އުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މާދަމާ ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން މިއަދު ހާމަކުރައްވައިފިއެވެ.
ރައީސް އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުރައްވާ މި ދަތުރުފުޅަކީ ސައުދީ އަރަބިއްޔާގެ ސަރުކާރުގެ ހާއްސަ މެހުމާންދާރީގެ ދަށުން ކުރައްވާ ދަތުރުފުޅެކެވެ. އެގޮތުން މި ދަތުރުފުޅުގެ ހުރިހާ އިންތިޒާމުތަކާއި ހަރަދުތައް ހަމަޖައްސަވައިދެއްވަނީ ސައުދީ ސަރުކާރުންނެވެ.
މި ދަތުރުފުޅާ ގުޅޭގޮތުން އިތުރަށް ވިދާޅުވީ، އުމްރާގެ އަޅުކަމަށް ކުރައްވާ މި ދަތުރުފުޅުގެ އެންމެހާ ކަންކަން މިދިޔަ ފެބުރުވަރީ މަހުގެ ކުރީކޮޅު ނިންމަވައި، ހަމަޖައްސަވާފައިވާ ކަމަށެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ޑރ. މުހައްމަދު މުއިއްޒު އުމްރާގެ އަޅުކަމަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ސައުދީ އަރަބިއްޔާއަކީ ދިވެހިރާއްޖެއާ އަބަދުވެސް ގާތް އިސްލާމީ އަދި ސިޔާސީ ގުޅުމެއް ބާއްވަމުން އަންނަ ގައުމެކެވެ.

