ޢިރާގުގެ ސަރުކާރު އެކުލަވައިލުމަށް ހުރަސްއެޅިފައި އޮތް ސިޔާސީ ނުތަނަވަސްކަމަށް ނިމުމެއް ގެނެސް، އެ ޤައުމުގެ އައު ރައީސަކަށް ނިޒާރު އަމީދީ އެ ޤައުމުގެ ޕާލަމަންޓުން އިންތިޚާބުކޮށްފިއެވެ.
ޕޭޓްރިއޮޓިކް ޔޫނިއަން އޮފް ކުރުދިސްތާން (ޕީޔޫކޭ) ގެ ފަރާތުން ރައީސްކަމަށް ކުރިމަތިލެއްވި އަމީދީ މި މަޤާމަށް ހޮވިވަޑައިގަތީ ހޮނިހިރު ދުވަހު ބޭއްވި ވޯޓުލުމުގެ ދެވަނަ ބުރުގައި 227 ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ. އޭނާއާ ވާދަކުރެއްވި އަމިއްލަ ކެންޑިޑޭޓް މުޘައްނާ އަމީން ނާދިރަށް ލިބިވަޑައިގަތީ 15 ވޯޓެވެ. މިއީ 2003 ވަނަ އަހަރު އެމެރިކާ އިސްވެ އޮވެ ޢިރާގަށް އެރި އުދުވާނުގައި ސައްދާމް ޙުސައިންގެ ވެރިކަން ވައްޓާލި ފަހުން އެ ޤައުމުގެ ރައީސްކަމާ ހަވާލުވެވަޑައިގަންނަވާ ހަވަނަ ބޭފުޅާއެވެ.
އިންތިޚާބަށްފަހު ޕާލަމަންޓުގައި ވާހަކަފުޅު ދައްކަވަމުން އަމީދީ ވަނީ ކުރިއަށް އޮތް މަސައްކަތްތަކުގެ ބުރަކަން ފާހަގަކުރައްވާފައެވެ. ”ޤައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ބޮޑުމިން އަޅުގަނޑަށް ރަނގަޅަށް ވަޒަންކުރެވޭ،“ އަމީދީ ވިދާޅުވިއެވެ. އަދި ދައުލަތުގެ ތިން ބާރާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށާއި، ”ޢިރާގު އިސްކުރުން“ އެއީ އެންމެ އިސް ސިޔާސަތު ކަމުގައި ހައްދަވާނެ ކަމަށް އޭނާ ވަޢުދުވެވަޑައިގަތެވެ. މީގެ އިތުރުން، އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ކުރި ހަނގުރާމައިގެ ތެރޭގައި ޢިރާގަށް ދީފައިވާ ހަމަލާތައް އަމީދީ ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.
މި އިންތިޚާބު ބާއްވާފައި މިވަނީ، އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ކުރި ހަފުތާތަކެއްގެ ދިގު ހަނގުރާމައިގެ ނޭދެވޭ އަސަރުތައް ޢިރާގަށް ފޯރާފައިވާ ނާޒުކު ދަނޑިވަޅެއްގައެވެ. މި ހަނގުރާމަ ހުއްޓާލާފައިވަނީ މި ހަފުތާގެ ކުރީކޮޅު އިޢުލާންކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކާ އެކުގައެވެ.
ފާއިތުވި ދުވަސްތަކުގައި އީރާނުގެ ތާއީދު އޮންނަ ޢިރާގުގެ ހަތިޔާރު އެޅި ޖަމާޢަތްތަކުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި ޑިޕްލޮމެޓިކް އިދާރާތަކަށް ހަމަލާދީފައިވެއެވެ. އަދި އެމެރިކާ އާއި އިސްރާއީލުން އެ ޖަމާޢަތްތަކަށް އަމާޒުކޮށް ދިން ރައްދު ހަމަލާތަކުގައި ޢިރާގުގެ އަސްކަރިއްޔާގެ ބައެއް ސިފައިން ވަނީ ޝަހީދުވެފައެވެ.
ރައީސަކު އިންތިޚާބުވުމާއެކު، ދެން އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިފައިވަނީ ބޮޑުވަޒީރަކު އައްޔަންކުރުމުގެ މައްޗަށެވެ. 2003 ވަނަ އަހަރު އެމެރިކާ އިން ޢިރާގަށް އަރައި، ވެރިކަން ހިންގުމަށް އެކުލަވައިލި މަޛްހަބީ ބަހާލުމުގެ ނިޒާމުގެ ދަށުން، ރައީސްކަމުގެ މަޤާމަށް ހަމަޖައްސަންޖެހެނީ ކުރުދީ ބޭފުޅެކެވެ. އަދި ބޮޑުވަޒީރަކަށް ޝީޢީ މުސްލިމަކު ހުންނަންޖެހޭއިރު، ޕާލަމަންޓުގެ ރައީސަކަށް ހުންނަންޖެހެނީ ސުންނީ މުސްލިމެކެވެ.

