ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްފައިވާ ކެޓަގަރީން ފްލެޓަށް ކުރިމަތިލާއިރު، އެ މީހަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއްކަން ކަށަވަރުކުރުމަށް އެންސްޕާއިން ދޫކޮށްފައިވާ ކާޑު ހުށަހެޅޭނެކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހެއްކަން ކަށަވަރުކުރުމަށް ބޭނުންވާ ލިޔެކިޔުންތަކާ ގުޅޭގޮތުން ބައެއް އާންމުންގެ ތެރޭގައި ވަނީ ސުވާލުތައް އުފެދިފަ އެވެ. އެކަމާއި ގުޅޭގޮތުން މިނިސްޓްރީން ރޭ އާންމު ކުރި މައުލޫމާތުގައި ބުނި ގޮތުގައި، އެންސްޕާގައި ރަޖިސްޓްރީވެފައިވާކަން އަންގައިދޭ ކާޑު ފޯމާއި އެކު ހުށަހެޅޭނެ އެވެ. އަދި އެކަމަށްޓަކައި އެންސްޕާގެ ވަކި ހާއްސަ ލިޔުމެއް ހޯދަން ނުޖެހޭނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
އާއިލީ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ އިސްކަމެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
މީގެ ކުރިން އަމަލުކުރަމުން އައި އުސޫލަށް ބަލާއިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަކި ކެޓަގަރީއެއް އޮތް ނަމަވެސް، އޭރު ހަމައެކަނި ފޯމުގައި އެކަން ހިމަނަން ޖެހޭ ގޮތަށް އޮތް ނަމަވެސް، މި ސަރުކާރުން އުސޫލަށް ބަދަލުތަކެއް ގެނައެވެ. އެގޮތުން، އާންމު އުސޫލުން މާލެ ސަރަހައްދުގައި މެދުނުކެނޑި 15 އަހަރު ދިރިއުޅެފައިވާ މީހުންނަށް ބޯހިޔާވަހިކަމަށް ޝަރުތު ހަމަވާއިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މި މުއްދަތު ވަނީ ފަސް އަހަރަށް ކުޑަކޮށްފައެވެ.
މީގެ އިތުރުން، އެމީހެއްގެ ނުކުޅެދުންތެރިކަމަށް މާލެއިން ފަރުވާ ހޯދުމަށް ދަތުރުކުރަންޖެހޭ މީހުންނާއި، އެ ހިދުމަތް ހޯދުމަށް މާލެއަށް ދިރިއުޅުން ބަދަލުކޮށްފައިވާ ފަރާތްތަކަށް ވެސް މި ކެޓަގަރީގެ ދަށުން ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ސަރުކާރުގެ އާއިލީ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހާއްސަ އިސްކަންދޭ ”ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ“ގެ ދަށުން ފްލެޓަށް އެދި ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް މި މަހުގެ 30 ދުވަހުގެ ރޭ 11:59 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފަ އެވެ.

