އިންސާނީ ޙައްޤުތައް ކަށަވަރު ކޮށްދިނުމަށް މި ސަރުކާރު ވެސް ނުކުޅެދިފައިވާ ކަމަށް ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ އެމްނެސްޓީން ބުނެފި އެވެ.
އެމްނެސްޓީން މިހެން ބުނެފައިވަނީ އޭޝިއާ ޕެސިފިކް ސަރަހައްދުގައި މިދިޔަ އަހަރު އިންސާނީ ހައްގުތައް ރައްކާތެރިވެފައިވާ މިންވަރުގެ މައްޗަށް ތައްޔާރު ކޮށްފައިވާ ރިޕޯޓުގައެވެ.
އެމްނެސްޓީގެ ރިޕޯޓްގައި ބުނެފައިވަނީ މިދިޔަ ރިޔާސީ އިންތިހާބުގައި ހައްގުތައް ރައްކާތެރިކޮށް ކަށަވަރު ކޮށްދޭނެ ކަމަށް ބުނެ، މި ސަރުކާރުން ގިނަ ވައުދުތަކެއްވެފައވާ ކަމަށެވެ. ނަމަވެސް މިދިޔަ އަހަރުގެ ނިޔަލަށް އެކަމަށް މާބޮޑު ކުރިއެރުމެއް ލިބިފައެއް ނުވާކަމަށް ރިޕޯޓްގައިވެއެވެ.
ހިޔާލުފާޅު ކުރުމުގެ މިނިވަންކަން އެންމެ ފުރިހަމަ ގޮތުގައި ދެވިފައި ނުވުމުގެ އިތުރުން، މަރާލާފައިވާ އަދި ގެއްލުވާލާފައިވާ ނޫސްވެރިންނަށް އިންސާފު ހޯދައިދެވިފައި ނުވާ ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.
ރިޕޯޓުގައި ބުނެފައިވަނީ ސަރުކާރުންވީ ވައުދުތަކާ އެއްގޮތަށް ހަމަހަމަކަމާއެކު އެންމެންގެ ހައްގުތައް ރައްކާތެރިކޮށް ކަށަވަރު ކޮށްދޭން ޖެހޭ ކަމަށެވެ.
”މި ސަރުކާރުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރެއިން ވި ގިނަ ވައުދުތައް މިދިޔަ އަހަރުގެ ނިޔަލަށް ފުއްދިފައެއް ނުވޭ. ސަރުކާރުން ވައުދުތަކާ އެއްގޮތަށް ހަމަހަމަކަމާއެކު އެންމެންގެ ހައްގުތައް ރައްކާތެރިކޮށް ކަށަވަރު ކޮށްދޭންޖެހޭ“ އެމްނެސްޓީ
އެމްނެސްޓީންގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ބައެއް މަތީ ކޯޓުތަކުގައި ތިބި ފަނޑިޔާރުން ބަދަލު ކުރި ނަމަވެސް، އަދުލު އިންސާފުގެ ނިޒާމު އިސްލާހު ކުރުމުގެ މަސައްކަތަށް މިދިޔަ އަހަރު މާ ބޮޑު ކުރިއެރުންތަކެއް ލިބިފައި ނުވެއެވެ.
މަރާލާފައިވާ އަދި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނަށް ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި ޝާމިލުވާ ފަރާތްތައް ހޯދިފައި ނުވާކަމާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ޝަރީއަތް ވެސް އެކި ފަހަރުމަތިން ލަސްވެ އިންސާފު ނުލިބޭ ކަމަށް ވެސް ރިޕޯޓްގައި ބުނެފައިވެއެވެ.
ރިޕޯޓްގައި ބުނެފައިވަނީ އާ ސަރުކާރާއެކު ރާއްޖޭގައި ޒަމާނުއްސުރެ ހައްގުތައް ހިފެހެއްޓުމާއި ހުދުމުހާތުރުކަމަށް ނިމުމެއް އަންނާނެކަމަށް އުއްމީދުކުރެވުނު ނަމަވެސް، މިދިޔަ އަހަރުގެ ނިޔަލަށް އެކަން އެގޮތަށް ހިނގާފައިނުވާ ކަމަށެވެ.

