ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު އަވައްޓެރި އިންޑިއާ އިން މިއަދު ފެނިއްޖެ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ވައިރަސް ފެނިފައި ވަނީ ޗައިނާގެ ވޫހާން ސިޓީން އިންޑިއާ އަށް ދަތުރުކުރި ދަރިވަރެއްގެ ގައިން ކަމަށް ހެލްތު މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. ނޮވެލް ކޮރޯނާވައިރަސް ޖެހިފައިވާ ވޫހާން ސިޓީގައި ކިޔަވާ ދަރިވަރު ފެނިފައި ވަނީ ކެރާލާ އިންނެވެ.
ޕްރެސް އިންފޮމޭޝަން ބިއުރޯ އިން ބުނީ ވައިރަސް ފެނުނު މީހާ އަށް ހޮސްޕިޓަލްގެ އައިޒޮލޭޝަން ވޯޑެއްގައި މިހާރު ފަރުވާ ދެމުންދާ ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށާއި ޑޮކްޓަރުން ދަނީ ބަލި މީހާގެ ހާލަތު ވަރަށް ގާތުން ބަލުން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
ވައިރަހުގެ އާލާމާތްތަކަށް ޝައްކު ކުރެވޭ 400 މީހުން ކެރަލާގައި އޮބްޒަވޭޝަނުގައި ތިބި ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެ އެވެ. އިންޑިއާގެ އެކި އެއާޕޯޓްތަކުން މިހާތަނަށް ވަނީ 30،000 މީހުން ސްކްރީން ކޮށްފަ އެވެ. ޝައްކުވާ ބައެއް މީހުންނަށް ވަނީ ދިއްލީ އާއި މުމްބާއީގެ ހޮސްޕިޓަލްތަކުގެ އައިޒޮލޭޝަން ވޯޑުގައި ފަރުވާދީފަ އެވެ.

