ޗާގޯސް ޖަޒީރާތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ވެފައިވާ އެއްބަސްވުން ތަންފީޒުކުރުން، އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރަސްމީ ރުހުން ނުލިބުމުގެ ސަބަބުން ވަގުތީގޮތުން މަޑުޖައްސާލައިފިއެވެ.
މި އެއްބަސްވުމާމެދު ޓްރަމްޕްގެ ޚިޔާލު ތަފާތުވެފައިވާއިރު، އެމެރިކާގެ އަސްކަރީ މަރުކަޒު އޮންނަ ޑިއޭގޯ ގާސިއާގެ ސަލާމަތާއި ރައްކާތެރިކަމާމެދު ކަންބޮޑުވުންތަކެއް ހުރިކަން އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. ޚާއްޞަކޮށް ޗާގޯސް ބޭނުންކޮށްގެން އީރާނަށް ހަމަލާ ދިނުމަށް އެ ގައުމުން ހުއްދަ ނުދިނުމުން ޓްރަމްޕް ވަނީ އެއްބަސްވުމާ ދެކޮޅަށް ވާހަކަދައްކަވާފައެވެ. ނަމަވެސް ފަހުން އިނގިރޭސިވިލާތުން ވަނީ އެ ހުއްދަ ދީފައެވެ.
އެއްބަސްވުން ތަންފީޒުކުރުން މަޑުޖައްސާލަން ޖެހުނު އަނެއް ސަބަބަކީ އިނގިރޭސިވިލާތުގެ އާންމު އިންތިޚާބަށް ޕާލިމެންޓް އުވާލަންޖެހުމުން، މިކަމާ ގުޅޭ ގާނޫނުތައް ފާސްކުރުމަށް އެކަށީގެންވާ ވަގުތު ނެތުމެވެ. އިނގިރޭސި އޮފިޝަލުން ވިދާޅުވާ ގޮތުގައި މިއީ އެއްބަސްވުން އުވާލުން ނޫން ކަމަށާއި، މިއީ ހަމައެކަނި ވަގުތީ ގޮތުން މަޑުޖައްސާލުމެކެވެ.
ޗާގޯސްގެ މިލްކުވެރިކަމުގެ މައްސަލައިގައި ދިވެހިރާއްޖެއިން ގެންގުޅޭ ސިޔާސަތަކީ އިނގިރޭސިވިލާތާއި މޮރިޝަސްގެ އެއްބަސްވުން ބަލައިނުގަތުމެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ޗާގޯސްއަކީ ރާއްޖެއަށް އެންމެ ހައްގުވާ ތަން ކަމަށެވެ. އަދި ރާއްޖެއަށް ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމަށްޓަކައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް މައްސަލަ ހުށަހެޅުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.
މި ސަރުކާރުގެ އަމާޒަކީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ރާއްޖޭގެ ސަރަހައްދަށް އެއްވެސް އުނިކަމެއް އައުމަށް ފުރުސަތު ނުދިނުމެވެ. އެގޮތުން 200 ނޯޓިކަލް މޭލުގެ ކަނޑުގެ ސަރަހައްދަކީ ރާއްޖޭގެ ސަރަހައްދެއްކަމަށް ގާނޫނުގައި ހިމެނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

