ޑިމޮކްރަސީގެ އުސޫލުތަކުގެ މައްޗަށް، ރައްޔިތުން ނިންމާ ކޮންމެ ނިންމުމަކަށް އިހުތިރާމް ކުރާނެކަމަށް ހައުސިން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި ޑިމޮކްރަސީގެ މަގަކީ އަބަދު ސީދާކޮށް އޮންނަ މަގެއް ނޫނެވެ. އަދި އެއީ އަބަދު އެއްކޮޅަށް ދަތުރުކުރާ ނުވަތަ އެއްކޮޅަކަށް ވައިޖެހޭ މަގެއްވެސް ނޫންކަމަށް ވިދާޅުވި އެވެ.
ބައެއް ފަހަރު ރައްޔިތުން ތިމާގެ ފަހަތުގައި ތިބެ ވަޔާ އެއްކޮޅަށް ދާން ބުނާނެ. ބައެއް ފަހަރު ކުރިމަތިން ހުރަސްއަޅައި ވަޔާ ދެކޮޅަށް ދަތުރުކުރަންވެސް ބުނާނެ
ކޮންމެ ނަތީޖާއަކީ އެއީ ނިމުން ނޫންކަމަށާއި، ކާމިޔާބީ ލިބޭ ހިނދު އެކަމާ މެދު ހިތްތިރި ކުރަންޖެހޭނެކަމަށް މުއްތަލިބު ވިދާޅުވިއެވެ. ހަމައެހެންމެ، ނާކާމިޔާބީއަކީ އެކަމާ މެދު ފުންކޮށް ވިސްނައި، ހިތްވަރުކޮށް އިތުރަށް ގަދައަޅާ މަސައްކަތް ކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއްގެ ގޮތުގައި ބަލަންޖެހޭނެކަމަށް ވިދާޅުވިއެވެ.
ރައްޔިތުންނަށް ހިދުމަތް ކުރުމުގެ މިންގަނޑަކީ ހަމައެކަނި ލިބޭ ކާމިޔާބީއެއް ނޫންކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ހިދުމަތުގެ އަގު ވަޒަންކުރެވޭނީ ސާބިތުކަމާއެކު ކަންކަން އިސްލާހުކޮށް، ރައްޔިތުންގެ އިތުބާރު ހޯދަން ކުރާ އިހުލާތެރި މަސައްކަތުން ކަމަށެވެ. ޑިމޮކްރަސީގައި ރައްޔިތުންގެ ނިންމުންތަކަށް ބޯލަނބައި، އެ ނިންމުންތަކުން ފިލާވަޅު ލިބިގަނެ، އަބުރުވެރިކަމާއެކު ހިތްވަރުކުރުމަކީ ރައްޔިތުންގެ ހިދުމަތުގައި އުޅޭ ކޮންމެ މީހެއްގެ ކިބައިގައި ހުންނަންޖެހޭނެ ސިފައެއްކަމަށް ވެސް މުއްތަލިބު ވިދާޅުވިއެވެ.

