އިންޑިއާއި އެކު ދިވެހި ރާއްޖެއިން ގާއިމްކޮށްފައިވާ ޒަމާންވީ ގުޅުމަށް، އެއްވެސް ހީނަރުކަމެއް އަޔަނުދޭނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައިމިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝާހިދު ވަނީ އިންޑިއާއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ.
ރާއްޖެއަށް ދަތިވާ ކޮންމެ ދުވަސްވަރެއްގައި ވެސް އިންޑިއާއަކީ އެންމެ ގާތްއެކުވެރިޔާކަން ފާހަގަކުރައްވާ ޝާހިދު ވަނީ، އެކަން އަބަދުވެސް ހަނދާން ބަހައްޓާނެ ކަމަށް ވިދާޅުވެފައެވެ. ދެ ގައުމެއްގެ ދެމެދުގައި އެހީތެރިކަން ބަދަލު ކުރުމަކީ، އެއީ ގުޅުން ބަދަހިވެގެންދާނެ ސަބަބެއް ކަމަށާއި، މިއީ އެތައް އަހަރެއްގެ އިތުބާރާއި އެކު ބިނާ ކުރެވުނު ގުޅުމެއްގެ ގޮތުގައި ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ދެ ގައުމެއް ގުޅިގެން ރަނގަޅު ހެޔޮ ނަތީޖާ ނެރެވޭނެ ކަމަށެވެ.
ރަސްމިއްޔާތުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދުރީ ވިދާޅުވީ އިންޑިއާއަށް ރާއްޖެ އަބަދުވެސް މުހިންމުވާނެ ކަމަށެވެ. އަދި އިންޑިއާއަކީ ރާއްޖެއާއި އެންމެ އަވައްޓެރި ގައުމަށްވެފައި ދެ ގައުމުގެ ދެމެދުގައި އޮންނަ އެކުވެރިކަން އަބަދުވެސް ދެމިގެންދާނެ ކަމަށެވެ.

