ޗައިނާއިން އުފަންވެގެން ފެތުރެމުންދާ ނުރައްކާތެރި އާ ކޮރޯނާ ވައިރަސް ފުރަތަމަ ފެނުނު ވޫހާން ސިޓީގައި ތިބި ދިވެހިން ގެންނާނީ ސީދާ ރާއްޖެއަށް ނޫން ކަމަށާއި އެ މީހުން ޓެސްޓުކޮށް ފުރަތަމަ ކަރަންޓީން ކުރާނީ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ގާތްގަނޑަކަށް 11 މިލިއަންގެ އާބާދީއެއް އޮންނަ ޗައިނާގެ ވޫހާންއިން ފުރަތަމަ ފެނުނު މި ވައިރަހަކީ ގައިން ގަޔަށް އަރާ ވައިރަހެއް ކަމަށް ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. އަދި ނިއުމޯނިއާގެ އަލާމާތްތައް ހުންނަ މި ބަލީގެ ސަބަބުން މިހާތަނަށް ބައެއް މީހުން ހާލަތު ވަނީ ސީރިއަސް ވެފައެވެ.
މިދިޔަ މަހުން ފެށިގެން ޗައިނާގެ ވުހާން ސިޓީގައި ފެތުރެމުންދާ ވައިރަހާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ ބަޔާނެއް ނެރެ، ރާއްޖެ އަށް ވެސް އެ ބަލި އައުމުގެ ފުރުސަތު އޮތުމުން، ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ލަފާދީފައިވާ ގޮތުގެ މަތީން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ބުނެފައެވެ.
ޗައިނާއިން ފެތުރުނު، ކޮރޯނާ ވައިރަސް ރާއްޖެއަށް އެތެރެ ވެދާނެ ކަމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ސްކްރީން ކުރަންވެސް ވަނީ ފަށާފައެވެ. ރައީސް އޮފީހުގައި ކޮރޯނާ ވައިރަސްއާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ ޗައިނާގައި ހުންނަ އެމްބަސީގައި 69 މީހަކު ރެޖިސްޓްރީ ވެފައިވާކަމަށެވެ. ޗައިނާގެ ވުހާންގައި ވެސް ދިވެހިންގެ ނުވަ މީހަކު ތިބިއިރު، އެތަނުން ދެ މީހަކު އެނބުރި ރާއްޖެ އަންނަން ބޭނުމެއް ނުވެއެވެ. އެހެން ކަމުން، ޗައިނާގެ ވުހާންއިން ރާއްޖެ އަންނަން ބޭނުންވާ ހަތް މީހުން ގެނައުމުގެ މަސައްކަތް ފަށާފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، ޗައިނާގެ ވުހާން ސިޓީ ހުއްޓުމަކަށް އައިސް، އެކީ ލޮކް ކުރެވިފައިވާކަމަށެވެ. އެގޮތުން އެ ސިޓީއަށް އެތެރެވުމާއި، ބޭރުވުމުގެ ފުރުސަތު އެއްވެސް މީހަކަށް ނެތް ކަމަށެވެ.
”އެނގިވަޑައިގަންނަވާނެ، ވޫހާން ސިޓީ އޮތީ ބަންދުކޮށްފައި. ލޮކްޑައުނެއްގައި. އޭގެ މާނައަކީ އެ ތަނަށް ވަދެ ނުކުތުން އޮތީ މަނާކޮށްފައި. އެހެންވީމާ، އެހެން ގައުމުތަކުން އެ ގައުމުތަކުގެ ރައްޔިތުން އެ ސިޓީން ނެރޭއިރު، އެ މީހުންނާއެކު ދިވެހިންވެސް ނެރުމަށް އަޅުގަނޑުމެން މަޝްވަރާކުރަމުންމިދަނީ،“ ޝާހިދު
ނޫސްވެރިންގެ ސުވާލުތަކަށް ޝާހިދު ވިދާޅުވީ، އެ ސިޓީއިން ދިވެހިން ނެރެގެން ގެންނާނީ ސީދާ ރާއްޖެއަކަށް ނޫން ކަމަށެވެ. އެގޮތުން އެ މީހުން އެހެން ގައުމަކަށް ގެންގޮސް ސިއްހީ ޕްރޮޓޮކޯލް ފުރިހަމަ ކުރާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ކަރަންޓީން މުއްދަތު ހަމަ ނުވަނީސް ރާއްޖެއަށް ނުގެންނާނެ ކަމަށް ވެސް ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ ވޫހާންގައި ތިބި ދިވެހިންގެ ތެރެއިން އެނބުރި ރާއްޖެ އަންނަން ބޭނުންވާ މީހުން ލަސްތަކެއްނުވެ އެ ސިޓީން ނެރެވޭނެ ކަމަށާއި، އެކަން ސަރުކާރުން ކާމިޔާބު ކުރާނެ ކަމަށެވެ.
ވުހާން ވައިރަސް މިހާރު ވަނީ ޗައިނާގެ ހުރިހާ ސިޓީއަކަށް ވެސް ފެތުރިފައެވެ. އެކަމަށް އިޝާރާތް ކުރައްވާ ޝާހިދު ވިދާޅުވީ ޗައިނާގައި ތިބި ދިވެހިން ގައުމީ އެއާލައިން މޯލްޑިވިއަން މެދުވެެރިކޮށް ރާއްޖެ ގެނައުމަށް ސަރުކާރުން ނިންމާ އެކަން ހާމަކުރި ނަމަވެސް އެކަމަށް އެދި ރެޖިސްޓްރީކޮށްފައިވަނީ ދެ މީހުން ކަމަށެވެ.
އެ މީހުން ނެރެވެންދެން، ކާބޯތަކެތީގެ ދަތިކަމާހެދި އަގުތައް އިންތިހާއަށް އުފުލިފައިވާ ވޫހާން ސިޓީގައި ތިބި ދިވެހިންނަށް ދުވާލަކަށް 50 ޑޮލަރުގެ މާލީ އެހީތެރިކަމެއް ސަރުކާރުން ފޯރުކޮށްދެމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކޮރޯނާ ވައިރަސްއާ ގުޅިގެން، ރާއްޖޭން ޗައިނާއަށް ކުރާ ސީދާ ދަތުރުތައް މެދުކަނޑާލަން ސަރުކާރުން މިހާރު ވަނީ ނިންމާފަ އެވެ. އޭގެ އިތުރުން، މި ދުވަސްވަރު ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، ރާއްޖޭން ބޭރަށް ދަތުރުނުކުރުމަށް ސަރުކާރުން މިއަދު ވަނީ އިލްތިމާސްކޮށްފަ އެވެ.
ޗައިނާގެ ހުރިހާ ސަރަހައްދަކުން މިހާރު ކޮރޯނާ ވައިރަސް ފެތުރިފައިވާއިރު، އެ ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 170 އަށް ވަނީ އަރާފަ އެވެ. އަދި މިހާތަނަށް 7،711 މީހުނަށް އެ ވައިރަސް ޖެހިފައިވާއިރު، އެ ވައިރަސް ޖެހިފައިވާ މީހުން ވަނީ ތަފާތު 16 ގައުމަކުން ފެނިފަ އެވެ. އޭގެ ތެރޭގައި އަވަށްޓެރި ސްރީލަންކާގެ އިތުރުން އިންޑިއާވެސް ހިމެނެ އެވެ.

