ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެހީތެރިކަމާ އެކު ނުވަތަ ނުލައި ނަމަވެސް ހޮރްމުޒް ކަނޑުއޮޅި ހުޅުވާނަން: ޓްރަމްޕް

ޝެއާރކޮށްލާ ކަހަލަދޯ؟

އިރާނުން ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށް، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާ ދަނޑިވަޅެއްގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އިރާނުގެ އެހީތެރިކަމާ އެކު ނުވަތަ ނުލައި ނަމަވެސް ވަރަށް އަވަހަށް އެ ސަރަހައްދު ހުޅުވާލާނެ ކަމަށެވެ.

ޕާކިސްތާނުގައި އެމެރިކާ އާއި އިރާނުގެ އޮފިޝަލުންގެ މެދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސުލްހައިގެ ވާހަކަތަކުގެ ކުރިން، ހުކުރު ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ޚަލީޖުގެ މަގުތައް އެމެރިކާ އިން ހުޅުވާލާނެ ކަމަށާއި، އެކަމުގައި އެހީތެރިވުމަށް އެހެން ގައުމުތައް ވެސް ތިބީ ތައްޔާރަށް ކަމަށެވެ.

މި މުހިންމު ކަނޑުގެ ސަރަހައްދު ހުޅުވާލާނެ ގޮތުގެ ތަފްސީލެއް ޓްރަމްޕް ނުދެއްވި ނަމަވެސް، އިރާނުން އެ ސަރަހައްދުގައި ގާއިމުކޮށްފައިވާ ”ޓޯލް ބޫތު“ ނުވަތަ ފީ ނެގުމުގެ ނިޒާމަށް އެއްބަސްނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އިރާނުން އިޝާރާތްކޮށްފައިވަނީ، އެމެރިކާއާ އެކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވުނު ކަމުގައި ވިޔަސް، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ އަތުން ފީ ނަގާނެ ކަމަށެވެ.

މެރީލޭންޑްގެ ޖޮއިންޓް ބޭސް އެންޑްރޫސްގައި ހުންނަވައި އެއަރ ފޯސް ވަން އަށް އަރުއްވަމުން ޓްރަމްޕް ވިދާޅުވީ، އިރާނުން އެފަދަ ކަމެއް ކުރަން އުޅޭ ނަމަ އެކަމަށް ފުރުސަތު ނުދޭނެ ކަމަށެވެ. އަދި ކޮންމެ އެއްބަސްވުމެއްގައި ވެސް އެންމެ މުހިންމު ކަމަކީ އިރާނަށް ނިއުކްލިއާ ހަތިޔާރު ނުލިބޭނެކަން ކަށަވަރުކުރުން ކަމަށާއި، އެކަން ހާސިލުވުމުން ކަނޑުއޮޅި އަމިއްލައަށް ހުޅުވިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނިމިދިޔަ އަންގާރަ ދުވަހު އެމެރިކާ އާއި އިރާނާ ދެމެދު ދެ ހަފުތާގެ މުއްދަތަށް ހަނގުރާމަ ހުއްޓާލުމަށް އިޢުލާނުކުރި ނަމަވެސް، ކަނޑުއޮޅީގެ ދަތުރުފަތުރުތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. މީގެ ސަބަބުން ދުނިޔޭގެ ތެލާއި ގޭހުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބަޔަށް ވަނީ ބުރޫ އަރާފައެވެ. އެސް އެންޑް ޕީ ގްލޯބަލް މާކެޓް އިންޓެލިޖެންސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ހުކުރު ދުވަހު އެ ސަރަހައްދުން ދަތުރުކުރީ އެންމެ ދެ އުޅަނދެވެ.

ހަނގުރާމަ ހުއްޓާލި ފަހުން މިހާތަނަށް އެ ސަރަހައްދުން ނުކުމެފައިވަނީ އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް (AIS) ޖައްސާފައިވާ އެންމެ 22 އުޅަނދެވެ. މިއީ ހަނގުރާމައިގެ ކުރިން ދުވާލެއްގެ މައްޗަށް ދަތުރުކުރާ 135 އުޅަނދާ އަޅާބަލާއިރު ވަރަށް މަދު އަދަދެކެވެ. ލޮއިޑްސް ލިސްޓް އިންޓެލިޖެންސްގެ ރިޕޯޓްތައް ބުނާގޮތުން، މި ބަންދުގެ ސަބަބުން 325 ޓޭންކަރު ހިމެނޭހެން 600 އަށް ވުރެ ގިނަ އުޅަނދު ވަނީ ޚަލީޖު ތެރޭގައި ތާށިވެފައެވެ.

އިސްލާމްއާބާދުގައި ބާއްވާ މަޝްވަރާތައް

މި ހަނގުރާމަ ދާއިމީކޮށް ހުއްޓާލުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސްއާއި އިރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފް ހޮނިހިރު ދުވަހު އިސްލާމްއާބާދުގައި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް، މަޝްވަރާކުރެވޭނެ އުސޫލުތަކާއި އިރާނުން ހުށަހަޅާފައިވާ 10 ނުކުތާގެ ޕްލޭނާ ގުޅޭގޮތުން ދެ ގައުމުން ދެމުންދަނީ ތަފާތު މައުލޫމާތުތަކެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: