ކޮރޯނާ ވައިރަސްއަށް ޝައްކުވާ މީހަކު ރާއްޖެއިން ފެނިއްޖެއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރ އަމީން ވިދާޅުވީ އުމުރުން 20 އަހަރުގެ އެ ދިވެހި ފިރިހެން މީހާ މިހާރު ވަނީ ކ. ފުނަދޫގައި އެކަހެރިކުރެވިފައި ކަމަށެވެ.
އަމީން ވިދާޅުވީ، ޗައިނާގެ ޒިއާބިން ސިޓީން އޭނާ ރާއްޖެ އައީ ރޭގެވަގުތެއްގައި ކަމަށެވެ.
އެމީހާއާ ބެހޭ އިތުރު ތަފްސީލެއް މިނިސްޓަރު ނުދެއްވައެވެ.
އައިޖީއެމްއެޗުން އޭނާ ބެއްލެވި ޑޮކްޓަރު ޒިޔާން ވިދާޅުވީ، އޭނާ ރާއްޖެ އައި ފަހުން ބޭރަށް ގޮސްފައެއް ނުވާ ކަމަށާއި މާލެ އައި ގޮތަށް ހުރީ ކޮޓަރީގައި ކަމަށެވެ. އަދި އިތުރު ބަޔަކާ ބައްދަލުކޮށްފައި ނުވާ ކަމަށް ވެސް އޭނާ ބުނެއެވެ.
ޒިޔާން ވިދާޅުވީ، އޭނާގެ ހާލު އެހާ ސީރިއަސް ނޫން ކަމަށާއި އަލާމާތަކަށް ފެނުނީ ރޯގާ އެކަނި ކަމަށެވެ. އަދި ލޭގެ ޓެސްޓް ހެދުމަށް ސާމްޕަލް ފޮނުވާފައި ވާކަމެވެ.
ވައިރަހަށް ޝައްކު ކުރެވޭ މީހާ އެއާޕޯޓުން ސްކްރީން ކުރި އިރު އޭނާގެ ގައިން ބަލީގެ އަލާމާތެއް ފެނިފައެއް ނުވެއެވެ. ރޯގާ ޖެހުނީ މާލެ އައި ފަހުންނެވެ.

