ފާއިތުވެ މިދިޔަ ދެތިން ދުވަހެއްގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ގުޅުންހުރި ތަފާތު ވާހަކަތައް އިވިގެންދިޔައެވެ. އިސްތިއުނާފުގެ ޝަރީއަތުގެ ވާހަކަތަކާއި އިދިކޮޅު ކޯލިޝަނުން ރައީސް ޔާމީނާއި ގުޅޭގޮތުން ދެއްކި ތަފާތު ވާހަކަތަކެވެ. އެހުރިހާ ވާހަތަކެއްގެ ތެރޭންވެސް ގިނަބަޔެއްގެ ސަމާލު ކަމަށް އައި އެއްވާހަކައެއް އެބައޮތެވެ. ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން ޖަލުގައި ހުންނަވަނިކޮށް ދެފަހަރެއްގެ މަތިން ބައްދަލުވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަށް ރައީސް ޔާމީން ސިފަ ކުރެވުނު ގޮތެވެ.
މީސް މީޑިއާގައި، ހިސާބު ޢިލްމަށްވެސް ކުޅަދާނަ ބޭފުޅެއް ކަމަށް ދިވެހިރައްޔިތުންގެ ގިނަ ބަޔަކު އިއްތިފާގުވާ އަދުރޭ ވިދާޅުވާ ގޮތުން، ރައީސް ޔާމީނާއި ބައްދަލު ކުރެވުނު ދުވަހު އޭނާއަށް އެމަނިކުފާނު ސިފަ ކުރެވުނީ ޖަލު މީހެއްގެ ގޮތުގައެވެ. ފަހަރުގައި އެންމެ ދެކެން ބޭނުންވާ މަންޒަރަކީ އެއީ ކަމަށްވެދާނެއެވެ. ނޫނީ ހުވަފެނެއްގެ ގޮތުގައި ސިފަ ކުރެވުނު ކަމަކަށްވެސް ވުން ގާތެކެވެ. އެހެން އަވަހަށް އެ ހޫނުގަނޑުގައި އެވާހަކަތައް ހިއްސާކޮށް، އިހުސާސްތައް ބަންޑުން ޖަހާލައި، ދެންވާ ރައީސް ޔާމީނެއް ނެތޭ، ދެން ހުރީ ތިމަންނާ އޭ، އަންގައިދޭން ބޭނުންވާ ކަހަލައެވެ. ނޫނީ ޖަލެއްގައި ހުންނަ މީހަކު ފެނުމުން އެމީހެއް ކިބައިން ރަސްކަލެއްގެ ސިފަތަކެއް ނުފެންނާނެކަން ފަހަރުގައި ފަހުމްނުވީ ކަމަށްވެދާނެއެވެ.
ކޮންމެ މީހަކަށް ވިޔަސް، އެމީހަކު ޖަލަކަށް ދާންޖެހޭ ކުށެއް ކުރީމައެވެ. އެ ކުށަކަށް ޝަރީއަތަކުން އެދޭ އަދަބެއް ތަންފީން ކުރުމަށެވެ. ރައީސް ޔާމީނަކަސް، ވެރިކަން ކުރެއްވި އެހެން ބޭފުޅަކަސް މިކަމުގައި ހަމަހަމައެވެ. އެއްވެސް ޙާލެއްގައި ޖަލަކަށް ދަނީ ކުރު ޗުއްޓީއެއް އަކަށް ނޫނީ ޕިކްނިކް ހަދާލާފަ އަންނާކަށް ނޫނެވެ. އެހެންވީމައި، ޖަލުގައި ހުންނަ މީހަކު ޖަހާނީވެސް ޖަލުމީހެއްވައްތަރެވެ. އެމީހަކު ރައީސަކާއި، ނުވަތަ އަމީރަކީ، ނޫނީ މަހުޖަނަކާއި ވައްތަރެއް ނުވާނެއެވެ. މާޒީގައި އުޅުނު އަރާމާއި އިއްޒަތާއި ލައްޒަތު ގެއްލި، ކޮށިދަނޑާއި މަރިޔަބާއި ކަތިވަޅި ގެއްލުމުން އެއްވެސް މީހެއްގެ މޫނުމަތިން އުޖާލާކަމެއް ފެނުމަކީ ނާދިރުކަމެކެވެ.
ދުނިޔޭގެ އެކި ގައުމުތަކުގެ ޖަލުތަކުގައި އުޅެންޖެހޭ ގޮތް ވަރަށް ތަފާތެވެ. ރާއްޖެއަށްވުރެ މާހަލަތު ގޯސްތަންތަނާއި މާރަނގަޅު ތަންތަންވެސް ހުރެއެވެ. ބޭނުމަކީ ޖަލަށް ދާން، މީހުން ބޭނުން ނުވާގޮތް ހެދުމެވެ. އެހެންނޫނަސް އިޚްލާސްތެރިކަމާއި، ހެޔޮ ނިޔަތަކާއެކު، ހެޔޮ ޚިދުމަތްތަކެއް ކޮށްދެވިއްޖެނަމަ ޖަލަށްދާން ޖެހުމަކީ ދުރުގައިވާ ކަމެކެވެ. ނަމަވެސް ވައްކަމާއި އަނިޔާވެރިކަމާއި، ކޮރަޕްޝަނާއި، ފަސާދައިގެ ތެރެއިން ކަންކަން ކުރާ ވެރީންގެ އަޖަލު އަންނަނީ، ހުރަގޭން ނުވަތަ ރައްޔިތުންގެ އަތްދަށުވެ އަނިޔާތަކެއް ލިބި ފުރާނައަށް ގެއްލުންވާ ހިސާބުންނެވެ.
ޖަލަކީ ފަސްތަރީގެ ހޮޓަލެއްނޫނެވެ. ޖަލަކީ ހަމަ ތިފެނުނު ކަހަލަ ތަނެކެވެ. އެތާކު ރަން އިލޮށިން ކަނދު ކައިފައި މަޑު ގޮދަޑީގައި ނިދާފައި، އަނބިން މަގަތުލައިގެން ކޮންމެ ރައަކު ނިދަން އޮންނާކަށް ނުލިބޭނެއެވެ. އަމުދުން ޖަލަކީ މާ ހިތްފަސޭހަ ތަނަކަށް ވަންޏާ، ދައުލަތުގެ ޚަރަދުގައި ކައިބޮއި އަރާމުކޮށްލާ ހަދަން ގިނަ ބަޔަކު ދާން ބޭނުންވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެން ނޫނަސް، ސަޖިދައިގައި އޮށްވާ އެއްވެސް މީހަކު ޖަލަށް ގެންގޮސްދާނެ ކަމަށް ބުއްދީގެ ހަމަތަކުން ވިސްނައިފިނަމަ ޤަބޫލެއް ނުކުރެވެއެވެ. އެއީ އަދުރޭވެސް ޤަބޫލުކުރި ގޮތެވެ. ދެއްކި ވާހަކައެވެ.
ޖަލުގައި ހުންނަ މީހަކު ހިކި އަނަރޫފަވެފައި ހުރުމަކީ ވުން އެކަށީގެންވާ ކަމެކެވެ. އެމީހަކަށް އިހުސާސް ކުރެވޭ ހިތްދަތިކަމާއި އެކަނިވެރިކަމުގެ ސަބަބުން އެފަދަ ބަދަލެއް އަތުވެދާނެއެވެ. ރައީސް ޔާމީން ހުންނެވީ ހިކި އަނަރޫވެފައި ކަމަށް ވިދާޅުވާ ނަމަ އެއުޅެނީ ނަންބަރު އައިނުގެ މައްސަލައަކަށް ވެދާނެއެވެ. ނުވަތަ ނަންބަރު އައިނުގެ ބިއްލޫރިކޮޅު ސާފުކޮށް ނުލާ ރައީސް ޔާމީނާއި ދިމާލަށް ބަލާލެވުނީ ކަމަށްވުން ވަރަށްވެސް ގާތެވެ. މިހާރު ޖަލުގައި ތިބި އެހެން ގައިދީންނާއި ރައީސް ޔާމީނާއި ތަފާތެވެ. ކާން ވަކި މެނޫއެކެވެ. ނިދަން ސިންގަލް ރޫމް އެޕާޓްމަންޓެކެވެ. އަދި އެވެސް ގްރައުންޑް ފްލޯގައެވެ. ދުވެ ކަސްރަތު ކުރާނެތަނެއް އޮވެއެވެ.
ބޮޑު ކުށެއް ސާބިތުވެ ޖަލަށް ވަޑައިގެން ހުންނެވި އިރުވެސް، އެހެން ގައިދީންނާއި ޚިލާފަށް ފަސްތަރީގެ ހޮޓަލެއްގެ ފެންވަރުގައި ޚިދުމަތް ލިބުމަކީ ޝުކުރުވެރިވާން ޖެހޭ ކަމެކެވެ. ގައުމުގެ ވެރިއަކަށްހުރެ ޚަޒާނާއަށް އިހުމާލުވެ، ކުރި އަނިޔާތަކުން ރައްޔިތުންވެސް ތިބީ ހިކި އަނަރޫފަވެފައެވެ. ހިންގި ހިޔާނާތުގެ ބޮޑެތި ޖަރީމާތަކުން އަދިވެސް ރައްޔިތެއްގެ ގައިގައި މަސްކޮޅެއް ޖަހާނުލައެވެ. ޖަލުގައި ރަނގަޅު ކާއެއްޗެއް ނުލިބޭ ކަމަށް ތިބުނާ ބަހުގެ މާނައަކީ މިއޮތް ހުރިހާ ދުވަހު ފަރިއްކުޅުއްވީ ވަކިލާރި އާއި ކަރުދާހުގެ ނޫޓޭ ބުނާ ކަހަލައެވެ. އެއީ މީރުވާ ޒާތުގެ ކާއެއްޗެހި ކަމަށް ވާނަމަ އެކަހަލަ މީރު ކެއުމެއް ޖަލުގައި ހުންނައިރަކު ނުލިބޭނެއެވެ. އަދުރޭއަށް ކުލަ ނުވި ޖަލު މީހާ ފެންނާނީ ހަމަ ޖަލު މީހެއްގެ ގޮތުގައެވެ.


One Response
ވަރަށް ފުރިހަމަ ލިޔުމެއް. ?