މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މާލެ ސިޓީ ކައުންސިލްގެ ބައި-އިލެކްޝަނުގައި އިދިކޮޅު އެމްޑީޕީން ކާމިޔާބީ ހޯދި ނަމަވެސް، އެ ޕާޓީގެ އެތެރޭގެ މައްސަލަތައް ގޯސްވެ ވަނީ ހޫނުވެފައެވެ. ލީޑާޝިޕްގެ ކޯޅުންތަކާއި، ޕާޓީގެ ވަގުތީ ޗެއާޕާސަން މަގާމުން ވަކިކުރުމަށް ގައުމީ މަޖިލީހަށް ސޮއި ހަމަކޮށް ހުށަހަޅާފައި ވަނިކޮށް މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުކަމުގެ މަގާމަށް ވެސް ބޮޑު ވާދަވެރިކަމެއް ވަނީ އުފެދިފަ އެވެ.
މާލެ ސިޓީ ކައުންސިލްގެ 18 ގޮނޑީގެ ތެރެއިން 16 ގޮނޑި އެމްޑީޕީން ކާމިޔާބުކޮށްފައިވާއިރު، އަލަށް އިންތިހާބުވި މެންބަރުންގެ ތެރެއިން އެމްޑީޕީގެ އިންތިހާބީ އަށް ބޭފުޅަކު ވަނީ ޑެޕިއުޓީ މޭޔަރުކަމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. އޭގެ ތެރޭގައި ހުޅުމާލެ އުތުރު ދާއިރާގެ ފާތިމަތު ޒަހިއްޔާ، ހުޅުމާލެ ދެކުނު ދާއިރާގެ އަހްމަދު ގާލިބު، ހެންވޭރު މެދު ދާއިރާގެ މީކާއިލް މުހައްމަދު ރިޔާޒު، ގަލޮޅު ދެކުނު ދާއިރާގެ އިސްމާއިލް ހަލީމް، މާފަންނު އުތުރު ދާއިރާގެ ހުސައިން ފުރުޝާން، މާފަންނު މެދު ދާއިރާގެ އައިޝަތު ހަނާ، މާފަންނު ދެކުނު ދާއިރާގެ އިބްރާހިމް ލަބާން ޝަރީފް އަދި މާފަންނު ހުޅަނގު ދާއިރާގެ މުހައްމަދު ރިލްވާން އަލީ ހިމެނެއެވެ.
މޭއި މަހުގެ 17 ވަނަ ދުވަހު ކައުންސިލަރުން ހުވާކުރުމަށްފަހު ބާއްވާ ފުރަތަމަ ޖަލްސާގައި، ސިއްރު ވޯޓަކުން ޑެޕިއުޓީ މޭޔަރަކު އިންތިހާބު ކުރާނެ އެވެ.
ކައުންސިލް އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް ތައްޔާރީތައް ކުރިޔަށް ދަނިކޮށް، އެމްޑީޕީގެ އެތެރޭގެ މައްސަލަތަކެއް ސޯޝަލް މީޑިއާއަށް ބޭރުވެގެން އައެވެ.އެމްޑީޕީގެ ތެރޭގައި އުފެދުނު އެންމެ ބޮޑު އެއް ބަހުސަކީ މި ކާމިޔާބީގެ ”ކްރެޑިޓް“ ހައްގުވަނީ ކޮން ބަޔަކަށްތޯ ކުރެވޭ ސުވާލެވެ. ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މި އިންތިހާބަށް ކުރެއްވި މަސައްކަތް އާންމު މެންބަރުން ބަލައިގަންނަމުންދާތީ، އެކަން ޕާޓީގެ ބައެއް އިސް ފަރާތްތަކަށް ހަޖަމްނުކުރެވޭ ކަމުގެ ތުހުމަތު ވެސް ވަނީ ފެންމަތިވެފައެވެ.
މި މައްސަލަ ހޫނުވީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދަށާއި ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލަށް ވާހަކަ ދެއްކެވުމުގެ ފުރުސަތު ނުދެއްވި މައްސަލައިގައެވެ. މިކަމާ ގުޅިގެން ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ޖަލްސާ ބޮއިކޮޓްކުރިއިރު، ރައީސް ނަޝީދުވެސް އެ ޖަލްސާގައި ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.
ޕާޓީގެ ކުރީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބްރޭ) ”ސަންގު“ އަށް ވިދާޅުވި ގޮތުގައި، ޕާޓީގެ އެތެރޭގައި މިހާރު ހިނގަމުންދަނީ މިލިޓަރީ އުސޫލުން މީހުން ވަކިކުރުމުގެ އަމަލުތަކެކެވެ. އިބްރޭއާއި ލީގަލް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު މައުރޫފް ކުއްލި ގޮތަކަށް މަގާމުން ވަކިކުރުމަކީ އަސާސީ ގަވާއިދާ ހިލާފު ކަމެއް ކަމަށް އޭނާ ތުހުމަތު ކުރައްވައެވެ. އިބްރޭ ވިދާޅުވި ގޮތުގައި މިއީ ރައީސް ނަޝީދަށް ލިބޭ ތަރުހީބު ފެނި، ޕާޓީ ބައިބައިކުރުމަށް ބަޔަކު އަޑީގައި ތިބެގެން ހިންގާ އަމަލުތަކެކެވެ.
މި ތުހުމަތުތަކާ ގުޅިގެން ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ”ސަންގު“ އަށް ވިދާޅުވީ، އިބްރޭ އާއި މައުރޫފް މަގާމުން ވަކިކުރީ ޕާޓީގެ މަސައްކަތްތަކުގައި ދޭންޖެހޭ އެއްބާރުލުން ނުދޭތީ ކަމަށެވެ. އަދި އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ 55 މެންބަރުންގެ ސޮޔާއެކު ހުށަހެޅިނަމަވެސް، މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށާއި، ވަކިކުރަންވާނީ ގައުމީ މަޖިލީހުގެ ވޯޓަކުންކަމަށް ވިދާޅުވިއެވެ.
މި މައްސަލަ ގޯސްވެފައި ވަނިކޮށް، ޣަފޫރު ޕާޓީގެ ހަރުގެ ޖަލްސާގައި ކާމިޔާބީ ފާހަގަކުރުމަށް އޮތް ޖަލްސާގައި ކަން ހިނގިގޮތް ސާފުކޮށްދޭ ވީޑިއޯއެއް ދައުރުވި އެވެ. އެ ވީޑިއޯގައި ޣަފޫރު ވިދާޅުވީ އޭނާ މަގާމުން ވަކިކުރަން އުޅުމަކީ އޭނާ ”ކަތިލުން“ ނޫން ކަމަށާއި، އެއީ މުޅި އެމްޑީޕީ ”ކަތިލުން“ ކަމަށެވެ.
ޣަފޫރު ވިދާޅުވި ގޮތުގައި ޖަލްސާގެ އެޖެންޑާ އެކުލަވައިލީ އޭނާ އަމިއްލައަކަށް ނޫނެވެ. ފައްޔާޒާއި ނަޝީދު ގުޅުއްވައި ވާހަކަ ދައްކަވަން ފުރުސަތު އެދިވަޑައިގަތުމުން، ކެމްޕެއިން ކޮމިޓީއާ މަޝްވަރާކޮށްފައި ގޮތެއް ނިންމަވާނެކަމަށް ވިދާޅުވިކަމަށާއި، ނަމަވެސް އެ މަޝްވަރާ ނުނިމެނީސް ޖަލްސާ ބޮއިކޮޓްކުރި ހަބަރު މީޑިއާތަކަށް އަރާފައިވާކަމަށް އޭނާ ވިދާޅުވި އެވެ.
ޣަފޫރު ވިދާޅުވީ، އޭނާ ޕާޓީއާ ހަވާލުވިއިރު އެމްޑީޕީ އޮތީ ބޮޑެތި ނާކާމިޔާބީތަކަކާ ކުރިމަތިލާންޖެހި، މަގުމަތިވެފައި ކަމަށެވެ. ހާއްސަކޮށް ވޭތުވެދިޔަ ތިން އިންތިހާބުން ޕާޓީ ފެއިލްވެ، ހަތަރު ބައި-އިލެކްޝަނުން ވެސް ނާކާމިޔާބުވިކަން ފާހަގަކުރެއްވި އެވެ. އެ ހާލަތުގައި ޕާޓީ މަގުމަތިވެފައި އޮތް ވަގުތު ތެދުވެ، ޕާޓީ ނަގާ ކޮޅަށް ޖެހީ އޭނާކަމަށް ޣަފޫރު ވިދާޅުވި އެވެ.
ޣަފޫރު ވިދާޅުވީ އިންތިހާބުގެ ކާމިޔާބީގެ ކްރެޑިޓް އޭނާ ބޭނުން ނުވާކަމަށާއި، އެއީ މެންބަރުންގެ މަސައްކަތް ކަމަށެވެ. ނަމަވެސް، ޕާޓީއަށް ކާމިޔާބީއެއް ލިބުނު ވަގުތު އޭނާ ވަކިކުރަން އުޅުމަކީ ޕާޓީ ނިކަމެތިކުރުން ކަމަށް ސިފަކުރައްވައި، އެގޮތަށް ކަންތައް ކުރުމުން ދެން ޕާޓީއާ ހަވާލުވާނީ ކާކުތޯ އޭނާ ސުވާލު އުފެއްދެވިއެވެ.

