މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 15 އިންސައްތަ އިތުރުވެފައިވާކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.
މީރާއިން އާންމުކޮށްފައިވާ އާމްދަނީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި، މިއަހަރުގެ މާޗު މަހުގެ ނިޔަލަށް ޑޮލަރުން ޖުމްލަ 512 މިލިއަން ޑޮލަރު ވަނީ ބަލައިގަނެފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 441 މިލިއަން ޑޮލަރާ އަޅާބަލާއިރު ކުރިއެރުމެކެވެ.
މި މުއްދަތުގައި ޑޮލަރުން ލިބުނު އާމްދަނީގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ ފަތުރުވެރިކަމުގެ ދާއިރާގެ ޖީއެސްޓީ ނުވަތަ ޓީ ޖީއެސްޓީއެވެ.
މީގެ އިތުރުން އިންކަމް ޓެކްސް، ލޭންޑް އެކިއުޒިޝަން ފީ، ގްރީން ޓެކްސް، އަދި އެއާޕޯޓު ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކްސް އަކީވެސް ޑޮލަރުން ލިބުނު އާމްދަނީގައި މުހިންމު ދައުރެއް އަދާކުރި ދާއިރާތަކެވެ.
ޑޮލަރުން އާމްދަނީ ލިބުނު މައިގަނޑު ދާއިރާތަކުގެ ތެރޭގައި ހިމެނެނީ، ޓީ-ޖީއެސްޓީގެ ގޮތުގައި ލިބުނު 269 މިލިއަން ޑޮލަރާއި، އިންކަމް ޓެކްސްގެ ގޮތުގައި 56 މިލިއަން ޑޮލަރު އަދި ލޭންޑް އެކިއުޒިޝަން އެންޑް ކޮންވާޝަން ފީގެ ގޮތުގައި 35 މިލިއަން ޑޮލަރާއި، ގްރީން ޓެކްސް: 47 މިލިއަން ޑޮލަރު އަދި އެއާޕޯޓު ޑިވެލޮޕްމަންޓް ފީ: 37 މިލިއަން ޑޮލަރުގެ އިތުރުން ޑިޕާޗަރ ޓެކްސްގެ ގޮތުގައި 36 މިލިއަން ޑޮލަރެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި މާޗު މަހު ވެސް ދައުލަތަށް 208 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ.
މިއީ މިދިޔަ އަހަރުގެ މާރިޗު މަހު ލިބުނު 178 މިލިއަން ޑޮލަރާ އަޅާބަލާއިރު 16 އިންސައްތައިގެ އިތުރުވުމެކެވެ.
މީރާގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ އަހަރު ދައުލަތަށް ޑޮލަރުން ލިބުނު ޖުމްލަ އާމްދަނީ ވަނީ 1.4 ބިލިއަން ޑޮލަރަށް އަރާފައެވެ. މިއީ އޭގެ ކުރީ އަހަރު ލިބުނު 1 ބިލިއަން ޑޮލަރާ އަޅާބަލާއިރު 37 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.

