ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިނާންގެ ގޮނޑި ގެއްލުން: ހިތަދޫ އުތުރު ދާއިރާއަށް ކުރީގެ މޭޔަރު ސޯބެގެ ޝައުގުވެރިކަން!

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ)/ ފޮޓޯ: ވިޔަވަތި ފޯރަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރުކަމުގެ ގޮނޑި ހުސްވުމާ ގުޅިގެން، އެ ދާއިރާއަށް ކުރިމަތިލުމަށް އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ޝައުގުވެރިކަން ފާޅުކުރައްވައިފިއެވެ.

ސޯބެ މިކަން ހާމަކުރެއްވީ، އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި، ޕީއެންސީގެ މެންބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރުމާ ގުޅިގެންނެވެ.

ސިނާންގެ ގޮނޑި ގެއްލުނީ، އޭނާ އާއި އިތުރު މީހަކު ބައިވެރިވެގެން މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އިން ނަގާފައިވާ ލޯނަކަށް ދައްކަންޖެހޭ 2.5 މިލިއަން ރުފިޔާ، ކޯޓުގެ ހުކުމާ އެއްގޮތަށް ދައްކާފައި ނުވާތީއެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ޣާލިބް ސަލީމް ކިޔާ އަމިއްލަ ފަރާތަކުންނެވެ.

މި މައްސަލައިގެ ހުކުމް އިއްވީ، ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މައްސަލައިގެ ރައުޔު އިއްވަވަމުން ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ވިދާޅުވީ، އޮކްޓޫބަރު 2024 ގައި ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާކަން ސާބިތު ވާތީ، ގާނޫނުއަސާސީގައި ބަޔާންކުރާ މެންބަރެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތު ސިނާންގެ ކިބައިން އުނިވެ، ގޮނޑި ގެއްލިފައިވާ ކަމަށެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމުން، ދާއިރާއަށް މެމްބަރަކު އިންތިހާބު ކުރުމަށް ބައި އިލެކްޝަނެއް ބާއްވާނެ އެވެ. މައްސަލައިގައި ހުކުމް އިއްވީ މިއަދުގެ މެންދުރުކަމަށްވުމާއި އެކު، މިހާތަނަށް ސޯބެ ފިޔަވައި އިތުރު ބޭފުޅަކު ގޮނޑިއަށް ޝައުގުވެރިކަން ހުރިކަން ހާމަކޮށްފައެއް ނުވެ އެވެ. އަދި ދާއިރާގެ ބައި އިލެކްޝަނަށް ވާން ޖެހޭ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން ފަށާނީ، އީސީއަށް ރަސްމީކޮށް އަންގަން ޖެހޭ އެންގުންތައް ފޮނުވުމުންނެވެ.

އައްޑޫ ސިޓީގެ މޭޔަރުކަން ދިގު މުއްދަތަކަށް ކުރައްވާފައިވާ ސޯބެއަށް އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ތާއީދު ކުރައްވާފަ އެވެ. މީގެ އިތުރުން މީގެ ކުރިން މަޖިލިސް މެމްބަރުކަމުގައި ހުންނެވި، އަހުމަދު އަސްލަމް ގޮނޑިއަށް ވާދަކުރަން ޖެހޭކަމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ.

2024 ވަނަ އަހަރު އޮތް މަޖިލިސް އިންތިހާބުގައި ވެސް އަސްލަމް އެ ގޮނޑިއަށް ވާދަކުރެއްވި އެވެ. ނަމަވެސް ސިނާން 1079 ވޯޓުން ގޮނޑި ކާމިޔާބު ކުރެއްވިއިރު، އަސްލަމްއަށް ލިބިވަޑައިގަތީ 838 ވޯޓެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: