ޗައިނީޒް ނިއު ޔަރ ފާހަގަކުރުމަށް ޗައިނާ އިން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލީ ޖޮންގް އާއި އޭނާގެ އަނބިކަނބަލުން ވަޑައިގެން ތިއްބެވީ ރާއްޖޭގެ އެންމެ މުއްސަނދި އެއް މަހުޖަނު ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)ގެ އެންމެ އަގުބޮޑޫ އެއް ރިސޯޓްކަމަށްވާ ޅ. އަތޮޅު ކުޑަދޫ މޯލްޑިވްސް ޕްރައިވެޓް އައިލެންޑްގައިކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ސަފީރުގެ ދެމަފިރިކަނބަލުންނާއި އުއްޗުވަނީ ކުޑަދޫގައި ބައްދަލުކުރައްވާފައެވެ. އަދި އެބޭފުޅުންގެ ޝަރަފުގައި ކޭކެއްވެސް ފަޅުއްވާފައެވެ.
އައު އަހަރު ފާހަގަކުރުމަށް ސަފީރު ޗުއްޓީއަށް ކުޑަދޫއަށް ވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގައެވެ. މައުލޫމާތު ލިބޭގޮތުގައި މިއަދު ހަވީރުގެ ވަގުތެއްގައި އެބޭފުޅުން އެނބުރި ކުޑަދޫއިން ވަޑައިގަންނަވާނެއެވެ.
ކުޑަދޫއަކީ ޖުމްލަ 15 ކޮޓަރި ހިމެނޭ ލަގްޒޫރިއަސް ޕްރައިވެޓް އައިލެންޑެކެވެ. މި ރިސޯޓް މެނޭޖްކުރަނީ ދުނިޔޭގެ އެންމެ ބޮޑު ކަނޑުއަޑީގެ ރެސްޓޯރަންޓް ހުންނަ ހުރަވަޅި އައިލެންޑް ރިސޯޓުންނެވެ. ހުރަވަޅިއަކީ އުއްޗުގެ ރިސޯޓެކެވެ. ކުޑަދޫ ޕްރައިވެޓް އައިލެންޑަށްވަނީ މިދިޔަ އަހަރުގެ އެންމެ ފުރިހަމަ ލަގްޒަރީ ރިސޯޓްގެ އެވޯޑްވެސް ލިބިފައެވެ.

ކުޑަދޫގައި ޗުއްޓީ ހޭދަކުރައްވަމުން ގެންދެވިނަމަވެސް ޗައިނާ ސަފީރުގެ ދެކަނބަލުންވަނީ ހުރަވަޅިއަށްވެސް ވަޑައިގެން އެރަށުގައި ވަގުތު ހޭދަކުރައްވާފައެވެ. އަދި މިބޭފުޅުންގެ ޝަރަފުގައި އުއްޗުވަނީ މެންދުރުގެ ފަރިއްކޮޅެއް ހުރަވަޅި އަންޑަރ ވޯޓަރ ރެސްޓޯރަންޓްގައި ބާއްވާފައެވެ.
ޗައިނާ ސަފީރު، އައު އަހަރު ފާހަގަކުރުމަށް އުއްޗުގެ ރިސޯޓަކަށް ވަޑައިގެންނެވިއިރު ޗައިނާއާއި ދިވެހިރާއްޖޭގެ ގުޅުން ދޭތެރެ ދޭތެރެއިން ހީނަރުވެއެވެ. ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަތުމަށްފަހު އެގުޅުން ބަދަހިކުރައްވަން މަސައްކަތްކުރެއްވިތަން ފެނުނުނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޗައިނާއާއިމެދު ދައްކަވާ ބައެއް ވާހަކަތަކުން ގުޅުން ރަނގަޅުވާތަނެއް ނުފެނެއެވެ. ސަފީރާއި ރައީސް ނަޝީދާއި ދެމެދު ދޭތެރެ ދޭތެރެއިން ބަހުގެ ހަމަލާތައް ބަދަލުކުރެވެއެވެ.
އުއްޗުއަކީ ބޭރުގެ ސިޔާސީ އިސް ފަރާތްތަކާއި އަބަދުވެސް ރަނގަޅު ގުޅުމެއް ބާއްވާ ފަރާތެކެވެ. ލަންކާ މިހާރުގެ ބޮޑުވަޒީރު ރާޖަޕަކްސަވެސްވަނީ ދިވެހިރާއްޖެ ވަޑައިގެން އުއްޗުއާއި ބައްދަލުކުރައްވާފައެވެ.

