކާއި ދާންވީ މަގު ސާފުކޮށްދިން މުހިއްމު އިންތިހާބެއް
މިނިސްޓަރ އިތުރަށް ވިދާޅުވީ، ކޮންމެ އިންތިހާބެއްގެ ނަތީޖާއަކާ އެކުވެސް ރައީސް މުއިއްޒު ދައްކަވަނީ ޑިމޮކްރަސީގެ ރިވެތި ނަމޫނާއެއް ކަމަށެވެ. އަދި މި ސަރުކާރު ދެމިއޮންނާނީ ރައްޔިތުން އެދޭ ބަދަލުތަކާއެކު، ރައްޔިތުންނަށް ހެޔޮ ވެރިކަމެއްކޮށްދިނުމުގައި ކަމުގެ ޔަގީންކަން ދެއްވި އެވެ.
އިންތިހާބުގައި ގޮނޑިތައް ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންނަށާއި ޓީމުތަކަށް މަރުހަބާ ވިދަޅުވެ ޝިޔާމް ވަނީ، ކާމިޔާބީއާ ހަމައަށް ވާސިލްނުވެވުނު ކެންޑިޑޭޓުން ދެއްކެވި ހިތްވަރު ފާހަގަކުރައްވާފަ އެވެ. އަދި އިންތިހާބުގެ ކަންކަން އޮމާންކަމާއެކު ނިންމާލުމަށް އެހީތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.
ހާއްސަކޮށް، ޕީއެންސީގެ ރައީސްގެ ހައިސިއްޔަތުން ރައީސް މުއިއްޒާއި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ދެއްކެވި ހިތްވަރާއި ނަމޫނާއަށް މިނިސްޓަރު ޝިޔާމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މި ސަރުކާރުގެ އަމާޒަކީ ރައްޔިތުންގެ އިހުސާސްތައް ދެނެގަނެ، ގައުމުގެ ކަންކަން އިސްލާހީ މަގަށް ގެންގޮސް، ރައްޔިތުންގެ އިތުބާރު ހޯދުންކަން މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

