ފ. ފީއަލީ ބަނދަރުގައި އޮތް ތެޔޮ އުފުލާ ދޯންޏެއްގައި އިއްޔެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގެ ސަބަބުން ލިބުނު ގެއްލުމުގެ ޖުމްލަ އަދަދު 20 މިލިއަން ރުފިޔާއަށް ވުރެ އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް އެ ރަށު ކައުންސިލުން މިއަދު ހާމަކޮށްފިއެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ އިއްޔެ ހެނދުނު 9:15 ހާއިރު، ބަނދަރުގައި އޮތް ތެޔޮ ދޯނީގެ ޕަމްޕު ސްޓާޓްކުރަން އުޅުމުގެ ތެރޭގައި ހިފި ހުޅުގަނޑަކުންނެވެ.
އަލިފާންގަނޑު ކޮންޓްރޯލް ނުވެ ފެތުރިގެން ދިއުމުގެ ސަބަބުން، ކައިރީގައި އޮތް އިތުރު ތިން ދޯންޏެއްގައި ރޯވެ، ޖުމްލަ ހަތަރު ދޯނި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. މީގެ އިތުރުން، އެ ސަރަހައްދުގައި ހުރި އައިސް ޕްލާންޓް ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފައެވެ.
ފީއަލީ ކައުންސިލްގެ ރައީސް މޫސާ އަހުމަދު ވިދާޅުވީ، ހަމައެކަނި އައިސް ޕްލާންޓަށް ލިބުނު ގެއްލުން ވެސް ފަސް މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ. ”އަޅުގަނޑު އަންދާޒާ ކުރާ ގޮތުގައި ގެއްލުންވި އިތުރު ދޯނިތަކަށް ބަލާފައި 20 މިލިއަން ވަރު އަރާނެ، ވިއްޔާ އެއަށް ވުރެ ވެސް އެ އަދަދު ބޮޑުވާނެ ކަމަށް ބެލެވެނީ، ބަނދަރު ވާޓަރަށް ވެސް ވަރަށް ބޮޑަށް ގެއްލުން ވެފައި ވަނީ،“ މޫސާ ވިދާޅުވިއެވެ.
މި ހާދިސާގައި ތެޔޮ ދޯނީގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ ފިރިހެނަކު ވަނީ ވަރަށް ބޮޑަށް ފިހިފައެވެ. އޭނާގެ ހާލު ސީރިއަސްވުމުގެ ސަބަބުން، އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ނިލަންދޫ ފަޔާ ސްޓޭޝަނަށް މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ އިއްޔެ ހެނދުނު 9:30 ހާއިރުއެވެ. ނިލަންދޫ އަދި ކުޑަހުވަދޫ ފަޔާ ސްޓޭޝަނުން ގުޅިގެން ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ ހެނދުނު 10:35 ހާއިރުއެވެ.
ކައުންސިލުން އިތުރަށް ބުނި ގޮތުގައި، އައިސް ޕްލާންޓަށް ލިބުނު ގެއްލުންތައް ބެލުމަށް ފިޝަރީޒް މިނިސްޓްރީގެ ޓީމެއް މިހާރު ދަނީ އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ. އަދި ރަށުން ތެޔޮ ހުސްވެއްޖެ ހާލަތެއްގައި އެހީތެރިވުމަށް އެފްއެސްއެމް އޮތީ ތައްޔާރަށް ކަމަށް ވެސް ކައުންސިލުން މައުލޫމާތު ދެއެވެ.

